އަހަރުގެ މަސްވެރިކަން ތިޔާގި މޫސުމުގައި މަސްވެރިންނަށް ކުރިމަތިވާ ބޮޑެތި އަދި ގިނަ މައްސަލަތައް ފާހަގަކޮށް އެ މައްސަލަތަކަށް އަވަސް ހައްލެއް ސަރުކާރުން ހޯދުމަށް ގޮވައިލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ. ޝިޔާމު ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ މަސްވެރިކަން ތިޔާގިވެފައިވާ މި ދުވަސްވަރު މަސް ކިރާ މިންވަރު ލިމިޓުކޮށްފައިވާތީއާއި، މަސްވެރިން ބާނާ މަސްކޮޅު ކިރަން އެތައް ދުވަހެއް ކިއުގައި މަޑުކުރަންޖެހޭ ކަމަށެވެ.
އަދި ބައެއް ދޯނިތަކުން ބާނާ މަހުގެ 90 އިންސައް މަހަށް ލިބެންޖެހޭ އަގު ނުލިބި ބަހައިލަންޖެހިފައިވާ ކަމަށެވެ. މަސްވެރިންނަށް ރަނގަޅު އަގެއްގައި އައިސްވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައިސް ކިޔުއާއި ތެޔޮ ކިޔުއާއި މަސްކިޔުގައި ރެއާއި ދުވާލު މަސްވެރިން ތިބެންޖެހުމުގެ ސަބަބުން ގޮތް ހުސްވެފައިވާ ކަމަށެވެ.
އެ ތިން ކިއުގައި މަސްވެރިން މަޑުކުރަންޖެހޭ ދުވަސްތައް ގިނަވެ، މަސްވެރިން ބާނާ މަހަށް އެކަށީގެންވާ އަގެއް ނުލިބުމުގެ ސަބަބުން ދޯނީގެ ޚަރަދުތައް ހަމަޖައްސަން ދަތިވެފައިވާކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ އެހާ ދުވަހު ކިއުގައި މަޑުކުރަންޖެހުމުން މަސްވެރިން ބާނާ މަސް ހަލާކުވެ ކިރޭ ގޮތް ނުވާ ކަމަށެވެ.
މި މައްސަލަތަކަކީ މަސްވެރިކަން ތިޔާގިވާ ކޮންމެ މޫސުމެއްގައި ކުރިމަތިވާ ކަންކަން ކަމުގައި ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ، އެކަން އެނގޭއިރުވެސް މަސްވެރިކަން ތިޔާގިވާ ދުވަސްވަރުގައި އެ މައްސަލަތައް ހައްލުކުރަން ސަރުރާކަށް ތައްޔާރުނުވެވޭ ކަމަށެވެ. އަދި ވެރިކަމަށް އަންނަންވީ އެންމެ ބޮޑު ވައުދު ކަމުގައިވާ މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާ ކަމަށެވެ.
މަސް ޕްރޮސެސްކުރާ ތަންތަން އެޅުމަށާއި، ގޭދޮށު މަސްކާރުޚާނާތައް އެޅުމާއި އައިސް ޕްލާންޓުތައް ޤާއިމުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް މަސްވެރިކަމުގެ ޤާނޫނުގައި ތަފުސީލުކޮށް ބަޔާންކުރި ނަމަވެސް އެއިން އެއްވެސް ކަމެއް ތަންފީޒުނުކުރެވި އެކަންކަން ކުރުމުގެ އިޚުލާސްތެރި ނިޔަތެއް ސަރުކާރުގައި ނެތުމަކީ މަސްވެރިން އިތުރަށް މާޔޫސްވެފައިވާ ސަބަބެއް ކަމަށް ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވި ގޮތުގައި ސަރުކާރަށް ހަތަރު އަހަރުވާއިރު މަސްކިރުމާއި މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބި މަސްވެރިން ބާނާ މަސް ނުކިރު މަސްވެރިން އިތުރަށް ބިކަވަމުންދާ ކަމަށެވެ.
އަދި އޭގެ އިތުރަށް މަސްވެރިން މޫސުމާ ދިމާކޮށް ރާއްޖޭގެ ސަރަހައްދަށް ވަންނަ ބޭރުގެ މަސްވެރި ބޯޓުތަކުގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާކަން ފާހގަަކުރައްވައި، އެ ބޯޓުތަކުން ރާއްޖޭގެ ކަނޑުތަކުން ދާޖަހައިގެން މަސްވެރިކަން ފުޅާދާއިރާއެއް ކުރަމުންދާއިރު ފިޔަވަޅެއް ނޭޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް ވަކި ޤައުމެއްގެ ބޯޓުތަކާމެދު ފިޔަވަޅުއަޅަން ސަރުކާރުން ފަސްޖެހޭ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އެ މައްސަލަތައް ފާހަގަކުރައްވައި ކުއްލި މައްސަލަ ނިންމަވައިލެއްވީ އެ މައްސަލަތައް ވަގުތުން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވައިލައްވަމުންނެވެ.