އިނގިރޭސިވިލާތުގެ ރާނީ އެލިޒެބަތު 2 ވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދުވަނީ ރައީސުލްޖުމްހޫރިއްޔާ ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
ރާނީ އެލިޒަބަތު އަވަހާރަވީ ފާއިތުވި ހަފުތާގެ ބުރާސްފަތިދުވަހުއެވެ. ރާނީ އެލިޒަބަތު ފަސްދާނުލުމުގެ ކަންކަން ކުރިއަށްދާނީ އަންނަ ހަފުތާ ހޯމަދުވަހުއެވެ. އެ ޖަނާޒާގައި އެކި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޝާހީ އާއިލާއިން އެދިވަޑައިގެންފައިވަނީ އެ ޖަނާޒާގައި ބޭރުގެ ޤައުމުުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެ ބޭފުޅުންނާއެކު ވަފުދުތައް އެ ކަމަށް ނުގެންދެވުމަށެވެ. ސަބަބެއްކަމަށް ފާހަގަކުރީ ޖަނާޒާ އޮންނަ ތަނުގެ ޖާގައިގެ ދަތިކަމެވެ.
ރާނީގެ ޖަނާޒާގައި ޤައުމުތަކުގެ އެންމެ އިސްވެރިންނާއި އެބޭފުޅުންގެ އަނބިންނާއި ފިރިންނަށް ބައިވެރިވެވަޑައިގެންނެވުނު ނަމަވެސް އިތުރު ފަރާތްތަކަށް އެ ފުރުސަތު ނޯންނާނެކަމަށް އިނގިރޭސި ސަރުކާރުން ބުނެފައިވެއެވެ.
ރާނީގެ ޖަނާޒާއަށް ރައީސް ޞާލިޙު އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ކޮން ދުވަހަކު ކަމެއް އަދި ސަރުކާރުން ހާމަނުކުރެއެވެ.