Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަކުނު ވިދުރި

މަކުނުވިދުރިން ނާރުގެ ބަލިތަކާއި ނަފްސާނީ ބަލިތައް ޖައްސުވާ!

މަކުނުވިދުރި ނުވަތަ "މަންކީ ޕޮކްސް"ގެ ސަބަބުން ހަންގަނޑުގައި ޖަހާ ލައްތަކާއި، ބަލިޖެހުމުން ފެންނަ ރޯގާގެ އަލާމާތްތަކަކީ އައު ހަބަރަކަށް ނުވެދާނެއެވެ. އެހެންނަމަވެސް، ބަލީގެ ސަބަބުން ކުރިމަތިލާންޖެހިދާނެ ނަފްސާނީ މައްސަލަތަކާއި ނާރުގެ އުނދަގޫތަކުގެ މައްޗަށް ފިކުރު ހިންގާ ސައިންސްވެރިން ވަނީ ދިރާސާތަކެއް ކޮށްފައެވެ.
"އައިއެފްއެލް ސައިންސް" ގައި ބުނެފައިވާ ގޮތުގައި ތާރީޚީ ސަފުހާތަކުން އެނގޭގޮތުގައި ކަށިވިދުރި ޖެހި ރަނގަޅުވެފައި ތިބޭ މީހުންނާއި އެބަލީގެ ވެކްސިން ޖަހައިގެން ތިބޭ މީހުންގެ ފަރާތުން ނާރުގެ މައްސަލަތައް ފެނިފައިވެއެވެ.

އެގޮތުން، "އީކްލިނިކަލް މެޑިސިން" ޖާނަލްގައި މަކުނުވިދުރި ޖެހުމުންވެސް އެފަދަ މައްސަލަތައް ކުރިމަތި ވޭތޯ ބެލުމަށްޓަކައި ކުރެވުނު ދިރާސާއެއް ޝާއިއުކުރެވިފައިވެއެވެ.

މި ދިރާސާގެ ނަތީޖާއިން ފާހަގަކުރެވިފައިވަނީ، މަކުނުވިދުރި ޖެހޭ މީހުންގެ ތެރެއިން މަދުން ނަމަވެސް 2 އިންސައްތައާއި 3 އިންސައްތައާއި ދޭތެރޭގެ އަދަދަކަށް މީހުންގެ ފަރާތުން ނާރުގެ ތަފާތު މައްސަލަތައް ފެނޭކަމެވެ. އެގޮތުން، ނާރުގެ ބޮޑެތި ބަލިތައް ކަމުގައިވާ އެންސެފަލައިޓިސް އަދި ސީޒަރސް ޖެހުމުގެ އިތުރުން އެހެނިހެން ކުދިކުދި އުނދަގޫތައް ކަމުގައިވާ އޮޅުންއެރުމައި، ބޮލުރިހުމާއި، ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ރިހުން ހިމެނެއެވެ. މިގޮތުން އެންސިފިލައިޓިސް އަކީ ސިކުނޑި ދުޅަވުމުގެ ސަބަބުން ސިކުނޑީގެ ބޮޑެތި ނުކުޅެދުންތެރިކަމަށް ވާރުތަކުރާ ބައްޔެކެވެ.

މި ދިރާސާގެ އަލީގައި މަކުނުވިދުރި ޖެހުނު މީހުންގެ ތެރެއިން ނާރުގެ ބަލީގެ އަލާމާތް ފެނުނު ފަރާތްތަކުގައި ނާރުގެ ބަލީގެ ކުޑަ ބޮޑުމިން އަދި ބަލިޖެހިފައި ހުންނަ މުއްދަތު ދެނެގަނެވިފައެއް ނުވެއެވެ.

އޭގެ އިތުރުން، މަކުނުވިދުރި ޖެހުނު ފަރާތްތަކުގެ ކިބައިން ނަފްސާނީ ބަލިތައް ކަމުގައިވާ އެންޒައިޓީ އާއި ޑިޕްރެޝަން ފެނިފައިވާއިރު، އެފަދަ ބަލިތައް ޖެހުނު ފަރާތްތަކުގެ ސީދާ އަދަދެއް ދެނެގަތުމަށް ސައިންސްވެރިންނަށް ވަނީ ނުކުޅެދިފައެވެ. ނަފްސާނީ ބަލިތަކުގެ އަލާމާތްތައް ރިޕޯޓުކުރި ފަރާތްތަކުން ވަނީ މާޔޫސްވުމާއި، ހިތްވަރު ދެރަވުންފަދަ އަލާމާތަތައް ރިޕޯޓުކޮށްފައެވެ.

މަކުނުވިދުރި ޖެހުނު ފަރާތްތަކުގެ ދިރާސީ ނަތީޖާތަކަށް ބަލާއިރު އެމީހުންގެ ފަރާތުން ނާރުގެ ބަލިތަކާއި ނަފްސާނީ ބަލިތައް ފެނިފައިވީނަމަވެސް ނާރުގެ ބަލީގެ ސީދާ ސަބަބަކީ މަކުނުވިދުރި ޖައްސާ ވައިރަސްކަން ދެނެގަނެވިފައެއް ނުވެއެވެ. އަދި އެ ވައިރަހުގެ ސަބަބުން އެފަދަ ބަލިތަކުގެ އަލާމާތްތައް އިތުރުވެ ބޮޑުކުރާކަމެއްވެސް ޔަގީންކުރެވިފައެއް ނުވެއެވެ. މިކަމުގެ ސަބަބެއްކަމަށް ޢިލްމުވެރިން ދެކެނީ މިކަމާއި ގުޅުންހުރި ދިރާސާތައް މަދުކަމެވެ.

އެހެންކަމުން، ކުރިއަށް އޮތްތަނުގައި ނާރުގެ އަދި ނަފްސާނީ ބައްޔެއް ޖެހިފައިނުވާ ފަރާތްތަކުގެ ތެރެއިން މަކުނުވިދުރި ޖެހޭ ފަރާތްތައް ދިރާސާ ކުރެވޭނެކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން، ހަގީގަތުގައިވެސް މަކުނުވިދުރިން ނާރުގެ އަދި ނަފްސާނީ ބަލިތައް ޖައްސުވާނަމަ އެ ވައިރަހުން އެކަން ކުރަނީ ހަށިގަނޑުގެ ކޮން ނިޒާމުތަކެއް ބޭނުންކޮށްގެން ކަމެއް ސާފެއް ނޫނެވެ. ނަމަވެސް އައިއެފްއެލްސައިންސްއިން ދެކޭގޮތުގައި ބެލެވެނީ ވައިރަސް ހަމަލާދެނީ ސީދާ ހަށިގަނޑުގެ ދިފާޢީ ނިޒާމަށެވެ.

ހަމައެއާއިއެކު، މަކުނުވިދުރި ޖެހޭ މީހުންގެ ހަންގަނޑަށް އަންނަ ބަދަލުތަކާއި އެމީހުންނާއި ދޭތެރޭގައި މުޖުތަމަޢު ދެކޭގޮތާއި ލިބޭ ބަދުބަސްތަކުގެ ސަބަބުންވެސް ނަފްސާނީ ބަލިތަކަށް މަގުފަހިވެދާނެކަމަށް ބެލެވެއެވެ.

"އީކްލިނިކަލް މެޑިސިން ޖާނަލް"ގެ އިތުރުން "ނިއު އިންގްލެންޑް ޖާރނަލް އޮފް މެޑިސިން" އާއި އެހެނިހެން ދިރާސާތަކުން މަކުނުވިދުރި ޖެހޭ ފަރާތްތަކުގެ ކިބައި ނާރުގެ ބަލިތަކާއި ނަފްސާނީ ބަލިތައް ފެންނަކަން ސާބިތުކޮށްދީފައިވާއިރު، ބަލިތަކުގެ ސީދާ ސަބަބާއި، ބަލީގެ ކުޑަބޮޑުމިން ދެނެގަތުމަށްޓަކައި އިތުރު ތަހުލީލުތަކާއި ދިރާސާތައް ކުރަންޖެހޭކަމަށް ބެލެވެއެވެ.

މި ލިއުމާއި ގުޅޭ