ޑްރިފްޓުކުރުމުގެ ހަރަކާތަށް ދިން ހުއްދަ ބާތިލުކުރީ ބައެއްގެ ނުފޫޒުންކަމަށް ޑްރިފްޓް އެސޯސިއޭޝަނުން ބުނެފިއެވެ.
އެ އެސޯސިއޭޝަނުން ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ސަރުކާރުން ބަލައިނުގަންނަކަމާއި މޮޓޯ ސްޕޯޓްސްއަށް އެއްބާރުލުން ނުދޭކަމަށް ބުނެ މީސް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެންކަމަށް ބުނެ ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއިން ނެރުނު ނޫސްބަޔާން ކުށްވެރިކޮށް ނޫސް ބަޔާނެއް ނެރެފައެވެ.
ޑްރިފްޓް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑްރޭގް ރޭސިން އަކީ ޑްރިފްޓްކުރުމާއި ވަރަށް ތަފާތު ކުޅިވަރެއްކަމަށާއި ރޭސް ޖެހުމަށް ޓްރެކެއް ނުވަތަ ދިގު މަގެއް ބޭނުންވިޔަސް ޑްރިފްޓް ނުވަތަ ސްޓަންޓް ހަރަކާތަށް އެވަރުގެ ބޮޑު ޖާގައެއް ބޭނުން ނުވާކަމަށެވެ.
ޑްރިފްޓް އެސޯސިއޭޝަނުން ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ޕޮލިސްޓޭޝަން ކާރީގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ ފުލުހުންނާއި އެއްވެސް ކުރިމަތިލުމެއްވެސް ހިންގާފައި ނުވާނެކަމަށެވެ.
އެގޮތުން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ އެ އެސޯސިއޭޝަންއިން ކުރިއަށް ގެންދާ ހަރަކާތުގެ ތަފްސީލު ދެމުން އެ އެސޯސިއޭޝަނުން ބުނީ "ތާޒްޑޭ ނައިޓް" އިވެންޓަކީ ފުވައްމުލަކު މޮޓޯސްޕޯޓްސްއިން ޔޫތް މިނިސްޓްރީގައި އެދިގެން އެޗްޑީސީއިން ދިން ހުއްދައެއްގެ ދަށުން ހިންގާ ހަރަކާތެއްކަމަށެވެ.
ނަމަވެސް ފަހުން ޑްރިފްޓް އެސޯސިއޭޝަން ވުޖޫދަށް އައުމަށްފަހު އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ދެ އެސޯސިއޭޝަންގެ ބައިވެރިވުމާއި އެކީގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ އެސޯސިއޭޝަނުން ބުނީ ބުރާސްފަތި ދުވަހުގެ ހަރަކާތުގައި ބައިވެރިވާ ގިނަ ކާރުތަކަކީ އާއްމުކޮށް މާލޭ މަގުތަކުގައި ދުއްވާ ކާރުތަކެއް ނޫންކަމަށާއި އެއީ ހަމައެކަނި ހުކުރުވިލޭރޭގެ ހަރަކާތުގައި ބައިވެރިވާން ނިކުންނަ ކާރުތަކެއްކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުން އެ ކުޅިވަރު ހަރަކާތް ކުރިއަށް ގެންގޮސްފައިވާނީ ސަރުކާރުގެ ވުޒާރާތަކުން ނަގަންޖެހޭ ހުރިހާ ހުއްދައެއް ނަގައިގެންކަމަށާއި ނަމަވެސް ބަޔަކުގެ ނުފޫޒުގެ ސަބަބުން ފުލުހުންގެ އެދުމުގެ މަތިން އެޗްޑީސީން ދީފައިވާ ހުއްދަ ބާތިލްކޮށްފައިވާކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވޭތުވެދިޔަ ތިން އަހަރު އެ ހަރަކާތް ކޮންމެ ހަފްތާއަކު ކުރަމުން ގެންދިޔައިރު މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކަމަށާއި ކުއްލިއަކަށް އެ ހަރަކާތަށް ދީފައިވާ ހުއްދަ ކުއްލިއަކަށް ބާތިލްކުރި ކުރުމާއި ދޭތެރޭގައި ސުވާލުތަކެއް އުފެދޭކަމަށެވެ.
އެ ހަރަކާތް ގެންދަނީ ރޭގަނޑުވަގުތަކަށްވިކަމުގައި ވީނަމަވެސް އެކަން ކުރަމުން އަންނަނީ ސިނާއީ ސަރަހައްދެއްގައިކަމަށާއި ސަރަހައްދު ކަނޑައެޅުމުގައި ހުޅުމާލޭ ފުލުހުންގެ އިސް ބައެއް ފަރާތްތަކާއި އެޗްޑީސީ އަދި އެ ދެ އެސޯސިއޭޝަންގެ މެންބަރުން މަޝްވަރާވެސް ކޮށްފައިވާކަމަށެވެ.