އިނގިރޭސިވިލާތުގެ ރާނީ، އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އިނގިރޭސިވިލާތައް ކުރައްވާ ދަތުރުފުޅަށް އެއް މިލިއަން ރުފިޔާވެސް ހަރަދު ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަންނަ ހޯމަ ދުވަހު އޮންނަ ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މާދަމާ އިނގިރޭސިވިލާތައް ފުރާވަޑައިގަންނަވާނެ އެވެ.
"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުގެ ވަފުދެއްވެސް ވަޑައިގަންނަވާ އެ ދަތުރުގެ ހަރަދުތަކަށް ތިން މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފަ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ޔޫކޭ ދަތުރުފުޅަށް ހަރަދުވާނެ ފައިސާއާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން މިއުވާން ވިދާޅުވީ ރައީސް ސޯލިހް އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނީ އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކަމަށެވެ.
އެ ދަތުރުގައި ބައިވެރިވާނީ އާންމުކޮށް ރައީސްގެ ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވާ ޑެލިގޭޝަނަށްވުރެ ކުޑަ ވަފުދެއް ކަމަށާއި އެހެންކަމުން ދަތުރައް ތިން މިލިއަން ހަރަދު ނުވާނެ ކަމަށް ވިދާޅުވި އެވެ.
"މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ސަބަބަކީ އަޅުގަނޑުމެންނަކަށް ދުނިޔެއާ އެކަހެރިވެގެންނެއް ނޫޅެވޭނެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އެންމެ އިސް ލީޑަރު [ރާނީއަކީ]، އަދި ހާއްސަ ގޮތެއްގައި އަޅުގަނޑުމެންނަކީ ކޮމަންވެލްތުގެ މެންބަރުވެސް ގައުމެއް،" މިއުވާން ވިދާޅުވި އެވެ.
"އާންމުކޮށް ކުރައްވާ ދަތުރުފުޅުގައި ހިމެނޭ އެންގޭޖްމެންޓުތައް މި ދަތުރުފުޅުގައި ނުހިމެނޭނެތީއާވެސް އެކުގައި ޑެލިގޭޝަން ކުޑަކޮށް ވަޑައިގަންނަވާނީ. ހަމަ ގައިމުވެސް ތިން މިލިއަނެއް ނާރާނެ. ދެން ދަތުފުޅު ނުވެސް ނިމޭ އެހެންވީމަ ސީދާ އަދަދެއް ދަންނަވާލަން ދަތި، އެހެންނަމަވެސް މިލިއަނެއްވެސް ނާރާނެ."
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން-- ފޮޓޯ/ދިޔަރެސް
އެކަމަކު މީގެ ކުރިންވެސް ރައީސްގެ ބައެއް ދަތުރުފުޅުތަކަށް 5 މިލިއަން ރުފިޔާއާ ގާތްކުރާ މިންވަރަށް ހަރަދުކޮށްފައިވާކަން ރައީސް އޮފީހުން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. އަދި އެމަނިކުފާނުގެ ޔޫކޭ ދަތުރުފުޅަށް ތިން މިލިއަންގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް މި ނޫހަށް މައުލޫމާތުދެއްވީ ރައީސް އޮފީހުގެ އިސްވެރިއެކެވެ.
ރާނީގެ ޖަނާޒާއާ ދިމާކޮށް ލަންޑަނުގެ ހޮޓާތަކުގެ އަގު ވެސް އެވެރެޖުކޮށް 30 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. ލަންޑަނުގެ ގިނަ ހޮޓާތައް ގާތްގަނޑަކަށް ފުރިފައިވާއިރު ހުސްޖާގަހުރި ހޮޓާތަކުގެ އަގުތައް ވަނީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާއިރު ދެގުނައަށް ބޮޑުވެފަ އެވެ.
ކުޑަ ކޮޓަރިތަކުގެ އަގުވެސް ރެއަކަށް 500 ޕައުންޑަށްވުރެ އަގު މަތިވެފައިވާއިރު އެންމެ މަތީ ފަންތީގެ ހޮޓާތަކުގެ ކޮޓަރިއެއްގެ އަގުވަނީ ރެއަކަށް 2،000 ޑޮލަރަށްވުރެ މައްޗަށް އުފުލިފަ އެވެ.