Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުތުތަކަށް ބަދަލުތަކެއް ގެންނަންޖެހޭ: ޠާރިޤު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުޠުތައް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މާއްދާއަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް ޤާނޫނު އަސާސީގައި މިހާރު އޮތް އޮތުން ބަދަލުކުރުމަށް، ޤާނޫނު އަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހުށަހެޅުއްވި އިސްލާހަށް މަޖިލީހުގައި ބަހުސްކުރައްވަމުން ޓޮމް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ޝަރުތުތަކަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާގެ ޝަރުޠެއް އޮތުމަކީ ބޭނުންތެރިކަމެއް ކަމުގައި ފާހަގަކުރައްވައި ޓޮމް ވިދާޅުވީ އެފަދަ ޝަރުތެއް ހިމެނުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މިހާރު ނެގި ނަމަވެސް އެފަދަ ޝަރުތެއް ކަނޑައެޅުމަށް ފާސްވާނެ ކަމަށެވެ.

"އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ [ޝަރުތުތަކުގެ] ތެރޭގައި އެއްވެސް ތައުލީމީ ފެންވަރެއް ނެތުން މިއީ ހަމަ ކަންބޮޑުވާ ކަމެއް. އެއީ ހަމަ ވިސްނާލަންޖެހޭ ކަމެއް. އަޅުގަނޑު މިދެންނެވި ތައުލީމީ ފެންވަރަކީ ހަމައެކަނި ފޮތުން [ހާސިލުކުރާ] ތައުލީމެއް ނޫން. ތަޖުރިބާ ނަމަވެސް ކޮންމެވެސް ކަހަލަ ޝަރުތެއް އޮތުމަކީ މިހާރުވެސް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ގޮސްފިނަމަ ފާސްވާނެ ކަމެއް،" ޓޮމް ވިދާޅުވިއެވެ.

ތައުލީމާއި ތަޖުރިބާގެ ފެންވަރާ ގުޅޭ ޝަރުތެއް މަޖިލީހުގެ މެންބަރުންގެ ޝަރުޠުތަކުގެ ތެރެއަށް އިތުރުކުރުމުގެ އިތުރަށް ޓޮމް ފާހަގަކުރައްވާފައިވަނީ މަޖިލީހުގެ މެންބަރުކަން، ބޭރުގެ ޤައުމުތަކުން ޚާއްޞަ އިމްތިޔާޒުތައް ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ނުކުރެއްވޭ ގޮތަށް އިސްލާހުކުރުމުގެ މުހިއްމުކަމެވެ.

އެގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަކީ އިންޑިއާގެ ދާއިމީ ރަށްވެހިކަން އޮންނަ ބޭފުޅެއް ކަމުގައި ޓޮމް ފާހަގަކުރެއްވިއެވެ. އެއީ ޝަރީފާ އާއިލީ ގޮތުން ގުޅުން އޮންނަ ބަޔަކު އިންޑިއާގައި ތިއްބަވާތީ ލިބިވަޑައިގެންފައިވާ އިމްތިޔާޒެއް ކަމުގައިވެސް ޓޮމް ފާހަގަކުރެއްވިއެވެ. "މަރަދޫ ދާއިރާގެ މެންބަރުގެ އަތްޕުޅުގައި އިންޑިއާގެ ޕާމަނެންޓް ރެޒިޑެންސީ އެބައޮތް. މީގެ މިދިމާވި ގޮތަކީ މަޖިލިސް ފަށައިގެން މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ރިޔާސަތުގައި އިންނެވީ މަރަދޫ ދާއިރާގެ މެންބަރު ޝަރީފު. އެ ދުވަހު އެ ކޮމިޓީއަށް ހުށަހެޅިފައި އޮތީ ރާއްޖެއާއި އިންޑިއާގެ މެދުގައި އޮތް ގުޅުމާ ބެހޭ މައްސަލައެއް. އެ ބޭފުޅާއަކީ އެ ޤައުމުގެ ޚާއްޞަ އިޚުތިޔާރުތައް ލިބިފައިވާ ބޭފުޅެއް،" ޓޮމް ވިދާޅުވިއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއާއި ނައިބުރައީސްގެ އިތުރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މަޖިލީހުގެ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި އެހެން ޤައުމަކުން ޚާއްޞަ އިމްތިޔާޒުތައް ލިބިވަޑައިގަންނަވާ ބޭފުޅެއް ކަމުގައި ނުވުން ހިމަނަންޖެހޭ ކަމަށް ޓޮމް ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް ޤާނޫނު އަސާސީގައި އޮތް އޮތުން އިސްލާހުކުރަން ތާއީދުކުރައްވާކަން ހާމަކުރައްވައި ޓޮމް ވިދާޅުވީ އެމީހާގެ ވޯޓު އެ ދާއިރާގެ ވޯޓު ފޮއްޓަށް ނުލެވޭ މީހުން އެ ދާއިރާތަކުން މަޖިލީހަށް ނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް (ކާނަލް)އެވެ. ޓޮމް ފާހަގަކުރެއްވީ ނާޒިމް ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައިކަމެވެ. ނަމަވެސް އެ ޕާޓީ ދޫކުރައްވައި އަމިއްލަ ޕާޓީއެއް ހައްދަވައިގެން ވަޑައިގަތުމުން އެ ދާއިރާގެ ރައްޔިތުންގެ ޝަކުވާތައް އެބަހުރި ކަމަށެވެ.

"އެމީހާގެ ވޯޓު އެމީހާގެ ފޮއްޓަށް ނުލެވޭ މީހުން މަޖިލީހަށް ނައިމަ އެންމެ ރަނގަޅީ. ރައްޔިތުންގެ އިހުސާސްތަކެއް ނުހުރޭ،" ޓޮމް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ