Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ނާޒިމްގެ އަދަބު ލުއިކުރިގޮތް ގާނޫނާ ހިލާފުވެ އިސްތިއުނާފު ކޮށްފާނެ ކަމުގެ އިޝާރާތެއް

އެއް ޖިންސުން ގުޅުންހިންގި މައްސަލައިގައި އިއުތިރާފުވެ މާފަށް އެދުމުން، ކްރިމިނަލް ކޯޓުން ނާޒިމް ސައްތާރުގެ އަދަބު ލުއިކުރި ގޮތް ގާނޫނާ ހިލާފުވެ، އެ ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމުގެ އިޝާރާތެއް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެއްވައިފި އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުންހިންގި ގިނަ ދިވެހިންގެ ތެރޭގައި ހިމެނޭ، ނާޒިމް ކުށަށް އިއުތިރާފު ވުމުން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ ތިން މަހާއި 26 ދުވަހު ގޭ ބަންދު ކުރުމަށެވެ.
އެކަމަކު އެއީ އެއް ޖިންސުން ގުޅުންހިންގި މީހަކަށް އެކަށީގެންވާ ވަރަށްވުރެ ލުއި އަދަބެއް ކަމަށް ބުނެ ގިނަ ބައެއްގެ ނުރުހުމާއި ފަޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެނގިފައިވާ ގޮތުގައި ނާޒިމްގެ އަދަބު ލުއިކުރީ އޭނާ އާންމުކޮށް މާފަށް އެދިފައި ވާތީ އެކަމަށް ވެސް ރިއާޔަތްކޮށްފަ އެވެ.
ޕީޖީ ޝަމީމް އިއްޔެ އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި ގާނޫނުލްއުހުގޫބާތުގެ 1106 ގެ ދަށުން ކުށްވެރިޔާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން، އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަން އާންމުކޮށް ފާޅުކޮށްފިނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ ދެ ދަރަޖަ ދަށްވާނެއެވެ. އެކަމަކު އެއީ ދައުވާ ކުރުމުގެ ކުރިން ނަމަ އެވެ. ދައުވާ ކުރި ފަހުންނަމަ އެއް ދަރަޖަ އެވެ.

އޭނާ ކުރި ކުށާމެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްކޮށްދިނުމަށް އެދި ނާޒިމް ކޯޓަށް ހުށަހެޅީ ހުކުމް ކުރުމުގެ ގަޑިއިރުތަކެއް ކުރިންނެވެ. އޭނާ ބުނި ގޮތުގައި ދައުވާ ކުރުމުގެ ކުރިން އިއުތިރާފު ނުވެވުނީ އޭނާ ކުރި ކުށުގެ އުންސުރުތައް ސާފުނުވެ އޮތުމުންނެވެ. އެހެންވެ އެއީ ދައުވާގެ ކުރިން ވީ އިއުތިރާފެއް ކަމަށް ބަލައިދިނުމަށް އެދިފައިވެ އެވެ.

"1106 ވަނަ މާއްދާގައި އޮތީ، ކުށްވެރިޔާ ކުށާމެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުން، އަދަބުގެ ދަރަޖަ ދަށްވާނެ ވާހަކަ އެވެ. ދައުވާކުރުމުގެ ކުރިންނަމަ، 2 ދަރަޖަ، ދައުވާ ކުރި ފަހުންނަމަ، 1 ދަރަޖަ އެވެ. ކުށް ސާބިތުވާކަމަށް ކަނޑައެޅިނަމަވެސް، އަދަބު ދިނުމުގައި އިސްވެދެންނެވި އުސޫލާ ހިލާފުނަމަ، އެނުކުތާ ވަކިން އިސްތިއުނާފު ކުރަންޖެހެ އެވެ،" ޝަމީމް ވިދާޅުވެފައިވެ އެވެ.
އެއް ޖިންސުން ގުޅުންހިންގި މައްސަލައިގައި ދެން ދައުވާކުރި ފުލުސް، އަބްދައްރަހުމާން ރަފީއު ވެސް ދައުވާއަށް އިއުތިރާފުވެ އާންމުކޮށް މާފަށް އެދުނެވެ. އެކަމަކު އެކަމަށް ރިއާޔަތް ނުކޮށް ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެހެންވެ ޕީޖީން އެދުނު ގޮތަށް އަދަބު ލުއިކޮށްދީފައި ނުވާތީ އެ މައްސަލަ އިސްތިއުނާފު ކުރަން ޕީޖީން ވަނީ ނިންމާފަ އެވެ.
ގިނަ ދިވެހިންތަކަކާއެކު އަލަމްގީރް އެއްޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވީ މީގެ ތިން މަސް ކުރިންނެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރިން އުފުލި، އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަށް ވެސް އިއުތިރާފުވުމުން މިދިޔަ މަހު ވަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
އަދި އެއްޖިންސުން ގުޅުންހިންގި މަންޒަރު ވީޑިއޯކުރި މައްސަލައިގައި، އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށްވެސް އޭނާ އިއުތިރާފު ވުމުން އަވަސްނިޔާގައި އަންނަ ބުދަ ދުވަހު ހުކުމް ކުރަން ވަނީ ތާވަލްކޮށްފަ އެވެ. އެ މައްސަލައިގައި އެންމެ ބޮޑު އަދަބަކަށްވެސް އަލަމްގީރުގެ މައްޗަށް އަންނާނީ އަންނާނީ ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ.
މި ލިއުމާއި ގުޅޭ