ރާނީ އެލިޒެބެތު ދެވަނައިގެ މަޤުބަރާއަށް ޒިޔާރަތްކުރަން ދައްކަންޖެހޭ އަގުގެ ގޮތުގައި ޝާހީ އާއިލާއިން އިއުލާނުކުރި އަގު ބޮޑުވުމުން އިނގިރޭސީންގެ ނުރުހުން ޝާހީ އާއިލާއަށް އަމާޒުވެއްޖެއެވެ. ޚާއްޞަ މި ވަގުތަކީ އިނގިރޭސި ރައްޔިތުން އިޤުތިޞާދީ ގޮތުން ދަތި ދުވަސްތަކެއް ކުރިމަތިވެފައިވާ ދުވަސްވަރަކަށް ވާތީއެވެ.
ޝާހީ އާއިލާއިންވަނީ ބައެއް ގަނޑުވަރުތައް އާންމުންނާއި ފަތުރުވެރިންނަށް ހުޅުވައިލަން ނިންމައި އެކަން އިއުލާނުކޮސްފައެވެ. އެގޮތުން ހުޅުވައިލާ ގަނޑުވަރުތަކުގެ ތެރޭގައި ވިންޑްސޯ ގަނޑުވަރު ހިމެނެއެވެ. އެ ގަނޑުވަރުގެ ތެރޭގައި ހުންނަ ސެއިންޓް ޖޯޖު ފައްޅިއަކީ ރާނީ އެލިޒެބެތު ފަސްދާނުލާފައިވާ ތަނެވެ.
ހަފުތާ ބަންދުގައި އެ ގަނޑުވަރަށް ވަންނަން ދޫކުރާ ޓިކެޓެއްގެ އަގަކީ 28.5 ސްޓާލިން ޕައުންޑެވެ. އަދި ހަފުތާގެ އެހެން ދުވަސްތަކުގައި 26.5 ޕައުންޑަށް ޓިކެޓު ވިއްކަން ނިންމާފައިވެއެވެ. އާއިލާތަކާއި ދަތުރު ހަދާފައިވާ ޖަމާއަތްތަކަށް އެއަށްވުރެ ކުޑަ އަގުގައި ޓިކެޓު ލިބޭނެއެވެ.
ރާނީގެ މަޤުބަރާއަށް ޒިޔާރަތްކުރާ މީހުންނަށް ދޫކުރާ ޓިކެޓުތައް އަގުބޮޑުވުމާ ގުޅިގެން ގިނަ ބަޔަކު މީސްމީޑިއާގެ މަންސަތަކުގައި ޝާހީ އާއިލާއަށް ފާޑުކިޔާފައިވެއެވެ. އެ މީހުން ފާހަގަކުރާ ގޮތުގައި މި ދަނޑިވަޅަކީ އިނގިރޭސި ރައްޔިތުން ބޮޑު އިޤުތިޞާދީ ދަތިކަމެއް ތަހައްމަލުކުރާ ދަނޑިވަޅެކެވެ.
އަދި އެމީހުން ފާހަގަކުރި ގޮތުގައި އާންމުންނަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިކަމަށް އެއްވެސް ބެލުމެއް ނެތި ޝާހީ އާއިލާއިން ހަމައެކަނި އަމާޒުހިފާފައިވަނީ ވީހާވެސް ގިނަ ފައިސާއެއް ޖަމާރުމަށެވެ.
މީސްމީޑިއާގައި ޚިޔާލުފާޅުކުރި ބައެއް މީހުން ބުނެފައިވަނީ ރާނީ އެލިޒެބަތުގެ ޤަބުރުން ޝާހީ ޢާއިލާއިން ފައިދާ ނެގުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. ޓުވިޓާގައި ޚިޔާލުފާޅުކުރި އެކަކު ބުނެފައިވަނީ އެ ތަނަކީ ރާނީ އޮތް ތަންކަމުގައިވާތީ އެތަނަކީ އާންމުން ދާ ހިތްވާ ތަނެއް ކަމުގައިވާތީ އެކަމުގެ ނާޖާއިޒު ބޭނުން ހިފައިގެންނުވާނެ ކަމަށެވެ.
ލިޔުންތެރިޔާ ސިޑްނީ ޗޭންޑްލާ ކުރި ޓުވީޓެއްގައި އޭނާ ބުނެފައިވަނީ ޝާހީ އާއިލާ ދިރިއުޅެނީ އިއްޒަތުގެ ދުނިޔެއެއްގައި ކަމަށެވެ. އަދި އެވަރުންވެސް ރާނީގެ ޤަބުރަށް ޒިޔާރަތްކުރާ ފަރާތްތަކުން ބޮޑު ފީއެއް ނަގަމުންދާ ކަމަށެވެ. އަދި އަޖައިބުވާންޖެހޭ ކަމަކީ ޝާހީ އާއިލާއަށް ހުސްވެފައި ތިބޭ ބަޔަކު އުފަލުން އެ އަގުގައި ޓިކެޓު ގަނެގެން ރާނީ އަރިހަށް ޒިޔާރަތްކުރުން ކަމަށެވެ.
އިނގިރޭސިވިލާތަށް ބޮޑު އިޤުތިޞާދީ ދަތިކަމެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އިނގިރޭސި ސްޓާލިންގެ އަގުވަނީ ދަށްވެފައެވެ. ތަކެތީގެ އަގު އަންނަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.