ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި އުޞޫލުލް ފިޤުހުގެ ޢިލްމު އުނގެނިވަޑައިގެން ހުންނެވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލިތާ 10 އަހަރުވީއެވެ. އެ މަނިކުފާނުގެ ޠާހިރު ލޭ ފޮދު އޮހޮރުވާލައި އަނިޔާވެރި ގޮތުގައި ޤަތުލުކޮށްލި ހާދިސާއަށް ދަހަރެއް ފުރިހަމަވެ އަނެއް ދަހަރު ފެށުނީއެވެ. މިއަދުވެސް އަޅުގަނޑުމެން ކުރިމަތީ އޮތީ އެ ދުވަހުވެސް އަޅުގަނޑުމެން ކުރިމަތީ އޮތް ސުވާލެވެ. އިންސާފުގެ އަލިކަމުގެ ކަނިފުކެއްގެ މިންވަރުވެސް ފެނޭތޯއެވެ؟ އިންސާފު ލިބުމުގެ އުންމީދެއް އެބައޮތްތޯއެވެ؟
ޑރ.އަފްރާޝީމް އަވަހާރަކޮށްލުމަކީ ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚުގައި ހިނގި އެންމެ އަނިޔާވެރި އަމަލެވެ. ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއްގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް މިފަދަ އަނިޔާވެރި ގޮތެއްގައި ޝަހީދުކޮށް އަވަހާރަކޮށްލެވިފައި ކުރިން ނެތެވެ. އަދި އެ ފަހުންވެސް އެފަދަ ކަމެއް ފެނިފައި ނެތެވެ. އެހެންކަމުން އެ ޤަތުލުގެ ތަހުގީގު ފުރިހަމަނުކުރެވި އެ އަނިޔާވެރި މަރަށް އިންސާފު ނުހޯދި އޮތުމަކީ ދިވެހި ދައުލަތުގެ މޫނުގައި ޖެހިފައިވާ ކަޅު ލައްގަނޑެކެވެ.
ޑރ.އަފްރާޝީމު އަވަހާރަކޮށްލުމަކީ އެމަނިކުފާނުގެ އާއިލާއަށާއި، އެމަނިކުފާނުގެ ދަރިވަރުންނަށާއި، ގާތް އެކުވެރި ރަހުމަތްތެރިންނަށް ބޮޑު ހިތާމައެކެވެ. ޒަމާންތަކާއެކުވެސް އެކަމެއްގެ އަސަރު ފިލައިގެން ނުދިޔަ މޮޅިވެރިކަމެކެވެ. ނަމަވެސް އެ އަނިޔާވެރި ޤަތުލު ވެފައިވަނީ ރާއްޖޭގެ ބައެއް ސިޔާސީންނަށް އަގުހުރި ސިޔާސީ ހަތިޔާރަކަށެވެ. ރައްޔިތުންގެ އިހުސާސުތަކާ ކުޅެލައި، ޖަޒުބާތުގެ ހުޅުގަނޑު ރޯކޮށްލައިގެން ސިޔާސީ މަންފާ ހޯދުމަށް ބޭނުންކުރާ އާލަތަކަށެވެ.
މިދެންނެވި ސިޔާސީންގެ ތެރެއިން އެންމެ ހުތުރުކޮށް ޑރ.އަފްރާޝީމުގެ ޤަތުލުގެ ނާޖާއިޒު ބޭނުންކުރެއްވި އެއް ބޭފުޅަކީ މިހާރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲއެވެ. ދީނީ އިލްމުވެރިއެއްކަމަށް ދައުވާކުރައްވާ، ސަނަދާއި ތައުލީމުގެ ގޮތުން ދީނީ އިލްމުވެރިޔަކަށް ވެވަޑައިގަންނަވާ ބޭފުޅަކަށްވީ ނަމަވެސް މިކަމުގައި އިމްރާން އުޅުއްވަނީ އެހެން ސިޔާސީ ބޭފުޅުންނަށްވުރެ ދެތިން ދަރަޖަ އުހުގައެވެ.
2015 ވަނަ އަހަރު އެއިރުގެ އިދިކޮޅު އިއްތިހާދުން މާލޭގެ މަގުތަކުގައި ބޭއްވި މޭ ޑޭ މުޒާހަރާއަކީ ފަހުގެ ތާރީޚެއްގައި މާލޭގައި ބޭއްވި މި ބާވަތުގެ އެންމެ ބޮޑު އެއްވުމެވެ. އެ އެއްވުމުގައި އެއްވެތިބި ގިނަ ބަޔަކާ މުޚާޠަބުކުރައްވައި އިމްރާން ދެއްވި ތަޤުރީރަކީ ޖަޒުބާތާއި އަސަރުން ފުރިގެންވާ ތަޤުރީރެކެވެ. އެ ތަޤުރީރުގައި އެންމެ ގިނައިން ތަކުރާރުކުރެއްވި ނަންފުޅަކީ ޑރ.އަފްރާޝީމުގެ ނަންފުޅެވެ.
އޭގެ ކުރިން 2012، 2013 ގެ އެކި ތާރީޚުތަކުގައިވެސް ޢިމްރާންވަނީ ތަފާތު އެކި މަޤާމުތަކުގައި ޑރ.އަފްރާޝީމުގެ ނަންފުޅު އެކި ގޮތްގޮތަށް ބޭނުންކުރައްވާފައެވެ. އެ ދުވަސްވަރު އެ ޤަތުލުގެ ތުހުމަތު އިމްރާން އަމާޒުކުރެއްވީ އެމްޑީޕީގެ އެއިރުގެ ލީޑަރު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށެވެ.
މޭ ޑޭ މުޒާހަރާގައި އެ ޤަތުލުގެ ތުހުމަތު އަމާޒުކުރެއްވި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް ޢަބްދުﷲ ޔާމީނަށެވެ. އެފަހަރު އަތްޕުޅުގައި ހުރި ކަރުދާސްތަކެއް ދައްކަވަމުން ވިދާޅުވެފައިވަނީ "މިހިރީ ޑޮކިއުމެންޓްސް" ކަމަށެވެ. ކިތާބީ ހެކިން ރައީސް ޔާމީނާ އެ ޤަތުލު ގުޅުވައިލެވޭކަމަށް ވިދާޅުވެ އުފެއްދެވި ނަފުރަތުގެ އަލިފާންގަނޑު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށްވެސް ހަންމަތަނުވެއެވެ. އެ އަލިފާނުގެ ހޫނުގައި ދިވެހިން ނިކުމެ ސަރުކާރު ބަދަލުކުރުމުން ހޯމް މިނިސްޓަރުގެ މަޤާމު އިމްރާނަށް ލިބިވަޑައިގެންފިއެވެ. ނަމަވެސް އަދިއަދަށްވެސް އެދުވަހު އެ ވިދާޅުވި ކިތާބީ ހެއްކެއް ނުދެއްކުނެވެ. އިންސާފުގެ މަގުގައި ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުއްވުނެވެ.
ޑރ.އަފްރާޝީމުގެ ޤަތުލުގެ ޙަޤީޤަތް ހާމަކުރައްވާނެކަމަށް ވިދާޅުވި އަނެއް ބޭފުޅަކީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މިހާރު ރަައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒެވެ. ރިޔާޒު ވިދާޅުވެފައިވަނީ އެންމެ މުނާސަބު ވަގުތުގައި އެންމެ އެކަށީގެންވާ މަންސަ (ޕްލެޓްފޯމު)ގައި އެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.
ރިޔާޒުވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި މަރު ކޮމިޝަނަށް އެ މަރާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. ނަމަވެސް މިހާތަނަށް އޭނާއަށް އެނގިވަޑައިގަންނަވާ މައުލޫމާތު އާންމުންނަށް ހާމަނުކުރައްވައެވެ.
އެހެންކަމުން އަދިއަކު މަރު ކޮމިޝަނުގައި ތިއްބެވި ބޭފުޅުންނަށް ނޫނީ ރިޔާޒަށް އެނގިވަޑައިގަންނަވަނީ ކޮން ވާހަކަތަކެއްކަން އެނގިފައި ނެތެވެ. ރިޔާޒުވެސް އެފަދައިން ކަންކުރައްވާތީ އާންމުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއެވެ. އެ ފާޑުކިޔުންތަކާމެދު ބަސްފުޅެއް ވިދާޅުނުވުމަކީ ރިޔާޒުގެ ސިޔާސަތެވެ. އެއިން ފާޑުކިޔުމެއް ފެނިވަޑައިގަންނަވާކަމަށް ނުހައްދަވައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގަތުމަށް 2018 ވަނަ އަހަރު ކުރެއްވި ކެމްޕޭނުގެ މައިގަނޑު އެއް އަސާސަކީ ޑރ.އަފުރާޝީމުގެ މަރަށް އިންސާފު ހޯދައިދިނުމެވެ. ވެރިކަން ލިބިވަޑައިގަތުމާއެކު މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން ކޮިމިޝަނެއް އުފައްދަވައި ޑރ.އަފްރާޝީމުގެ ޤަތުލުގެ ޙަޤީޤަތް ހޯދުން އެ ކޮމިޝަނާ ހަވާލުކުރިއެވެެ.
އެ ކޮމިޝަން އުފެދުނުއިރު ކޮމިޝަނުގެ ރައީސަކީ މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދެވެ. ސުޢޫދާއެކު ކޮމިޝަނުން ކުރި މަސައްކަތްތަކަށް ފަހުގައި ރިޕޯޓެއް އެކުލަވައިލާ އާންމުކުރިއެވެ. އެ ރިޕޯޓުގައި ފާހަގަކުރި އެއްވެސް މީހަކާމެދު އެޅުނު ފިޔަވަޅެއް ނެތެވެ. ކުރެވުނު ދައުވާއެއް ނެތެވެ. އެ ރިޕޯޓުގައި ހުރި ވާހަކަތަކުގެ އަސާސެއް ކަމުގައި ބަލާފައިވަނީ ކޮން ހެކިތަކެއްކަންވެސް އެނގޭ މީހަކު ނެތެވެ.
ރިޕޯޓުގެ ފޭރާން ހެޔޮކަން ހުރި މިންވަރަކީ ބޭރު ޤައުމެއްގައި ކިޔަވަންހުރި ދަރިވަރަކު ޗުއްޓީ ނިންމައިލުމަށްފަހު ފުރައިގެން ކިޔަވަންހުރި ޤައުމަށް ދިޔައީތީ އެކަންވެސް ޑރ.އަފްރާޝީމުގެ ޤަތުލާ ގުޅުވައިގެން ގެނެސްފައިވުމެވެ. އެ މުޅި ރިޕޯޓު ސިފަވީ ޑރ.އަފްރާޝީމު އަވަހާރަކޮށްލުމުގެ ޙަޤީޤަތްތައް އެހެން ގޮތަކަށް އަނބުރައިލަން ކުރެވުނު މަސައްކަތެއްގެ ގޮތުގައެވެ.
އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ކޮމިޝަނަށް މި މައްސަލާގައި ހާސިލުވީ މާނަހުރި އާރުލާ އެއްވެސް ކަމެއް ނެތެވެ. ކޮމިޝަނުގައި ތިއްބެވި އެކްޓިވިސްޓުން ނުރުހޭ ބައެއްގެ ނަންތައް ކިލަނބުވާ ގޮތަށް ވާހަކަތަކެއް ހިމަނައިގެން ރިޕޯޓެއް ނުނެރޭ ވާހަކައެއް ނޫނެވެ.
ޑރ.އަފްރާޝީމް އަވަހާރަކޮށްލިތާ 10 އަހަރު ފުރޭއިރު އެމަނިކުފާނުގެ މަރަށް ޙަޤީޤީ އިންސާފު ލިބުން އަދައިގެން ތިބި އެތައް ހާސް ބަޔަކަށް ތަސައްލީއެއް ނެތެވެ. އެމަނިކުފާނުގެ އާއިލާއަށް ޖަވާބެއް ނުލިބެއެވެ. ޙަޤީޤަތް އަދިވެސް އޮތީ ކަފުންވެފައެވެ.
މި ޤަތުލުގެ އަމަލީ ބައިވެރިންގެ ތެރެއިން ކުށްވެރިވީވެސް އެންމެ މީހެކެވެ. ދެން އެކަމުގައި އުޅުނު މީހުން މުޖުތަމައަށް ވީއްލިއްޖެއެވެ. އެކަމުގެ ޙަޤީޤަތް ބަދަލުކޮށް އޮޅުވައިލަން އެކި ގޮތްގޮތަށް އެތައް މަސައްކަތެއްކޮށް، އެ އަނިޔާވެރި ޤަތުލުގެ އަމަލީ ބައިވެރިންގެ ބައިވެރިވުމާމެދުވެސް ޝައްކު އުފައްދައިފިއެވެ.
ޑރ.އަފްރާޝީމާ ގާތް ގުޅުމެއް އޮތް، އެމަނިކުފާނާއެކު ދުވަސްތައް ހޭދަކުރި އެންމެންގެ ހިތުގައި މިއަދު އުފެދޭ ސުވާލަކީ މިފަދަ މައްސަލައެއް މިހާ ބޮޑަށް އޮޅުންބޮލުންކޮށް ހަޤީޤަތްތައް ވަންހަނާވާނެ ގޮތަށް އަމަލުކޮށް، އެ އަނިޔާވެ މަރުގައި އަމަލީ ގޮތުން ބައިވެރިވި މީހުން މިނިވަންވާނެ ގޮތަށް ބަޔަކު ކަންކަން ކުރީ ކީއްވެހެއްޔެވެ؟ އިންސާފުގެ ހުރިހާ ދޮރެއް ބޮޑު ތަޅުއަޅުވައި ބަންދުކޮށްފައިވަނީ ކީއްވެހެއްޔެވެ؟ ބާރުހުރި މަޤާމުތަކަށް އަންނަން ކުރި މަސައްކަތުގައި އަފްރާޝީމުގެ ނަންފުޅު ތަސްބީހައެއްހެން ވިދާޅުވީ ބޭފުޅުންގެ ދޫފުޅުން މިއަދު އެ ނަންފުޅު ނީވެނީ ކީއްވެހެއްޔެވެ؟