ޓެނިހުގައި ދުނިޔޭގެ އެންމެ ކުޅަދާން އެއް ކުޅުންތެރިޔާ ކަމުގައިވާ ރޮޖާ ފެޑެރާ ރިޓަޔާކޮށް ކުޅިވަރުކުޅުމާ ދުރަށްދާން ނިންމާފައިވާކަން މިއަދު އިއުލާނުކޮށްފިއެވެ.
އޭނާ މިއަދު މީސްމީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަޏި ފާއިތުވި ތިން އަހަރު އޭނާއަށް ސާޖަރީތަކާއި އަނިޔާގެ ގޮތުގައި އެކިކަހަލަ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ވާދަކުރެވޭ ޙާލަތަށް އަނބުރާ އިއާދަވުމަށް ގިނަގުނަ މަސައްކަތްކުރިކަމަށްވެސް ފެޑެރާ ބުންޏެވެ.
"އެހެންނަމަވެސް އަހަރެންގެ ހަށިގަނޑުގެ ލިމިޓުތަކާއި ޤާބިލުކަން ހުރި މިންވަރު އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. އެ ހަށިގަނޑު އަހަންނަށް މިފަހުން ދެމުން އައި މެސެޖު ވަރަށް ސާފު. އަހަރެންގެ އުމުރުން 41 އަހަރުވެއްޖެ،" ސުވިޒްލޭންޑަށް އުފަން ރޮޖާގެ ބަޔާނުގައި އޭނާ ބުންޏެވެ.
އިތުރަށް އޭނާ ބުނީ ފާއިތުވި 24 އަހަރު 1،500 މެޗަށްވުރެ ގިނަ މެޗު ކުޅެފައިވާ ކަމަށެވެ. އަދި ހުވަފެނުން ދުށް މިންވަރަށްވުރެ އެތައް ގުނައެއް ރަނގަޅު ނަތީޖާ ޓިނުހުން ނެރެވިފައިވާ ކަމަށާއި، ވާދަވެރި ކެރިއާ ނިމުމަކަށް ގެންނަންޖެހުމުން އެކަން އޭނާއަށް ވިސްނެންޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ރޮޖާ ބުންޏެވެ.
ރޮޖާ ބުނި ގޮތުގައި އަންނަ ހަފުތާގައި އޮންނަ ލެވޭ ކަޕް މުބާރާތަކީ އޭޓީޕީ ހަރަކާތެއްގައި އޭނާ ބައިވެރިވާނެ ފަހު ހަރަކާތެވެ. ކުރިއަށް އޮތް ތަނުގައިވެސް ޓެނިސް ކުޅޭނެ ކަމަށާއި ނަމަވެސް ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތްތަކުން ނުނފެންނާނެ ކަމަށް އޭނާ ބުންޏެވެ.
ފާއިތުވި އަހަރުގެ ވިމްބްލްޑަން މުބާރާތުގެ ސެމީ ފައިނަލުން ބަލިވުމަށްފަހު ވާދަވެރި މުބާރާތަކުން ރޮޖާ ފެނިފައިނުވެއެވެ. އެ މުބާރާތަށްފަހު އޭނާގެ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ.