ޤާނޫނުގައި ސާފުކޮށް އޮތް ކަމެއް ތަންފީޒު ނުކުރަނީ ކީއްވެގެންތޯ އައްސަވައި ފުލުހުންނާއި ޕްރޮސެކިޔުޓާޖެނަރަލް އާ ގިނަ ސުވާލުތަކެއް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް(ޓޮމް) ކުރިމަތި ކުރައްވައިފިއެވެ.
މާލެއިން ދެކުނުގެ 7 އަތޮޅުގައި 31 ގޭންގު އެބައޮތް ކަމަށާއި އެ ގޭންގުތަކުގައި 700 އަށްވުރެ ގިނަ ގޭންގުސްޓާރުން ހަރަކާތްތެރިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ ހާމަ ކުރުމާއި ގުޅިގެން ރޭ ޓޮމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޭންގްތައް ހުއްޓުވުމުގެ ޤާނޫނަށް 12 އަހަރުވެއްޖެ ކަމަށާއި އެގާނޫނުގެ ދަށުން ދިވެހި ފުލުހުންނަށް ކިތައް މައްސަލަ ތަހުގީގު ކުރެވިފައިވޭތޯ ވަނީ ސުވާލު ކުރައްވައިފައެވެ.
އެގާނޫނުގެ ދަށުން ދައުވާ ކުރަން ޕީޖީއަށް ފޮނޮވިތޯ އާއި އަދި އެގާނޫނުން ކިތައް މީހުންނަށް ޕީޖީ އިން ދައުވާ ކުރިތޯ ޓޮމް ވަނީ ސުވާލު ކުރައްވައިފައެވެ.
"ޤާނޫނުގައި ސާފުކޮށް އޮތް ކަމެއް ތަންފީޒު ނުކުރަނީ ކީއްވެ? ގޭންގްތައް ހުއްޓުވުމުގެ ޤާނޫނަށް 12 އަހަރުވެއްޖެ. އެޤާނޫނުގެ ދަށުން ކިތައްމީހުންގެ މައްސަލަ ތަޙްޤީޤްކުރެވުނުތޯ? ދައުވާކުރަން ޕީޖީއަށް ފޮނުވިތޯ? ޕިޖީ، އެޤާނޫނުން ކިތައް މީހުންނަށް ދައުވާކުރިބާ?" ޓޮމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އިއްޔެ ލ.ގަމުގައި ފެށި ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ފުލުހުންގެ އިދާރާއިން ހުށަހެޅި ޕްރެޒެންޓޭޝަނެއްގައި އެ އިދާރާއިން ބުނެފައިވަނީ ދެކުނުގައި އޮތް 31 ގޭންގުގެ ތެރެއިން ކުށުގެ ވެށީގައި ހަރަކާތްތެރިވަނީ 20 ގޭންގު ކަމަށެވެ.
މި 31 ގޭންގުގެ ތެރެއިން އެންމެ ގިނަ ގޭންގު ނިސްބަތްވަނީ މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީ ކަމުގައިވާ އައްޑޫ ސިޓީއަށެވެ. އެ ސިޓީގައި ޖުމްލަ 13 ގޭންގެއް އޮންނަ ކަމަށާއި، އެއިން 9 ގޭންގަކީ ކުށުގެ ވެށީގައި ހަރަކާތްތެރި ގޭންގުތައް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ފުވައްމުލަކު ސިޓީގައި 8 ގޭންގެއް އޮންނައިރު އެއިން 3 ގޭންގަކީ ކުށުގެ ވެށީގައި މިހާރުވެސް ހަރަކާތްތެރިވާ ގޭންގުތައް ކަމަށް ފުލުހުން ބުންޏެވެ. އަދި ގދ.ތިނަދޫގައި 1 ގޭންގު އަދި ގއ. ވިލިނގިލީގައި އެއް ގޭންގު އަދި ތ.ތިމަރަފުށީގައި 2 ގޭންގު އަދި ލ.ގަމުގައި ފަސް ގޭންގެއް އޮންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި ދެކުނުގެ އަތޮޅުގައި އުފެދިފައިވާ 31 ގޭންގުގައި 700 މީހުން އުޅެއެވެ. އައްޑޫ ސިޓީގެ ގޭންގުތަކުގައި 250 މީހުން އަދި ފުވައްމުލަކުން ގޭންގުތަކުގައި 160 މީހުންނާއި، ގދ.އަތޮޅުގެ ގޭންގުތަކުގައި 223 މީހުން އަދި ގއ.އަތޮޅުގައި 112 މީހުން ދ.އަތޮޅުގައި 15 މީހުންނާއި ތ.އަތޮޅުގައި 103 މީހުން ގޭންގުތަކުގައި އުޅޭ ކަމަށް ފުލުހުން ބުނެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ގޭންގުތަކުގައި 100 އަށްވުރެ ގިނަ ކުޑަކުދިން އުޅޭކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން މިހެން ބުނެފައިވާއިރު, ދާދިފަހުން ކޯޓުގައި ކުރިއަށްދިޔަ މައްސަލައެއްގައި އެމައްސަލާގައި ހިމެނޭ ގޭންގަކަށް ނިސްބަތްވާ ބަޔަކު ބުނެފައިވަނީ ގޭންގުތަކުން ފުލުހުންނަށް ޚަރަދު ކުރާ ކަމަށެވެ.