އިނގިރޭސިވިލާތުގެ ރާނީ އެލިޒެބެތު 2 އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިއަދު ސުކޫތެއް ގެނެސް މަޖިލީހުގެ ޕާޓީތަކުން ތައުޒިޔާ ދަންނަވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުން އެޖެންޑާ އިއުލާނުކުރެއްވުމަށްފަހުގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ރިޔާސަތުން އިއްވާ ކަމެއްގެ ގޮތުގައި ރާނީ އެލިޒަބަތު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް މިއަދު ހުރިހާ ސިޔާސީ ޕާޓީތަކަށް ފުރުސަތު ދެއްވަން ތާވަލުކުރައްވާފައިވާ ކަމަށެވެ. ތައުޒިޔާ ދެންނެވުމަށް ޕާޓީތަކަށް ފުރުސަތު ހުޅުވައިލެއްވުމުގެ ކުރިން އެމަނިކުފާނުވަނީ ރާނީ އެލިޒެބަތުގެ ހަނދާނުގައި މަޖިލީހުގައި ހިމޭންކަމުގެ ސުކޫތެއް ގެންނަވާފައެވެ.
މި ތައުޒިޔާގެ ވަގުތުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްވަނީ ރާނީ އެލިޒެބަތަށް ވަރަށް ބޮޑަށް ތާރީފުކުރައްވާފައެވެ. ރާނީ އަވަހާރަވި ޚަބަރު ދުނިޔޭގެ ކަންކޮޅުތަކުން އަޑުއެހީ ހިތާމައާއެކު ކަމަށާއި، އުމުރުފުޅުން 26 އަހަރުގައި ތަޚުތަށް ވެރިވެވަޑައިގެންނެވި ރާނީ އުމުރުފުޅުން 96 އަހަރުފުޅުގައި އަވަހާރަވަންދެން އިނގިރޭސިވިލާތާއި ކޮމަންވެލްތަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ރާނީގެ ވެރިކަމުގައި އިނގިރޭސިވިލާތުން ރާއްޖެއަށްވެސް ބޮޑެތި އެހީތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާ ވަރަށް ދަތިކޮށް އޮތް ދުވަސްވަރެއްގައި ގަވަމެންޓު ހޮސްޕިޓާ ޤާއިމުކޮށްދިނީ އިނގިރޭސި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއާއި މަޖިލީހުގެ މެންބަރުންނާއި އަދި އާންމުކޮށް ދިވެހިރައްޔިތުންގެ ނަމުގައި ރަސްގެފާނު ޗާލްސްއާއި ޝާހީ އާއިލާއާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރާއި ރައްޔިތުންނަށް އަސްލަމްވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްވެސްވަނީ ތައުޒިޔާގެ ވަގުތުގައި ވާހަކަދައްކަވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިނގިރޭސިވިލާތުގެ ރާނީގެ މަޤާމުގައި ހުންނަވައިގެން ރާނީ އެލިޒަބަތު ވަރަށް ބޮޑެތި އެހީތަކެއް ދިވެހިރާއްޖެއަށް ދެއްވައި ވަރަށް ގިނަ ޚިދުމަތްތަކެއް ދިވެހިރާއްޖެއަށް ކުރައްވާފައިވާ ކަމަށެވެ.
ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފުވަނީ ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންނާއި ރައީސް ޔާމީނުގެ ނަންފުޅުގައި ރަސްގެފާނު ޗާލްސްއާއި ޝާހީ އާއިލާއާއި އިނގިރޭސި ރައްޔިތުންނަށް ތައުޒިޔާ އަރިސްކުރައްވާފައެވެ.