Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރާނީގެ ޖަނާޒާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމަށް 3 މިލިއަން ރުފިޔާގެ ބަޖެޓެއް

އިނގިރޭސިވިލާތުގެ ރާނީ އެލިޒެބަތު 2 ވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަޑައިގަތުމަށް 3 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިފިއެވެ.

އަންނަ ހޯމަދުވަހުގައި އޮންނަ ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙާއި އަނބިކަނބަލުން ފަޒުނާ އަޙްމަދު ވަޑައިގަންނަވާއިރު ދެމަފިރިކަނބަލުންނާއެކު، ރައީސް އޮފީހުގެ ވަފުދެއްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ނަން ނުޖެހުން ޝަރުތުކުރައްވައި "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ރައީސް އޮފީހުގެ އިސްވެރިޔަކު ވިދާޅުވިއެވެ.

"މިހާރު މި ދަތުރުގެ ޚަރަދުތަކަށް ޖުމްލަ 3 މިލިއަން ރުފިޔާގެ ބަޖެޓެއް އެލޮކޭޓުކޮށްފި،" ރައީސް އޮފީހުގެ މަސްއޫލުވެރިޔާ "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. މީގެ ކުރިންވެސް ރައީސްގެ ބައެއް ދަތުރުފުޅުތަކަށް 5 މިލިއަން ރުފިޔާއާ ގާތްކުރާ މިންވަރެއް ޚަރަދުކޮށްފައިވާކަން ރައީސް އޮފީހުން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކައެވެ.

މި ދަތުރުފުޅުގައި އެހެން ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ނަމަވެސް ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވޭނީ ރައީސްގެ ދެމަފިރިކަނބަލުންނަށް ކަމުގައި ބެލެވެއެވެ. އިނގިރޭސިވިލާތުގެ ސަރުކާރުންވަނީ ޖަނާޒާގައި ބައިވެރިވުމަށް ބޮޑެތި ވަފުދުތައް ނުފޮނުވުމަށް ޤައުމަތަކުގެ ކިނބައިން އެދިފައެވެ.

ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެމަފިރި ކަނބަލުންނާއި ވަފުދު ވަޑައިގަންނަވާއިރު އެ ދެމަފިރިކަލުން ދަތުރުކުރައްވަނީ ބިޒްނަސް ކުލާސްގައިކަމަށް "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވެއެވެ.

އިނގިރޭސި ރާނީގެ ޖަނާޒާއާ ދިމާކޮށް ލަންޑަނުގެ ހޮޓާތަކުގެ އަގު އެވެރެޖު ގޮތެއްގައި 30 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް މިއަދު ބްލޫމްބާގު ނޫހުން ރިޕޯޓުކޮށްފައިވެއެވެ. ލަންޑަނުގެ ގިނަ ހޮޓާތައް ގާތްގަނޑަކަށް ފުރިފައިވާއިރު ހުސްޖާގަހުރި ހޮޓާތަކުގެ އަގުތައްވަނީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާއިރު ދެގުނައަށް ބޮޑުވެފައެވެ.

އެގޮތުން ކުޑަ ކޮޓަރިތަކުގެ އަގުވެސް ރެއަކަށް 500 ޕައުންޑަށްވުރެ އަގު މަތިވެފައިވާއިރު އެންމެ މަތީ ފަންތީގެ ހޮޓާތަކުގެ ކޮޓަރިއެއްގެ އަގުވަނީ ރެއަކަށް 2،000 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ.

ރައީސް ޞާލިޙު ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް 3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވަނީ ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ނޫނީ ނުކުރަން ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއަކުން އަންގާފައިވާ ދަނޑިވަޅެއްގައެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޞާލިޙު ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ދަތުރުކުރެއްވުމަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށެވެ. 2021 ވަނަ އަހަރުގައި ރައީސް ޞާލިޙުގެ ދަތުރުފުޅުތަކަށް އެކަނި ދައުލަތުގެ ބަޖެޓުން 16.8 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ