މަޑަވެއްޔަށް ނިސްބަތްވާ ޓީއެސް ލައިން މަސްދޯނިން 57.152 ޓަނުގެ މަސް ކޫއްޑޫއަށް ކިރައި ދޮށީގެ މަސްވެރިކަމުގެ އައު ރެކޯޑެއް ހަދައިފިއެވެ.
މިކަން ހާމަކުރެއްވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝިން ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯ އިސްމާއީލު ފައުޒީއެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދެކުނުގެ މޫސުން އެންމެ ރަނގަޅު ނޫން ނަމަވެސް މަޑަވެލީގެ ޓީއެސް ލައިން ދީނިން 57.152 ޓަނުގެ މަސް، މިފްކޯއިން ހިންގާ ކޫއްޑޫ މަސް ޕްލާންޓަށް ކިރުވާފައިވާ ކަމަށެވެ.
ފައުޒީ އިތުރަށް ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި މުޅިން އައު ރެކޯޑެކެވެ. ފާއިތުވި އަހަރުވެސް އެއް ދުވަހެއްގައި އެންމެ ގިނައިން މަސް ކިރުވުމުގެ ރެކޯޑު އޮތް ދޯންޏަކީ ޓީއެސް ލައިންއެވެ. އެގޮތުން އެއް ދުވަހެއްގައި 50 ޓަނުގެ މަސް އެ ދޯނިން ކިރުވާފައިވެއެވެ.
އެ ދޯނިން ބޭނި 57 ޓަނުގެ މަސް ކިރުވުމުން އެ ދޯންޏަށް 971،584 ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމުގައި ފައުޒީ ވިދާޅުވިއެވެ. ދޯނީގެ ކެޔޮޅާއި ފަޅުވެރިންނަށް އޭނަވަނީ އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.
އެ ދޯންޏަކީ މިދިޔަ އަހަރު އެއް ދޯންޏަކަށް އެންމެ ގިނައިން މަސް ކޫއްޑޫއަށް ކިރުވި ދޯންޏެވެ. އެގޮތުން އެ ދޯނިންވަނީ ފާއިތުވި އަހަރުގައި 1095.8 ޓަނުގެ މަސް ކިރުވާފައެވެ.
މަސްވެރިކަން ތިޔާގިވާ މޫސުން އަލުން ކުރިމަތިވެފައިވާއިރު ކޮންމެ ދުވަހަކު ބާނާ މަސް ނުކިރޭކަމުގެ ޝަކުވާ މަސްވެރިން އަންނަނީ ކުރަމުންނެވެ. އެ މައްސަލައަކީ މަސްވެރިކަން ރަނގަޅުވާ ކޮންމެ ދުވަސްވަރެއްގައިވެސް ކުރިމަތިވަމުން އަންނަ މައްސަލައެކެވެ.
މި އަހަރުގެ އޭޕުރީލުގައި މަސްވެރިކަން ތިޔާގިވެ މަސްވެރިން ބާނާ މަސް ނުކިރޭ މައްސަލަ ބޮޑުވުމުން މި މޫސުން ފެށުމުގެ ކުރިން އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް ބޭނުންވާ މަސްބޯޓުފަހަރު ގެންނާނެ ކަމަށް ސަރުކާރުން ވައުދުވެފައިވެއެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެފައިވަނީ މަސްވެރިކަން ތިިޔާގިވާ މޫސުން ފެށެންވާއިރަށް ގެންނަން ވައުދުވީ މަސްބޯޓުފަހަރު ގެނެވިފައިނުވާ ކަމަށެވެ. އެ މަސްބޯޓު ގަތުމަށް ބޯޓުތަކުގެ އަގު ބަލާފައިވީ ނަމަވެސް ގަންނަން ބެލިއިރު އެ ބޯޓުތައް ލިބެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުންވަނީ މަސްވެރިކަމުގެ މައްސަލަތައް ހައްލުކުރުމަށް ފެލިވަރާއި ކޫއްޑޫގެ ޤާބިލުކަން އިތުރުކުރުމުގެ ބޮޑު މަޝްރޫޢެއް އިއުލާނުކޮށްފައެވެ. ނަމަވެސް މިހާތަނަށް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާކަން ފާހަގަކުރެވެއެވެ.