ނައިޓް ކުލަބު ހިންގާ ގޮތަށް މާލެ ސަރަހައްދުގައި ހިންގާ ކެފޭތަކުގެ އުދަގޫ ބޮޑުވެ އެކަން ހުއްޓުވަން ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅާތީ އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ރޭގަނޑު އަޑުހަރުކޮށް ލަވައާއި މިއުޒިކު ޖަަހައި، ދެ ޖިންސުގެ މީހުން އެއްވެ ނަށައި އުޅޭ ކެފޭތައް މާލެ ސަރަހައްދުގައި އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެފަދަ ތަންތަނުގައި ފަތިސްވަންދެން ލަވައާއި މިއުޒިކު އަޑުހަރުކޮށް ޖަހާފައި ހުންނާތީ އެތަންތާ ކައިރީ ހުންނަ ގެތަކުގައި ދިރިއުޅޭ މީހުންނަށް އުދަގޫވާކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.
ކުރިން މިފަދަ ތަންތަނުގައި ރޭގަނޑު އަޑުގަދަކުރަން ފެށުމުން ފުލުހުންނަށް ގުޅުމުން ފުލުހުން އެ ތަންތަނަށް ގޮސް އެކަން ހުއްޓުވި ނަމަވެސް މިހާރު ފުލުހުން އެކަންކަން ނުހުއްޓުވާކަން އެފަދަ ތަންތާ ކައިރީ އުޅޭ އާންމުން ފާހަގަކުރެއެވެ.
"ނުވައެއް ދިހައެއް ޖަހާއިރު މި މީހުން އަޑުގަދަކުރަން ފަށާނެ. އެކަން މެންދަމުން އަލިވެސް ދޭއް ތިނެއް ޖަހާއިރުވެސް ނުނިމޭ. އަހަރުމެން ގޭގައި އުޅޭ ސުކޫލަށް ދާ ކުދިންނަށްވެސް ލޮލުފިޔައެއް ޖަހައިނުލެވޭ. އެކަމަކު ފުލުހުންނަށް ގުޅައިގެން އެއްވެސް ހައްލެއް ނުލިބޭ،" މިފަދަ ކެފޭއެއް ހުންނަ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ މީހަކު "ދިޔަރެސް"އާ ވާހަކަދައްކަމުން ބުންޏެވެ.
މިފަދަ ތަންތަނުގެ ތެރޭގައި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ގިނަ އަމަލުތަކެއް ހިންގާކަން ފުލުހުންނަށްވެސް އެނގެއެވެ. އެގޮތުން ފުލުހުންގެ އިންޓެލިޖެންސްގެ އިސް އޮފިސަރަކު ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އާ ވާހަކަދައްކަވަމުން ވިދާޅުވީ، އެތަންތަނުގައި ޕާޓީ ޑްރަގްސް ބޭނުންކުރުމާއި ވިއްކުން އާންމުވެފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ އެހެން ބާވަތްތައްވެސް އެތަންތަނުގައި ވިއްކައި ބޭނުންކުރާކަން ފުލުހުންނަށް އެނގޭ ކަމަށެވެ.
"އިންޓެލްއިން ބަލާނެ. އިންފޮ ހުންނާނީ އެއްކޮށް ސެންޓްރަލް ކޮމާންޑަށް ފޮނުވާފައި. އެކަމަކު މިކަންކަމާމެދު އެއްވެސް ފިޔަވަޅެއް ނާޅާ. މަތިން އެންގީމަ އެކަންކަން ފުލުހުން ހުއްޓުވާނެ. ކޮމާންޑެއް ނެތި ފުލުހުން ފިޔަވަޅުނާޅާނެ،" އޭނާ ވިދާޅުވިއެވެ.
އޭނާ ބުނި ގޮތުގައި ކުރިން މިފަދަ ތަންތަނަށް ދޭތެރެދޭތެރެއިން ފުލުހުން ރެއިޑުކުރެއެވެ. އަދި އަޑުގަދަކޮށް މިއުޒިކު ޖަހާނަމަ އާންމުންގެ ޝަކުވާއެއް ނެތަސް އަމިއްލައަށް ފެނިގެން އެކަން ހުއްޓުވުމުގެ ޚިޔާރުވެސް އެއިރު ފުލުހުންނަށް އޮވެއެވެ. ނަމަވެސް މިހާރު އެފަދަ އެއްވެސް ކަމެއްގައި އެއްވެސް ފިޔަވަޅެއް އެޅުމަށް ފުލުހުންނަށް ނާނގައެވެ.