Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިކަން

މަސް ނުކިރޭ މައްސަލަ ހައްލުކުރަން ހޯދަން ބުނި ބޯޓުތައް އަދިވެސް ނުލިބޭ

މަސްވެރިކަން ތިޔާގިވާ މޫސުމުގައި އެކަށީގެންވާ ގޮތަކަށް މަސް ނުގަނެވޭ މައްސަލަ ހައްލުކުރުމަށް މަސް ކިރާ ބޯޓުތަކެއް ގެންނަކަމަށް ސަރުކާރުން ބުނި ނަމަވެސް މިހާރު މަސްވެރިކަން އަލުން ތިޔާގިވިއިރުވެސް އެ ބޯޓުތައް ހޯދިފައިނުވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިއަދު ފިޝަރީޒް މިނިސްޓަރު ޑރ.ޙުސައިން ރަޝީދު ޙަސަން މަޖިލީހަށް ވަޑައިގަތުމުން، މަސް ނުކިރޭ މައްސަލަ ފާއިތުވި އޭޕްރީލުގައި ކުރިމަތިވުމުން މަސްވެރިކަން ރަނގަޅު މޫސުން ދެން އަންނަންވާއިރަށް ވަގުތީ ހައްލުތަކާއި ދާއިމީ ހައްލުތައް ހޯދައިދޭނެކަމަށް ސަރުކާރުން ވައުދުވެފައިވާކަން ފާހަގަކުރައްވައި، އެ ހައްލުތަކުގެ ތެރެއިން އެއްވެސް މިންވަރެއް ތަންފީޒުވެފައިވޭތޯ ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު ޔަޢުޤޫބު ޢަބްދުﷲ ސުވާލުކުރެއްވިއެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައިވަނީ ވަގުތީ ހައްލެއްގެ ގޮތުގައި ކުރަން ނިންމި ކަމަކީ މަސް ކިރާނެ އިތުރު ބޯޓުތަކެއް ގެނައުން ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ބޯޓުތައް ގެނެވިފައިނުވާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ. "ވަގުތީ ގޮތުން ތައްޔާރުވުމަށް އަޅުގަނޑުމެން މަސައްކަތްކުރީ އިތުރު ބޯޓު ހޯދަން. އެ ބޯޓުތަކެއް، [މަސްވެރިކަމުގެ] މި މޫސުން އައިރު އަދިއެއް ނުލިބޭ،" ޑރ.ޙުސައިން ރަޝީދު ވިދާޅުވިއެވެ.

ގދ.ކޫއްޑޫއަށް މަސް ކިރާ މިންވަރު އިތުރުކުރުމުގެ ގޮތުން އެ ކާރުޚާނާގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރަންޖެހޭ ކަމަކީ އެ ރަށުގެ ބަނދަރު އިތުރަށް ތަރައްޤީކޮށް ބޮޑުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބަނދަރު ފުޅާކުރުމުގެ މަސައްކަތް ދައުލަތުގެ ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީއާ ހަވާލުކުރުމަށްޓަކައި މިހާރު އިންތިޒާރުކުރަމުން އަންނަނީ އެ މަސައްކަތް ހަވާލުކުރުމުގެ ހުއްދަ، އެ މަޝްރޫއަށް ފަންޑުކުރާ ސައުދީ ޑިވެލޮޕްމެންޓު ފަންޑުން ލިބުމަށް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ތަނުގެ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރަން ކުރާ ކަމަކީ ބަނދަރު އިތުރަށް ތަރައްޤީކުރުން. ބަނދަރު ހެދުމުގެ ކޮންޓްރެކްޓު އެމްޓީސީސީއަށް ދިނުމުގެ ހުއްދަ އެކަމަށް ފަންޑުކުރާ ފަރާތްކަމުގައި ސައުދީ ފަންޑުގެ ހުއްދައަށް އިންތިޒާރުކުރަނީ،" ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

ވަގުތީ ހައްލެއް ހޯދުމަށްޓަކައި ގެންނަން ނިންމި ބޯޓުތައް ނުގެނެވުނު ސަބަބުގެ އިތުރު ތަފުސީލު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ, ގަންނާނެ ބޯޓުތައް ކަނޑައަޅައި އެ ބޯޓުތައް ގަތުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ބެލިއިރު އެ ބޯޓުތައް ގަންނަން ލިބެން ނެތް ކަމަށެވެ.

މި ލިއުމާއި ގުޅޭ