ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ގައުމީ ފުޓްބޯޅަ ޓީމުން މިއަދު 3-0 އިން ބްރުނާއީ ދާރުއްސަލާމް އަތުން މޮޅުވެއްޖެ އެވެ.
ދެ ވަނަ ހާފަށް ކުޅެން އަރައި ބްރުނާއީ ކުޅުންތެރިން ކުރިއަށް ޖެހިގެން ނަތީޖާ އެއްވަރުކުރެވޭތޯ ކުރި މަސައްކަތުގައި އެޓީމަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ރާމްލީ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.
ރާއްޖެ އަށް ދެ ވަނަ ގޯލު މެޗުގެ 73 ވަނަ މިނިޓްގައި އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ހަމްޒާ މުހައްމަދު(ހަމްޕު) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ރާއްޖޭން ތިން ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓްގެ ތެރޭގަ އެވެ. އެލަނޑު ކާމިޔާބުކޮށްދިނީ ރާއިފް އަހުމަދު (ހަންނަ) އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ދެވަނަ ގޯލެވެ.
އަދި މިއީ ބްރުނާއީ އަތުން ރާއްޖޭގެ ޓީމު މޮޅުވި ފުރަތަމަ ފަހަރު ކަން ފާހަގަ ކޮށްލެވެއެވެ. މީގެ ކުރިން ބްރުނާއީއާ ދެކޮޅަށް ރާއްޖޭން ކުޅެފައިވަނީ 2003 ވަނަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގެ މެޗެއްގަ އެވެ. ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބްރުނާއީ މި ވަގުތު ދުނިޔޭގެ 190 ވަނައިގައި އޮތްއިރު، ރާއްޖެ ރޭންކް ކުރެވިފައިވަނީ 156 ވަނައިގަ އެވެ.
މިއަހަރު މިހާތަނަށް ބުރުނާއިގެ ޓީމް ވަނީ އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. އެ ތިން މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ. މިއަހަރުގެ މާޗް މަހު ލާއޯސް އާއެކު ކުޅެ ބުރުނާއީ ބަލިވީ 3-2 އަކުންނެވެ.
އަދި މޭމަހު މެލޭޝިއާ އާއެކު ކުޅުނު މެޗުން އެޓީމު ބަލިވީ 4-0 ގެ ނަތީޖާ އަކުންނެވެ. އަދި މިއަދު ރާއްޖެ އަތުން ބަލިވިއިރު، އެޓީމު ކުޅުނު އެކުވެރިކަމުގެ ތިން މެޗުން ވެސް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާކަން ފާހަގަ ކުރެވެއެވެ.