Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރާއްޖެޓީވީ

ރާއްޖެޓީވީއަށް ސަރުކާރުން 2 މިލިއަން ރުފިޔާ ދީފި، ވައުދުވި ގޮތަށް ކުޑަކުދިންގެ ހިޔާއަށް ނުދޭ

ރާއްޖެޓީވީ ޖޫރިމަނާކުރި މައްސަލައެއްގައި އެ ޖޫރިމަނާއަށްވާ 2 މިލިއަން ރުފިޔާ އަނބުރާ ސަރުކާރުން އެ ޗެނަލަށް ދިން ނަމަވެސް އެ ފައިސާ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރަން ވައުދުވި ގޮތަށް އެ ޗެނަލުން ހަދިޔާނުކުރާކަން ހާމަވެއްޖެއެވެ.

ރާއްޖެޓީވީ ޖޫރިމަނާކުރި މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއް އެ ޓީވީން ކޯޓަށް ހުށަހެޅުމުން ކޯޓުން އެ މައްސަލަތަކުގައި ނިންމާފައިވަނީ އެ ޗެނަލް ޖޫރިމަނާކުރަން އެއިރުގެ ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.

މިފަދައިން ކޯޓުތަކުން ނިންމުމުން ރާއްޖެޓީވީއަށް ޖޫރިމަނާ ފައިސާ އަނބުރާ ދިނުމަށްޓަކައި ބްރޯޑްކޮމްގެ މައްސަލަތައް އަލުން ބަލައި އެ މައްސަލަތައް މުރާޖައާކުރާނެ އުސޫލެއް ވެރިކަން ބަދަލުވުމުން އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން އަލަށް އައްޔަންކުރި ބްރޮޑްކާސްޓިން ކޮމިޝަނުން އެކުލަވައިލިއެވެ.

އެ ކޮމިޝަނުން އަލަށް އެކުލަވައިލި އުސޫލުގެ ދަށުން މުރާޖަޢާކުރި ހަމައެކަނި މައްސަލައަކީ ދެ މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރި މައްސަލައެވެ. އެ މައްސަލަ މުރާޖައާކޮށް ކޮމިޝަނުން ނިންމާފައިވަނީ ރާއްޖެޓީވީ ޖޫރިމަނާކުރީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެ ޖޫރިމަނާ ފައިސާ އަނބުރާ އެ ޗެނަލަށް ދޭންޖެހޭ ކަމަށެވެ.

އެ ފައިސާ އެ ޗަނަލަށް ފާއިތުވި އަހަރުގައި ދައްކާފައިވާކަން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޝަނުންވަނީ ހާމަކޮށްފައެވެ. އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ ކޮމިޝަނަށް ހިނގި ޚަރަދުގެ ތެރޭގައި ހިމެނޭ 11 މިލިއަން ރުފިޔާގެ ތެރެއިން 2 މިލިއަނަކީ ރާއްޖެޓީވީއަށް ބަދަލުގެ ގޮތުގައި ދިން ފައިސާ ކަމަށެވެ. އެކަން ހާމަވީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

އެގޮތުން ކޮމިޝަނުން ރިކަރަންޓު ޚަރަދަށް ހޭދަކުރި ފައިސާއާ ގުޅިގެން އުޝާމު ސުވާލުކުރެއްވުމުން ކޮމިޝަނުގެ މެންބަރުން ވިދާޅުވެފައިވަނީ އެ ފައިސާގެ ތެރޭގައި ކުރިން ރާއްޖެ ޓީވީ ޖޫރިމަނާކުރި މައްސަލައަކާ ގުޅިގެން އެ ޓީވީން ދެއްކި 2 މިލިއަން ރުފިޔާގެ ޖޫރިމަނާ އަނބުރާ ދީފައިވާ ކަމަށެވެ.

މެންބަރުން މިފަދައިން ވިދާޅުވުމުން އުޝާމުވަނީ ކުރިން ޖޫރިމަނާކުރި މައްސަލަތައް ކޯޓަށް ހުށަހެޅުމުން އެ ޖޫރިނާތަކަކީ ރަނގަޅު ޖޫރިމަނާތަކެއް ކަމަށް ކަނޑައަޅާފައިކަން ފާހަގަކުރައްވައި، ކޯޓުތަކުން ކަނޑައަޅާފައިވާ ނިންމުމުގެ ބޭރުން ފައިސާ ދިނީތޯ ނުވަތަ ޝަރީޢަތަށް ހުށަހަޅާފައި ނެތް ޖޫރިމަނާއެއް އަނބުރާ ދެއްވީތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ ދެއްކެވި ވާހަކަފުޅާ ކޮމިޝަނުގެ ނައިބުރައީސް ދެއްކެވި ވާހަކަފުޅު މުޅިން ތަފާތެވެ. މަރިޔަމް ވަހީދާ ވިދާޅުވި ގޮތުގައި ޖޫރިމަނާގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ބްރޯޑްކޮމްއިން އެ ކޮމިޝަނުގެ ކުރީގެ ނިންމުންތައް މުރާޖައާކުރަން އިއުލާނުކޮށްގެން ރާއްޖެ ޓީވީގެ ޖޫރިމަނާ މައްސަލަ މުރާޖައާކުރީއެވެ.

ނަމަވެސް ކޮމިޝަނުގެ ނައިބުރައީސް ވިދާޅުވެފައިވަނީ ޖޫރިމަނާކުރި ފައިސާ އަނބުރާދިން މައްސަލައަކީ ރާއްޖެ ޓީވީ ޖޫރިމަނާކުރި މައްސަލަތަކުގެ ތެރެއިން އެ ޓީވީން ކޯޓަށް ހުށަނާޅައި އޮތް ހަމައެކަނި މައްސަލައެވެ.

މަރިޔަމް ވަހީދާ ވިދާޅުވެފައިވަނީ ކޯޓުން ނިންމާފައިވާ މައްސަލައެއް ކަމުގައިވީ ނަމަވެސް އެ މައްސަލަ ކޮމިޝަނަށް ނުބެލޭނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ކޮމިޝަނުގެ ނައިބުރައީސް ވިދާޅުވެފައިވަނީ ކޯޓުން ނިންމާފައިވާ އެއްވެސް މައްސަލައެއް ކޮމިޝަނަށް ވައްދާފައިނުވާނެ ކަމަށެވެ.

މަރިޔަމް ވަހީދާ ގުޅިގެން އުޝާމު ވިދާޅުވެފައިވަނީ ޝަރީޢަތުގެ މަރުހަލާއިން ވަކި ގޮތަކަށް ނިންމީމައި އެއަށްވުރެ މަތީ މަރުހަލާގެ ކޯޓަކުން ނޫނީ އެ ނިންމުމަށް ބަދަލެއް ގެނެސްގެންނުވާނެ ކަމަށެވެ.

ކޮމިޝަނުގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި އެ ފައިސާ ފާއިތުވި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފިނޭންސް މިނިސްޓްރީން ކޮމިޝަނަށް ދިނުމުން، ރާއްޖެޓީވީއަށް އެ އަހަރުގައިވަނީ ދީފައެވެ.

2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ބްރޯޑްކޮމްއިން މި މައްސަލަ ނިންމައި ޖޫރިމަނާކުރީ ރަނގަޅަށް ނޫންކަމަށް ކަނޑައެޅުމާއެކު ރާއްޖެޓީވީން ބުނެފައިވަނީ އެ ފައިސާ ބޭނުންނުކުރުމަށާއި، އެ ފައިސާ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރަން އެ ޗެނަލުގެ މެނޭޖުމެންޓުން ނިންމާފައިވާ ކަމަށެވެ.

ފާއިތުވި 2021 ވަނަ އަހަރުގައި އެ ފައިސާ ރާއްޖެޓީވީއަށް ދޫކުރިކަން މިއަދު ބްރޯޑްކޮމްއިން ހާމަކުރުމާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ސީއީއޯ މުއުމިނާ އާދަމަށް "ދިޔަރެސް"ގެ ފަރާތުން ގުޅައި ރާއްޖެޓީވީގެ ފަރާތުން 2 މިލިއަން ރުފިޔާ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކޮށްފައިވޭތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ ފައިސާ ލިބިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރާ ފައިސާ ޖަމާކުރަނީ ސީދާ އެ ތަނުގެ އެކައުންޓަކަށްކަން ކަށަވަރުކުރަން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެފަދައިން އެތަނަށް ހަދިޔާކުރާ ފައިސާ ޖަމާކުރަނީ އެ ތަނަށް ކަމަށެވެ.

މުއުމިނާގެ ވާހަކަފުޅުތަކަށް ބަލާއިރު ރާއްޖެޓީވީން ވައުދުވީ ގޮތަށް އެޗެނަލަށް ލިބުނު 2 މިލިއަން ރުފިޔާ ހިޔާއަށް މިހާތަނަށް ހަދިޔާކޮށްފައިނުވެއެވެ.

ބްރޯޑްކޮމްގެ ކުރީގެ ނިންމުންތައް މުރާޖައާކުރަން އުސޫލެއް އެކުލަވައިލާ އެކަމަށް ހުޅުވައިލުމުން އެ ކޮމިޝަނަށް ހުށަހެޅީ ހަމައެކަނި ރާއްޖެޓީވީން ހުށަހެޅި މައްސަލަ ކަމަށް ވިދާޅުވުމާއެކު ކޮމިޝަނުގެ މެންބަރުން ވިދާޅުވި ގޮތުގައި މުރާޖައާކުރީވެސް ރާއްޖެޓީވީގެ މައްސަލަ އެކަންޏެވެ.

ނަމަވެސް ރާއްޖެޓީވީގެ އިތުރަށް އެހެން ބައެއް ޗެނަލްތައްވެސް ކުރިން ޖޫރިމަނާކޮށްފައިވެއެވެ. އެއިން ޗެނަލަކަށް ޖޫރިމަނާ ފައިސާ އަނބުރާ ދީފައިނުވެއެވެ.

މި ލިއުމާއި ގުޅޭ