Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސީރިޔާ

ސިސިލީއަށް ވާސިލުވި ބޯޓެއްގައި ސޫރިޔާގެ 6 ރެފިއުޖީއަކު މަރުވެފައިވަނިކޮށް ފެނިއްޖެ

ހޯމަދުވަހު ސިސިލީގެ ޕޮޒާލޯ ބަނދަރަށް ގާތްކުރި މުހާޖިރުން އުފުލާ ބޯޓެއްގައި ސޫރިޔާގެ 6 މީހަކު މަރުވެފައި ތިއްބައި ފެނިއްޖެއެވެ. އެ ބޯޓުގައި މަރުވެފައި ތިބި 6 މީހުންގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ.

އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުން އިޓަލީއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޗިއާރާ ކާޑޮލެޓީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އެ މީހުން މަރުވީ ހައިހޫނުކަމާއި ވަރަށް ބޮޑަށް ފިހިގެންނެވެ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ފާހަގަކުރެއްވީ، މިފަދަ ހިތްދަތި ކާރިސާތައް ތަކުރާރުވިޔަ ނުދިނުމަށް، ކަނޑުމަތިން މުހާޖިރުން ސަލާމަތްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރަންޖެހޭކަމަށެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބޯޓުން މަރުވެފައިވަނިކޮށް ފެނުނު 6 މީހުންނަކީ އެ ބޯޓުގައި އެތައް ދުވަހެއް ހޭދަކުރި 26 މީހުންގެ ގުރޫޕެއްގައި ހިމެނޭ ބައެއް ކަމަށެވެ.

އަދި އެ ބަޔާނުގައި ބުނެފައިވަނީ އެ ބޯޓުން ފެނުނު މަރުވެފައިވާ ކުޑަކުދިންގެ ތެރެއިން ދެ ކުދިންނަކީ އުމުރުން 1 އަހަރާއި 2 އަހަރުގެ ކުދިން ކަމަށެވެ. ތިންވަނަ ކުއްޖާއަކީ އުމުރުން 12 އަހަރުގެ ކުއްޖެއް ކަމަށެވެ. އަދި މަންމައަކާއި މާމައެއްގެ ހަށިގަނޑުވެސް މަރުވި މީހުންގެ ހަށިތަކުގެ ތެރެއިން ފެނިފައިވާ ކަމަށެވެ.

އަދި ހާލުދެރަވުމުގެ ސަބަބުން އެ ބޯޓުގައި ދަތުރުކުރި މަންމައަކާއި އޭނާގެ ދަރިފުޅު ވައިގެ މަގުން މޮލްޓާއަށް އާދީއްތަދުވަހު ގެންގޮސްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މެޑިޓޭރިއަން ކަނޑު ހުރަސްކޮށް ވިލާތުގެ ބައްރަށް ވާސިލުވުމަށް މަސައްކަތްކުރުމުގެ ތެރޭގައި މި އަހަރުގެ މިހާތަނަށް 1،200 އަށްވުރެ ގިނަ މީހުން މަރުވިކަމަށް ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ