Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަނދުން ހުސައިން

ވަޒީރަކު ބޭނުން އިރަކުން ޤާނޫނު ތަންފީޒުކުރާ ގޮތަށް އޮތުމަށް ތާއީދުނުކުރަން: އަނދުން ހުސައިން

ވަޒީރަކު ބޭނުންފުޅުވާއިރަކުން ޤާނޫނެއް ރައްޔިތުންގެ މައްޗަށް ހިންގޭ ގޮތަށް އޮތުމަށް ތާއީދުނުކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަނދުން ހުސައިން ވިދާޅުވެއްޖެެއެވެ.

އަނދުން ހުސައިން މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ޤާނޫނު އިސްލާހުކޮށް ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް، މިނިސްޓަރަށް ރާއްޖޭގެ އިޤުތިޞާދީ ހާލަތު ރަނގަޅުވެއްޖެ ކަމުގައި ފެނިވަޑައިގެން އެގޮތަށް ނިންމަވަންދެން ފަސްކުރެއްވުމުގެ ބާރު ލިބިވަޑައިގަންނަވާ ގޮތަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ކުރިން ޤާނޫނުގައި ކަނޑައަޅާފައިވަނީ 2 އަހަރު ފަހުން ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ދޭން ފަށަންޖެހޭ ގޮތަށެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި އޮތީ މިނިސްޓަރު ރާއްޖޭގެ އިޤުތިޞާދު ރަނގަޅުކަމަށް ކަނޑައަޅުއްވައި ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަދިނުމަށް ކަނޑައެޅުމުން ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑައުޖޫރަ ދޭ ގޮތަށެވެ.

"މިއީ ސަރުކާރުން ފޮނުވި ނަމަވެސް، ރައްޔިތުން އިންތިޚާބުކޮށްފައި އަޅުގަނޑު މިތަނަށް ފޮނުވީމާ ތާއީދުކުރަން އުދަގޫ ގޮތެއް. ޤާނޫނުގައި ކަމެއް ލިޔެފައި ވަޒީރަކަށް ފެނިވަޑައިގަތުމުން އެ މައްޗަށް އަމަލުކުރަން ފެށުން،" ޙުސައިން ވިދާޅުވިއެވެ.

އަދި އެއަށްވުރެ ބޮޑަށް އެ އިސްލާހާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ސަބަބެއްކަމަށް އަނދުން ހުސައިން ފާހަގަކުރެއްވީ އެމްޑީޕީއަކީ ހަމަހަމަކަމަށް މަސައްކަތްކުރާ ޕާޓީއަކަށްވެފައި، ރާއްޖޭގައި ދިރިއުޅޭ އިޚުލާސްތެރިކަމާއެކު ދިވެހިންނަށް ޚިދުމަތްކުރާ ޤާނޫނާ އެއްގޮތަށް މަސައްކަތްކުރާ ފަރާތްތަކަކާމެދު ތަފާތުކުރުމެވެ.

އަދި އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ އިޤުތިޞާދު ދަށްވެފައިވާކަމަށް އަދި އާމްދަނީ ދަށްވަމުންދާ ކަމުގައިވަނީ ނަމަ، މިނިމަމް ވޭޖަށް އަމަލުކުރުން ފަސްކުރުން ރަނގަޅު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ފާހަގަކުރެއްވީ އޭނާއަކީވެސް ބައިވަރު ބިދޭސީ މުވައްޒަފުން ގެންގުޅުއްވާ ބޭފުޅަކަށްވާތީ މި އިސްލާހަށް އެއްބަސްވެވަޑައިގަތުމަށް ދަތިވާ ކަމަށެވެ.

ހަމައެހެންމެ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ވިޔަފާރިވެރިންނަށް އިޤުތިޞާދު ދަތިވުމުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވާ ފަދައިން ގިނަ އަދަދަކަށް ދިވެހި މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށްވެސް އެ ބުރަ އޮންނާނެ ކަމުގައި އަނދުން ހުސައިން ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ