ޒަމާނީ އަޅުވެތިކަމުގެ އެކި ބާވަތްތަކުގެ ތެރޭގައި ތާށިވެފައިވާ މީހުންގެ އަދަދު ފަސް ގުނައަށް އިތުރުވެ 50 މިލިއަން މީހުން އެކި ބާވަތުގެ ޒަމާނީ އަޅުވެތިކަމުގެ ތެރޭގައި ތާށިވެފައިވާ ކަމަށް އދ.ގެ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ހޯމަދުވަހުގައި ބުނެފިއެވެ.
އައިއެލްއޯއިން ބުނި ގޮތުގައި މި 50 މިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ރުހުމެއް ނެތި މަސައްކަތް ކުރާ ބައެއް ކަމަށެވެ. އަދި އަނެއްބައި މީހުންނަކީ ގަދަކަމުން ކައިވެނިކުރުވާފައިވާ މީހުން ކަމަށެވެ.
އައިއެލްއޯގެ ރިޕޯޓުގައި ބުނެފައިވަނީ މި ދެ ބާވަތަކީވެސް ޒަމާނީ އަޅުވެތިކަމުގެ ގޮތުގައި އެ ޖަމްއިއްޔާއިން ބަލާ ދެ ކަންތައް ކަމަށެވެ. އެއީ އެ ފަރާތްތަކަކީ އިންޒާރާއި އަނިޔާއާއި އޮޅުވައިލުމާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ތާށިވެފައި ތިބޭ ހާލަތުން މިންޖުނުވެވޭ މީހުން ކަމުގައިވާތީއެވެ.
ކޮވިޑް-19އާއި ހަނގުރާމައާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިއަށްވުރެ ބޮޑަށް ފަޤީރުކަން ބޮޑުވުމުގެ ސަބަބުން ޒަމާނީ އަޅުވެތިކަން އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވ.
ގަދަކަމުން މަސައްކަތްކުރުވުމާމެދު އެކަށީގެންވާ ސަމާލުކަމެއް ނުދެވި އެކަމުގައި ކުރަންޖެހޭ ވަރަށް މަސައްކަތް ނުކުރެވޭކަން އައިއެލްއޯގެ ޑިރެކްޓާ ޖެނެރަލް ގައި ރައިޑާ ރޮއިޓާސްއާ ވާހަކަދައްކަވަމުން ފާހަގަކުރެއްވިއެވެ.
ގަދަކަމުން މަސައްކަތްކުރުވައިގެން އުފައްދާ އުފެއްދުންތައް އެތެރެކުރުން މަނާކުރަން ވިލާތުގެ އިއްތިހާދުންކުރާ މަސައްކަތް ފަދަ ވިޔަފާރިކުރުމާ ގުޅުންހުރި ސިޔާސަތުތަކަކީ އެކަމުގެ ސަބަބުން ގަދަކަމުން މަސައްކަތްކުރުވުމުގެ ދާއިރާއަށް ހެޔޮ އަސަރުކުރާނެ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
އައިއެލްއޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެންމެ ފަހުން 2016 ވަނަ އަހަރު އެއްކުރި ހިސާބުތަކަށް ބަލާއިރު، އެ އަހަރުން ފެށިގެން ފާއިތުވި މުއްދަތުގައި މަޖުބޫރުން މަސައްކަތްކުރުވާ މީހުންގެ އަދަދު 9.3 މިލިއަން މީހުން އިތުރުވެފައިވާ ކަމަށެވެ.
އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އަޅު މަސައްކަތްކުރުވުމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ޤަޠަރުގައި 2018 ވަނަ އަހަރުގައި އައިއެލްއޯގެ އޮފީހެއް ހުޅުވި ފަހުން އެ ޤައުމުގައި ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ރަނގަޅުވެފައިވެއެވެ.
ޗައިނާގެ އެކި ސަރަހައްދުތަކުގައި ގަދަކަމުން މީހުން ލައްވައި މަސައްކަތްކުރުވާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ކަންބޮޑުވުންތައް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އޯގަސްޓު 31 ވަނަ ދުވަހުގައި އދގެ އިނާސާނީ ހައްގުތަކާ ބެހޭ އޮފީހުން ނެރުނު ރިޕޯޓެއްގައި ޝިންޖިއާން ޕްރޮވިންސްގައި އިުއިޣުރު ނަސްލުގެ މުސްލިމުން ލައްވައި މަޖުބޫރުކޮށްގެން މަސައްކަތްކުރާކަން ފާހަގަކޮށްފައިވާކަން އައިއެލްއޯއިން ފާހަގަކުރިއެވެ.
ޗައިނާއިންވަނީ އެ ޤައުމަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ. އަދި މަޖުބޫރުކޮށްގެން މަސައްކަތްކުރުވުމާ ދެކޮޅު ދެ މުއާހަދާއެއް ފާއިތުވި މަހުގައި އެ ޤައުމުން ތަސްދީގުކޮށްފައިވެއެވެ.