ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު މަޤާމެކެވެ. އެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ސީދާ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ޤަދަރުވެރި މަޤާމެކެވެ.
ޤާނޫނު އަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަކަން ނެގެހެއްޓުމަކީ ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ފ)އިން ޕީޖީގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއެއް ކަމުގައިވާއިރު، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ސާފުވާ ގޮތުގައި އެ ޤާނޫނު އަސާސީއާއި ދިވެހި ދައުލަތުގެ އަސާސީ އެއް ބިންގަލަކީ އިސްލާމްދީނެވެ. އެ ދީނުގެ އަސްލުތަކަކީ އެ ޤާނޫނު އަސާސީން ބާރު ލިބިގެންހަދާ ޤާނޫނުތަކުގެ މައިގަނޑު މަސްދަރެވެ.
މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު ޖޯޖިއާއަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ޤައުމުގައި ހުންނަވައިގެން ރާ ފުޅިއެއްގެ ފޮޓޯ އިންސްޓަގުރާމުގެ ސްޓޯރީއަށް ލެއްވިއެވެ. އެކަން މީޑިއަށް ފެންމަތިވުމުން އެކި މީޑިއާގައި އެކި ގޮތަށް އޭނާ އެ ވާހަކަދެއްކެވިއެވެ. ފުރަތަމަ ވިދާޅުވީ އެއީ ލިބިވަޑައިގެންނެވި ހަދިޔާއެއް ކަމަށާއި، އެ ފުޅީގެ ފޮޓޯލެއްވުމަކީ ޕްރައިވެޓް ޒާތީ ކަމެއް ކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވީ އެ ފޮޓޮއަކީ އޭނާ ސްޓޯރީގައި ހިއްސާކުރެއްވި ފޮޓޯއެއް ނޫން ކަމަށެވެ. އަދި ހިއްސާކުރެއްވި ނަމަވެސް އެއީ ޒާތީ ކަމެއް ކަމަށެވެ.
މިފަދަ ކަންކަން ޒާތީ ކަންކަމުގެ ގޮތުގައި ބަލައިގަނެ އެކަންކަމާމެދު އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލުމަކީ ކަންބޮޑުވާންޖެހޭ ނުރައްކާތެރި ކަމެކެވެ. ޕީޖީ މަޤާމުގައި ހުންނެވި ބޭފުޅަކު ރާފުޅި ހިފައިގެން ފޮޓޯއެއް ނަގައި އިންސްޓަގްރާމަށް ލުމަކީ ކީރިތި މާތްﷲއަށާއި، އެކަލާނެގެ ކަލާމްފުޅަށާއި އިސްލާމްދީނަށާއި، ދިވެހި ދައުލަތުގެ އިސްލާމީ ޝަޚުޞިއްޔަތަށް ގޮންޖެހުމުގެ އަމަލެއް ކަމުގައި މެނުވީ ބެލެވޭނެ ގޮތެއް ނެތެވެ.
މިކަމާ ގުޅިގެން ޖުޑީޝަލް އެކަޑެމީގެ ކުރީގެ ރެކްޓާ އަލްއުސްތާޛު އަޙްމަދު މާޖިދު ކުރެއްވި ސިލްސިލާ ޓުވީޓުތަކެއްގައި ދައްކަވާފައިވާ ވާހަކަފުޅަކީ ބަލައިލުން މުހިއްމު ވާހަކަފުޅުތަކެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ދިވެހި ޤާނޫނުއަސާސީގައި އިސްލާމްދީނަށް ދީފައިވާ މަޤާމާއި ހައިސިއްޔަތަށް ބަލާއިރު، ދީނަށް ގޮންޖެހުމަކީ ޤާނޫނު އަސާސީއަށް ގޮންޖެހުމެވެ. އެހެންކަމުން ޤާނޫނު އަސާސީން އުފައްދައި ބާރުވެރިކުރުވާފައިވާ މަޤާމެއްގައި ހުރުމަށް ޝަމީމަށް އެއްވެސް ލެޖެޓިމިސީއެއް (ޞައްޙަ ޤާނޫނީ ހައިސިއްޔަތެއް) ނެތް ކަމަށެވެ.
މާޖިދު އިތުރަށް ވިދާޅުވީ ޝަމީމަކީ މިހާރު ޕްރޮސެކިއުޓާ ޖެނެރަލްކަމަށް ބެލެވޭނެ ގޮތެއް ނެތް ކަމަށެވެ. ޕީޖީ އޮފީހުގެ ވަކީލުން އޭނާގެ އަމުރަށް މަސައްކަތް ކުރުން ހުއްޓައިލަންޖެހޭ ކަމަށާއި ކޯޓުތަކުން ޝަމީމު ޕީޖީ ކަމުގައި ހުރެ ފޮނުވާ މައްސަލަތައް ބަލައިގަތުންވެސް ހުއްޓައިލަންޖެހޭ ކަމަށެވެ.
އަދި ޝަމީމު ޕީޖީ ކަމުގައި ހުރެގެން ކޯޓުތަކުގައި މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލާ ހާލަތްތަކުގައި އިޖުރާއީ ނުކުތައި ނަގައިގެން، ޝަމީމު ޕީޖީގެ މަޤާމުގައި ހުއްޓައި މައްސަލަ ކުރިއަށް ގެންދިއުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ދަށުން ޞައްޙަ ނުވާނެކަން ބަޔާންކޮށް ޝަރީޢަތަށް އެއްބާރުލުން ދިނުން، ވަކީލުން ހުއްޓައިލަންޖެހޭ ކަމަށްވެސް މާޖިދު ވިދާޅުވިއެވެ.
މާޖިދު ފާހަގަކުރެއްވި ގޮތުގައި ދިވެހި ދައުލަތުގެ މަތީ މަޤާމުތަކުގައި ނާޖާއިރު ޣައިރު ދުސްތޫރީ ޣައިރު ޝަރުޢީ ގޮތްގޮތުން ބާރާއި ނުފޫޒުގެ އެހީގައި، އިސްލާމްދީނަށް ގޮންޖަހަމުންދާ މީހުން ހަނދާންކޮށް ދެނެގަންނަންޖެހޭ ކަމެއްގެ ގޮތުގައި މާޖިދު ފާހަގަކުރެއްވީ، ދިވެހި ދައުލަތާއި އެ ދައުލަތުގެ އިސްލާމީ ޝަޚުޞިއްޔަތާއި، ދިވެހިރައްޔިތުންގެ މުސްލިމު އައިޑެންޓިޓީއާއި، ޤާނޫނު އަސާސީގައި އިސްލާމްދީނަކީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމަށް އަދި އިސްލާމީ ޝަރީޢަތަކީ ދިވެހި ޤާނޫނުގެ މައިގަނޑު މަސްދަރުކަމަށް ބުނެފައި އޮތުމާއި ދިވެހި ޤާނޫނުގައި އިސްލާމްދީނުގެ ޙުދޫދު ނަގަހައްޓާ ނެގެހެއްޓުމަކީ ސަމާސާއެއް ނޫންކަމެވެ.
ނަމަވެސް މިފަދަ އެއްވެސް މައްސަލައެއްގައި އިހުތިޖާޖެއްހައި މިންވެސް ނުކުރެވި މިކަންކަމާ އަޅާނުލެވި އާދައިގެ ކަންކަމުގެ ގޮތުގައި ބެލިގެންދާނަމަ، މާޖިދު އެ ފާހަގަކުރެއްވި ހުރިހާ ކަމަކީވެސް ޖޯކަކަށްވާނެއެވެ. ދިވެހިންގެ އިސްލާމީ ޝަޚުޞިއްޔަތާއި، ޤާނޫނު އަސާސީގައި ޤާނޫނީ ދުސްތޫރީ ނިޒާމުގައި އިސްލާމްދީނަށް ދީފައި އޮންނަ ޖާގައަކީ އެއްވެސް އަގެއްހުރި ބުރަދަނެއްހުރި ކަންކަމުގައި އެއިރުން ނުވާނެއެވެ.
އިސްލާމްދީނުގެ ހުކުމްތަކަކީ އެއަށް އަމަލުނުކުރާ، އަމަލުކުރާން ނުޖެހޭ ކަންކަމުގެ އިހުސާސް ދިވެހި އުންމަތުގައި އުފެދިގެންދާނެ ގޮތަކީ ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި، ނަމޫނާ ދެއްކެވުމުގެ ޒިންމާ އޮތް ފަރާތްތަކުން އެކަންކަމަށް ކުޑައިމީސްކުރުމެވެ. މިއަދު މި ފެންނަނީ އެ މަންޒަރެވެ. ސުވާލަކީ ޕީޖީ ޝަމީމު ކުރެއްވި އަމަލާ ގުޅިގެން ހަމަ ކަހައިތަން ހިރުވައިވެސްނުލައި އެންމެން ތިބޭނީތޯއެވެ؟