ބޮޑު ކަންނެލީގެ މަސްވެރިކަން ހީނަރުވަމުން ގޮސް އެ ސިނާއަތް އެކީ ނެތިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށް އެ ދާއިރާގެ މަސްވެރިން ތަމްސީލުކުރާ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ބުނެފިއެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ހައްގުގައި މަސައްކަތްކުރަން އުފައްދާފައިވާ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުކަންނެލި މަސް ގަނެވޭނެ އެންމެ ކުޑަ އަގެއް ކަނޑައެޅުމަކީ އެ ޔޫނިއަނުން މިހާރު ކުރަމުން އަންނަ އެންމެ މުހިއްމު މަސައްކަތް ކަމަށެވެ. އެއީ މަސްވެރިކަން ކުޑަކޮށްވެސް ރަނގަޅުވެލާއިރަށް ބޮޑުކަންނެލި ގަންނަ އަގު މަސްވެރިންގެ މަސައްކަތް ދެކޮޅުނުޖެހޭ މިންވަރަށް ކުޑަކުރާތީ ކަމަށްވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.
މި ސަރުކާރުން މަސްވެރިންނަށް މަހުގެ ހަމައަގު ހޯދައިދިނުމަށް ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން 2021 ވަނަ އަހަރުގައި މަސްވެރިންނާއި ބޮޑުކަންނެލި ގަންނަ ކުންފުނިތަކާއެކު ކޮންމެވެސް ވަރަކަށް މަޝްވަރާކުރި ކަމުގައިވީ ނަމަވެސް އޭގެ ފަހުން އެއްވެސް މިންވަރަކަށް މަޝްވަރާތައް ކުރިއަށްނުދާ ކަމަށް އެ ޖަމްއިއްޔާގެ ބަޔާނުގައި ފާހަގަކުރިއެވެ.
ބޮޑުކަންނެލި ގަންނަ ކުންފުނިތަކާއެކު ކުރި މަޝްވަރާތަކުން ކުރިއެރުމެއް ނުލިބުމުން، ސަރުކާރާއެކު މަޝްވަރާކުރަން އެތައް ފަހަރެއްގެ މަތިން ހުށަހަޅައިގެން އެކަން ކުރިއަށްނުދިޔަ ކަމަށް އެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ. އަދި ދަށް އަގު ކަނޑައެޅުމުގައި ކުރިއެރުމެއް ނުލިބޭކަމަށް އެ ޔޫނިއަނުން ބުނެއެވެ.
އެ ޔޫނިއަނުން ފާހަގަކުރި ގޮތުގައި ތެލުގެ އަގު އެތައް ތަނެއް ބޮޑުވެ ޚަރަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އުތުރާއި ދެކުނުގައި މަސްވެރިންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސަބްސިޑީ މާލެ ސަރަހައްދުން ތެޔޮ ގަންނަ މަސްވެރިންނަށް ނުލިބުމުން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އޮޑިފަހަރަށް ތެޔޮ ގަންނަންޖެހެނީ އެންމެ ބޮޑު އަގުގައި ކަމަށް އެ ޔޫނިއަނުން ބުނެއެވެ.
އަނެއް ކަންބޮޑުވުމުގައި ގޮތުގައި ބޮޑުކަންނެލީގެ މަސްވެރިން ފާހަގަކުރީ ތެލުގެ އަގަށް ބައިނަލްއަޤުވާމީ ބާޒާރުގައި އަންނަ ހެޔޮ ބަދަލު ރާއްޖޭގައި ތެޔޮ ވިއްކާ އަގަށް ނައުމެވެ. އަދި މިފްކޯގެ އައިސް ޕްލާންޓުތައް ދަރަނިން ސަލާމަތްނުވެވިގެން އުޅޭ ފެނަކައިގެ ދަށަށް ބަދަލުކުރުމަކީ އެކަމުގެ ސަބަބުން އައިސް ގަންނަން ލިބޭ އަގު އިތުރަށް އުފުލޭނެ ކަމެއްގެ ގޮތުގައި ޔޫނިއަނުން ފާހަގަކުރެއެވެ.
އަދި ކަންނެލި ގަންނަ ކުންފުނިތަކުގެ ހާލަތު ރަނގަޅުވުމަކީ މުހިއްމުކަމެއް ކަމުގައި ދެކޭކަން ހާމަކުރުމާއެކު އެ ޖަމްއިއްޔާއިން ބުނީ، އެ ކުންފުނިތަކަށް ސަރުކާރުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަންނެލި ކިރޭ މިންވަރު މަދުވެ، ކިއުގައި އެތައް ދަުވަހެއް ހޭދަކުރާންޖެހިފައިވާ ކަމަށެވެ.
އަދި ކަންނެލި ކިރުނު ނަމަވެސް ކިރާ ކަންނެއްޔަށް ދުވަހުން ދުވަހަށް ލިބެންޖެހޭ ފައިސާ ނުލިބުމަކީވެސް ބޮޑު ކަންބޮޑުވުމެއް ކަމުގައި އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ.
އެ ޖަމްއިއްޔާއިން ގޮވާލާފައިވަނީ ބޮޑުކަންނެލީގެ މަސްވެރިކަން ސަލާމަތްކުރުމުގައި ސަރުކާރުގެ ކޮނޑުގައި އެޅިފައި އޮތް ބޮޑު ޒިންމާއަށް އިހުމާލުނުވުމަށެވެ.