Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިރިއުޅުމުގެ އަގު

ޔޫރޯޒޯނުގެ އިންފުލޭޝަން ރެކޯޑު މިންވަރަކަށް ބޮޑުވެ 10 އިންސައްތައަށް އަރައިފި

ފާއިތުވި ސެޕްޓެންބަރު މަހުގައި ޔޯރޯ ޒޯނުގެ އިންފުލޭޝަން ރެކޯޑު މިންވަރަކަށް މަތިވެ، 10 އިންސައްތައަށް އަރައިފިއެވެ. އެއާއެކު ޔޫރަޕުގެ މަރުކަޒީ ބޭންކުން އިންޓަރެސްޓު ރޭޓު މި އޮކްޓޯބަރު މަހުގައި އަނެއްކާވެސް ބޮޑުކުރާނެކަމަށް ބެލެވެން ފަށައިފިއެވެ.

ފައިސާއެއްގެ ގޮތުގައި ޔޫރޯ ބޭނުންކުރާ 19 ޤައުމުގައި މުދަލާއި ޚިދުމަތްތަކުގެ އަގު 10 އިންސައްތައަށް ސެޕްޓެންބަރުގައި ބޮޑުވެފައިވަނީ، އޯގަސްޓުގައި 9.1 އިންސައްތާގައި އަގުތައް ހުރުމަށްފަހުގައި ކަމަށް އެ ސަރަހައްދުގެ ތަފާސްހިސާބާ ބެހޭ އިދާރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. ކުރިން އަންދާކުރެވިފައިވަނީ ސެޕްޓެންބަރު މަހުގައި އިންފުލޭޝަން ހުންނާނީ 9.7 އިންސައްތާގައި ކަމަށެވެ.

މީގެ 70 އަހަރު ކުރިން ކޮރެއާ ހަނގުރާމައިގެ ދުވަސްވަރުގައި އިންފުލޭޝަން ހުރި މިންވަރަށްވުރެ މައްޗަށް، ޔޫރަޕުގެ އެންމެ ބޮޑު އިޤުތިޞާދު ކަމުގައިވާ ޖަރުމަންވިލާތުގެ އިންފުލޭޝަން މަތިވެފައިވާކަން އެ ޤައުމުގެ ރަސްމީ ހިސާބުތަކުން ދައްކައެވެ.

މައިގަނޑު ގޮތެއްގައި ޔޫރަޕުގައި އިންފުލޭޝަން މަތިވަނީ ހަކަތައާއި ކާބޯތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުންކަމަށްވީ ނަމަވެސް އެހެން ދާއިރާތަކުގައިވެސް އަގުތައް އަންނަނީ ބޮޑުވުމުންކަން ހިސާބުތަކުން ދައްކައެވެ.

އަދި އަސާސީ އިންފުލޭޝަނުގެ ގޮތުގައި ބަލާ ކާބޯތަކެއްޗާއި ހަކަތަ ނުހިމަނާ އެހެން ދާއިރާތަކުގެ އަގުތައްވެސްވަނީ ވަރަށް ބޮޑަށް ސެޕްޓެންބަރު މަހު އިތުރުވެފައެވެ. އަދި ޔޫރަޕުގެ މަރުކަޒީ ބޭންކުގެ އަންދާޒާތަކަށްވުރެ ބޮޑަށް އިންފުލޭޝަން އުފުލުމަކީ އެ ބޭންކުން އިތުރު ފިޔަވަޅުތަކެއް އަޅަން ލާޒިމުވާނެ ކަމެއް ކަމުގައި މާހިރުން ދެކެއެވެ.

ކާބޯތަކެއްޗާއި ތެލާއި ހަކަތައިގެ ބާވަތްތައް އުނިކުރުމަށްފަހު އެހެން މުދަލާއި ޚިދުމަތުގެ އަގުތައްވަނީ 6.1 އިންސައްތަ މަތިވެފައެވެ. އަދި ފާއިތުވި އަހަރާ އަޅާބަލާއިރު ކާބޯތަކެތީގެ އަގު 13 އިންސައްތަ އަދި ހަކަތައިގެ އަގު 41 އިންސައްތަވަނީ މަތިވެފައެވެ.

މި ލިއުމާއި ގުޅޭ