އެމެރިކާ ޑޮލަރާ އަޅާބަލާއިރު އިންޑިއާ ރުޕީސްގެ އަގު ރެކޯޑު މިންވަރަކަށް ބުރާސްފަތިދުވަހުގައި ދަށްވެއްޖެއެވެ. ރުޕީސްގެ އިތުރަށް އޭޝިޔާ ބައްރުގެ އެހެން ޤައުމުތަކުގެ ފައިސާވެސްވަނީ ދަށަށް ގޮސްފައެވެ.
އިންޑިއާ ރުޕީސް އަދި އޭޝިޔާ ބައްރުގެ ޤައުމުތަކުގެ ފައިސާގެ އަގު ދަށަށް ގޮސްފައިވަނީ އެމެރިކާގެ މަރުކަޒީ ބޭންކުން އެ ޤައުމުގެ ޕޮލިސީ އިންޓަރެސްޓު ރޭޓު މަތިކުރަން ނިންމުމާ ގުޅިގެންނެވެ.
މީގެ ކުރިން 79.9750 ރުޕީސް އެއް ޑޮލަރަށް ޖެހުނު ނަމަވެސް މިހާރު އެއް ޑޮލަރަށް ޖެހެނީ 80.86 ރުފީސްއެވެ. މިއީ މި އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހުގެ ފަހުން ރުޕީސްގެ އަގު އެއް ފަހަރާ އެންމެ ދަށްވި ފަހަރެވެ.
ފައިސާގެ ވިޔަފާރިކުރާ ފަރާތްތަކާ ރޮއިޓާސްއިން ދެއްކި ވާހަކަތަކުން ރުޕީސްގެ އަގު އެއްވަރެއްގައި ހިފަހެއްޓުމަށް ރިޒާވް ބޭންކް އޮފް އިންޑިއާއިން ފިޔަވަޅުތަކެއް އެޅިކަން އެ ފަރާތްތަކަށް ކަށަވަރުކޮށްނުދެވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ ވަރަށް ލުއި ފިޔަވަޅުތަކެއް އިންޑިއާގެ މަރުކަޒީ ބޭންކުން އެޅިއެވެ.
ރޮއިޓާސްއިން ރިޕޯޓުކުރި ގޮތުގައި ރުޕީސްގެ އަގު ހިފަހެއްޓުމަށް މަރުކަޒީ ބޭންކުން އިންޑިއާގެ ބޭންކުތަކަށް ޑޮލަރު ދޫކޮށްފައިނުވާކަން ދެ ބޭންކެއްގެ ޓްރޭޑަރުން ކަށަވަރުކޮށްދީފައިވެއެވެ.
ރުޕީސް އަދި އެހެން ފައިސާގެ އަގު ދަށަށް ދިޔަ މައިގަނޑު ސަބަބަކީ 75 ބޭސިސް ޕޮއިންޓު ނުވަތަ 0.25 އިންސައްތައިން ޕޮލިސީ އިންޓަރެސްޓު ރޭޓު މަތިކުރަން ނިންމުމާއެކު އަހަރު ނިމޭއިރު އިންޓަރެސްޓު ރޭޓު 4.4 އިންސައްތަ މަތިވާނެ ކަމަށް ލަފާކޮށްފައިވުމުންނެވެ.
އެމެރިކާގެ މާލީ ސިޔާސަތު އެކަށައަޅާ ފަރާތްތަކުން އިތުރަށް ލަފާކުރާ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް އިންޓަރެސްޓު ރޭޓު %4.6 އަށް މަތިވާނެއެވެ. މި ލަފާކުރުންތަކާއެކު އޭޝިޔާގެ ގިނަ ފައިސާގެ އަގު ދަށަށް ގޮސްފައިވެއެވެ.
މާހިރުން ލަފާކުރައްވާ ގޮތުގައި މެދުރާސްތާގައި އެއް ޑޮލަރަށް ޖެހޭ ރުޕީސްގެ މިންވަރު 80-82 ރުޕީސްއާ ދެމެދުގެ މިންވަރަކަށް މަދުވާނެއެވެ.