އިނގިރޭސިވިލާތުގެ ރާނީ، އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެކަނބަލުން އިނގިރޭސިވިލާތައް ފުރާވަޑައިގެންފިއެވެ.
ރައީސްއޮފޫހުން ބުނީ މިދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި، ރާނީ އަވަހާރަވުމުން ޝާހީ އާއިލާއަށް ތައުޒިޔާ ދަންނަވައި އެ އާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.
ރާނީ، އެލިޒަބަތު ދެވަނަ އަވަހާރަވުމުން ރާއްޖެއިން ވަނީ ތިން ދުވަހަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައެވެ.
ރާނީ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައި އޮންނާނީ، އަންނަ ހޯމަ ދުވަހުގެ ހެނދުނު 6:30 އާ ހަމައަށެވެ. އެއަށް ފަހު، އެ ދުވަހުގެ ހެނދުނު 11:00 ގައި ރާނީގެ ޖަނާޒާގެ ކަންތައް ފެށޭނެއެވެ.