ނިސްބަތުން ރާއްޖޭގެ އިޤުތިޞާދު ރަނގަޅުވަމުން އައި ނަމަވެސް ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހިރާސްތައް ބޮޑުކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ބުނެފިއެވެ.
އައިއެމްއެފްގެ ޗާޓަރުގެ 5 ވަނަ މާއްދާގެ ދަށުން ޤައުމުތަކުގެ އިޤުތިޞާދީ ހާލަތު ވަޒަންކޮށް އެ ޤައުމުތަކަށް ލަފާ ދިނުމުގެ މަސައްކަތުގެ ތެރެއިން ރާއްޖެއަށް ޒިޔާރާތްކުރަމުން އަންނަ ވަފުދުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިޤުތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއާ މިއަދުވަނީ ބައްދަލުކޮށްފައެވެ.
އައިއެމްއެފްގެ ޗާޓަރުގެ ހެޑް އޮފް މިޝަން ޖިޑިއަން ކިންޑާ އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ %50އާ ގާތްކުރާ މިންވަރަކީ ޔޫރަޕުން އަންނަ ފަތުރުވެރިން ކަމަށެވެ. އެހެންކަމުން ޔޫރަޕުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ހަކަތައިގެ ކާރިސާގެ ސަބަބުން އެ ޤައުމުތަކުގެ އިޤުތިޞާދު ވަރަށް ބޮޑަށް މަޑުޖެހޭ ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރުކުރުމުގެ ހިރާސް ވަރަށް ބޮޑު ކަމަށެވެ.
"އަހަރުމެންނަށް ލަފާކުރެވޭ ގޮތުގައި ޔޫކުރެއިން ހަނގުރާމައާއި ޔޫރަޕަށް ކުރިމަތިވެފައިވާ ހަކަތައިގެ ކާރިސާގެ ބުރަ ޔޫރަޕުގެ އިޤުތިޞާދުތަކަށް ތަހައްމަލުކުރަންޖެހޭނެ. އެ ބުރައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެކަމަށް ބެލެވޭ،" ގިޑިއަން ވިދާޅުވިއެވެ.
އިތުރަށް ދުނިޔޭގެ އިޤުތިޞާދީ ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ގިޑިއަން ވިދާޅުވީ ދުނިޔޭގެ އިޤުތިޞާދުގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެތައް އަހަރަކަށް ކުރިމަތިވާނެކަމަށް އަންދާޒާކުރި ހިރާސްތައް މިހާރު ޙަޤީޤަތަކަށް ވަމުން އަންނަ ކަމުގައިވެސް ގިޑިއަން ވިދާޅުވިއެވެ.
އަދި ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު އުފުލިފައިވުމުގެ ސަބަބުން ޤައުމުތަކުގެ މަނިޓަރީ ޕޮލިސީއަށް ގެންނަ ބަދަލުގެ ސަބަބުން ދަރަންޏަށް ފައިސާ ނެގުމުގެ ޚަރަދު ބޮޑުވަމުން އަންނަ ކަމަށެވެ. އެގޮތުން %10ގައި ރާއްޖެއިން އިޝޫކުރި ސުކޫކަށް ބަލާއިރު މިހާރު އެ ސުކޫކުގެ އިންޓަރެސްޓު ދެގުނަ ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ އަނެއް ހިރާސްގެ ގޮތުގައި ގިޑިއަން ފާހަގަކުރެއްވީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ބަންދުކޮށްފައިހުރި ފަތުރުވެރިކަމުގެ މަންޒިލުތައް ހުޅުވައިލަން ފެށުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބައެއް އެ ޤައުމުތަކަށް މިސްރާބު ބަދަލުކުރުމެވެ. އެގޮތުން ތައިލޭންޑު ފަދަ ޤައުމުތަކަށް އެ ފަތުރުވެރިން މިސްރާބު ޖެހުމަކީ ވެދާނެ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
އަނެއް ހިރާސަކީ އޭނާ ފާހަގަކުރެއްވި ގޮތުގައި ޗައިނާގެ އިޤުތިޞާދު ބޮޑުވަމުން އަންނަ އައުމެވެ. ޗައިނާގެ އިޤުތިޞާދު މަޑުޖެހުމަކީ ރާއްޖެ ހިމެނޭހެން އޭޝިއާގެ ޤައުމުތަކުގެ އިޤުތިޞާދަށް އަސަރުކުރާނެ ކަމެއް ކަމުގައި އައިއެމްއެފްގެ ވަފުދުގެ ވެރިޔާ ވިދާޅުވިއެވެ.
އެއާއެކު އޭނާ ފާހަގަކުރައްވާފައިވަނީ ފަތުރުވެރިކަން ފެށިފައިވުމާއި ފަތުރުވެރިން އަންނަ ޤައުމުތައް ސިންދަފާތުކޮށްފައިވުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބެއް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދު ކުރިއަރަމުން އަންނަ ކަމަށާއި، އެގޮތުން ރާއްޖޭގެ ޖީޑީޕީ 2022 ވަނަ އަހަރުގައި 19 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވުމުން އުފެދޭ ހިރާސްގެ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މުދަލާއި ޚިދުމަތުގެ އަގު ހިފަހެއްޓުމަށް ސަރުކާރުން ދެމުންދާ ސަބްސިޑީއަށް ކުރާ ޚަރަދު ބޮޑުވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ޚަރަދު އިތުރުވާނެކަމަށް ލަފާކުރެވޭކަން ފާހަގަކުރައްވައި ގިޑިއަން ވިދާޅުވީ އެ ސަބްސިޑީއަކީ ދެމެހެއްޓެނެވި ސަބްސިޑީއެއް ނޫން ކަމަށެވެ.
ރާއްޖެއަށް އޮތް އަނެއް ހިރާހަކީ ބޭރުން ދަރަންޏަށް ފައިސާ ހޯދުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވުންކަމަށް ގިޑިއަން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޚަރަދު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ ބަޖެޓުގެ ޑެފިސިޓު ފޫބެއްދުމަށް ފައިސާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
އިތުރަށް ގިޑިއަން ފާހަގަކުރެއްވީ ރާއްޖޭގެ އިޤުތިޞާދު ރަނގަޅުވަމުން ދިޔަ ނަމަވެސް ދައުލަތުގެ ފިސްކަލް (މާލީ) ސިޔާސަތާ ގުޅިފައިހުރި ނާޒުކުކަން އެބަހުރި ކަމަށެވެ. އެގޮތުން ބަޖެޓުގެ ޑެފިސިޓު ބޮޑުވުމަކީ މާލީ ހާލަތުގެ ނާޒުކުކަން އިތުރުވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި ދަރަނި ބޮޑުވުމަކީވެސް މާލީ ހާލަތަށް އޮތް ނުރައްކަލެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ތަނުގައި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ކުޑަކުރުމަށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާއެކު އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ.