އިސްލާމީ އުންމަތުގެ މިޒަމާނުގެ އެންމެ ބޮޑެތި ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އިސްލާމީ އިލްމުވެރިންގެ ބައިނަލްއަޤުވާމީ އިއްތިހާދުގެ މުއައްސިސް އަދި އެ އިއްތިހާދުގެ ކުރީގެ ރައީސް އަލްޢައްލާމާ ޑރ.ޔޫސުފުލް ޤަރަޟާވީ އަވަހާރަވެއްޖެއެވެ.
ޑރ.ޤަރަޟާވީ ދުނިޔެ ދޫކުރެއްވިއިރު އޭނާގެ އުމުރުފުޅަކީ 96 އަހަރެވެ. އޭނާއަކީ އިސްލާމީ ދުނިޔޭގައި ޝަރީޢަތާއި ފިޤުހުގެ އިލްމަށް އެންމެ މަޝްހޫރު އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މިޞްރަަށް ނިސްބަތްވެވަޑައިގަންވާ އަޒްހަރު ޔުނިވާސިޓީން ކިޔަވައިވިދާޅުވި ޤަޠަރުގެ ރައްޔިތެކެވެ.
ޢައްލާމާ ޤަރަޟާވީއަކީ މިޞްރުގެ އަލްޣަރުބިއްޔާއޭ ކިޔާ ޕްރޮވިންސްގެ ކުޑަ އަވަށެއް ކަމުަގއިވާ ޞިއްފަތު އަވަށަށް އުފަންވެވަޑައިގެންނެވި ބޭފުޅެކެވެ.
2008 ވަނ ައަހަރު ފޮރިން ޕޮލިސީ ނޫހާއި ޕްރޮސްޕެކްޓު މަޖައްލާއިން އެކުލަވައިލި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޝަޚުޞިއްޔަތުގެ ލިސްޓުގައި އެންމެ ނުފޫޒުގަދަ 20 ބޭފުޅުންގެ ތެރޭގައި ޤަރަޟާވީގެ ނަންފުޅު ހިމެނުނެވެ.
އާލާސްކަންފުޅު ބޮޑުވުމާ ހަމައަށްވެސް ކޮންމެ ހަފުތާއަކު އެއް ދުވަހު އަލްޖަޒީރާ ޢަރަބި ޗެނަލް މެދުވެރިކުރައްވައި ޤަރަޟާވީ ގެންދެވީ އައްޝަރީއާ ވަލްޙަޔާތުގެ ނަމުގައި ފަތުވާ ޕްރޮގުރާމެއް ގެނެސްދެއްވަމުންނެވެ.
ޤަރަޟާވީ ވަނީ 170 އަށްވުރެ ގިނަ ފޮތް ލިޔުއްވާފައެވެ. އެކި ކަހަލަ ކޮންފަރެންސްތަކާއި ޓީވީ ޕްރޮގުރާމުތަކާއި ނަދުވާތަކުގައި ދީނީ އިލްމު ފެތުރެއްވުމުގެ މަސައްކަތް ޤަރަޟާވީ ކުރެއްވިއެވެ.