އިހުގައި ހިންދޫ ދީނުގެ ފައްޅިއެއް ހުރި ތަނެއްކަމަށް އެ މީހުން ޤަބޫލުކުރާ ތަނެއްގައި ހުރި މިސްކިތެއްގައި އަޅުކަންކުރުމުގެ ހުއްދަ ދިނުމަށް އެދި ހިންދޫ އަންހެނުންތަކެއް ހުށަހެޅި މައްސަލައެއް ބަލައިގަތުމަށް އިންޑިއާގެ ކޯޓަކުން ނިންމައިފިއެވެ.
މި މައްސަލަ ބަލައިގަތުމަށް އެ ކޯޓުން ނިންމާފައިވަނީ އެ ހުށަހެޅުން ކޯޓަށް ބަލައިނުގަތުމަށް އިންޑިއާގެ ބައިމަދު މުސްލިމުންގެ ފަރާތުން ކޯޓުގައި އެދިފައިވަނިކޮށެވެ.
ހިންދޫން މުޤައްދަސް ޝަހަރެއް ކަމުގައި ދެކޭ އިންޑިއާގެ އުތުރުގެ ޝަހަރެއް ކަމުގައިވާ ވަރަނާސީގައި ހުންނަ ގިޔަންވަޕީ މިސްކިތްވެފައިވަނީ އިންޑިއާގެ ބައިބޯ ހިންދޫންނާއި ބައިމަދު މުސްލިމުންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ މައްސަލައެއް ކަމުގައެވެ. އިންޑިއާގެ އާބާދީގެ %13 މީހުންނަކީ މުސްލިމުންނެވެ.
އިންޑިއާއަށް 1947 ވަނަ އަހަރުގައި މިނިވަންކަން ލިބުނު ފަހުން މިފަދަ ބައެއް ތަންތަން ވެފައިވަނީ ހިންދޫންނާއި މުސްލިމުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދުނު ސަބަބު ކަމަށެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި މިފަދަ ދެބަސްވުންތައް އިތުރުވެފައިވެއެވެ.
އެ މިސްކިތުގެ ތެރޭގައި ފެންނަ އަދި ނުފެންނަ ހިންދޫ ކަލާނގެތަކަށް އަޅުކަންކުރުމުގެ ހުއްދަ ދިނުމަށް އެދި ހިންދޫ 5 އަންހެނަކު އުއްތަރަ ޕްރަދޭޝްގެ ވަރުނާސީ ޑިސްޓްރިކްޓު ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައިނުގަތުން އެދި މިސްކިތްތަކާ ބެހޭ ކޮމިޓީއަކުން މައްސަލައެއް ހުށަހަޅާފައިވެއެވެ.
އެ ކޮމިޓީން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެ މިސްކިތަކީ 600 އަހަރުވީ ޤަދީމީ މިސްކިތެއް ކަމަށެވެ. އަދި އެ ތާރީޚުން ފެށިގެން މުސްލިމުން އަޅުކަންކުރާ ތަނެއްގެ ގޮތުގައި، އެ މިސްކިތް ހުރިކަން އެ ކޮމިޓީން ފާހަގަކުރިއެވެ.
އެ މިސްކިތުގައި އަޅުކަންކުރުމުގެ ހުއްދަ ހޯދަން ހުށަހެޅި ހިންދޫން ބުނެފައިވަނީ އެ މިސްކިތް ހުރި ތަނުގައި ކުރިން ހުރީ ފައްޅިއެއް ކަމަށެވެ. އަދި އެ ތަނުގައި މިހާރުވެސް ބުދާއި އެހެނިހެން އަސަރުތައް ފެންނަން އެބަހުރި ކަމަށެވެ.
އެ މައްސަލަ ބެލި ފަނޑިޔާރު އަޖޭ ކްރިޝްނާ ނިންމާފައިވަނީ އެ މައްސަލަ ބަލައިނުގަންނަންޖެހޭ ސަބަބެއް މުސްލިމުންނަށް ހުށަހަޅައިނުދެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދަން ނިންމައި، 22 ސެޕްޓެންބަރުގައި އަޑުއެހުމެއް ބާއްވަން އޭނާ ތާވަލުކުރެއްވި ކަމަށް ހިންދޫންގެ ވަކީލު ޝިވާމް ގައުޑް ބުނެފައިވެއެވެ.
އެ މައްސަލަ ބަލައިނުގަންނަން އެދުނު މިސްކިތްތަކާ ބެހޭ ކޮމިޓީން ކުރިން ބުނެފައިވަނީ އެ ކޮމިޓީއާ ދެކޮޅަށް މައްސަލަ ނިމިއްޖެނަމަ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ. ކޯޓުގެ ނިންމުމަށްފަހުގައި އެ ކޮމިޓީން އަދި ބަހެއް ބުނެފައިނުވެއެވެ.