ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ސްޕްރޭ ކުރި މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާ އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ނ. މިލަދޫ، ނޫއަލި އަބްދުﷲ ޔަޝްފައުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ، މޭ 31، 2022 ވަނަ ދުވަހުގެ 2:37 ހާއިރު، ނީލޯފަރު މަގުގައި ހުންނަ ކެނެރީގޭ ބޭރު ފާރުގައި އިނގިރޭސި އަކުރުން "އިންޑިއާ އައުޓް" ސްޕްރޭކޮށް އެ ފާރަށް އޭނާ ގެއްލުން ދީފައިވާ ކަމަށެވެ.
މި މީހާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާއެވެ. މި ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުން ނަމަވެސް ކުށަށް އިއުތުރާފުވެއްޖެ ނަމަ އަންނާނީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ކޯޓު މަރުހަލާގައި ޔަޝްފައު ވަނީ ކުށަށް އިއުތިރާފުވެފައެވެ. ކޯޓުގައި އޭނާ ބުނީ ކެނެރީގޭ ފާރުގައި ސްޕްރޭއިން ލިޔެފައިވާނެ ކަމަށާއި، ނަމަވެސް އެކަން ހިނގައި ދިޔަ ގޮތް މިހާރު ހަނދާން ނެތް ކަމަށެވެ. ކުށަށް އިއުތިރާފްވުމުން، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
ނަމަވެސް އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ހަރަކާތެއް ކަމަށާއި އެ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކަމާބެހޭ އިދާރާތަކަށް އަންގައިފައިވާއިރު ދިކޮޅު ކޯލިޝަނުން މިހާރު ވަނީ އެ ހަރަކާތް މަޑު ޖައްސާލާފައެވެ.