ދިވެހި ދައުލަތުގެ ބަޖެޓު ދަރަނި 5.8 ބިލިއަނަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ ހިސާބުތަކުން ދައްކާގޮތުގައި 1 ޖެނުއަރީ 2022 އިން ފެށިގެން 1 ސެޕްޓެމްބަރު 2022 ގެ ނިޔަލަށް 24.5 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. އޭގެތެރެއިން 5.8 ބިލިއަން ރުފިޔާ އަކީ ބަޖެޓު ދަރަންޏެވެ. ދުވާލަކަށް ބަލާނަމަ ސަރުކާރުން ވަނީ ކޮންމެ ދުވަހަކު 101 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި އޭގެތެރެއިން 24 މިލިއަނަކީ ބަޖެޓު ދަރަންޏެވެ.
ލަފާކުރެވޭ ގޮތުގައި މިއަހަރު ނިމޭއިރު ބަޖެޓު ދަރަނި ހުންނާނީ ގާތްގަނޑަކަށް 7 ބިލިއަނާއި 8 ބިލިއަނާއި ދޭތެރޭގެ އަދަދެއްގައެވެ. ފާއިތުވި އަހަރު ނިމުނު އިރު ބަޖެޓު ދަރަނި ހުރީ 11 ބިލިއަނުގައެވެ.
ސަރުކާރުން ލަފާކޮށްފައިވާ މިންވަރަށް މި އަހަރު އާމްދަނީ ނުލިބޭނެ ކަމަށް މިހާރު ސަރުކާރުންވެސް އެއްބަސްވެފައިވާއިރު އަންދާޒާކުރި ވަރަށްވުރެ އިތުރަށް ސަރުކާރުން އަންނަނީ ހަރަދުވެސް ކުރަމުންނެވެ.
އަދި އަންނަ އަހަރުގެ ބަޖެޓު ހަމަޖައްސަން ސަރުކާރުން މިހާރުވަނީ ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ.
އިތުރަށް ފައިސާ ހޯދަށް ޓެކްސް ބޮޑު ކުރާއިރު ދައުލަތުގެ ހަރަދު ކުޑަކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރެއެވެ. މިގޮތުން މިހާރުވެސް ސިޔާސީ މަޤާމުތަކަށް މީހުން އައްޔަން ކުރުމާއި ބޮޑު ހަރަދުތައްކޮށް ޤައުމުން ބޭރަށް ސަރުކާރުގެ ވެރިން ދަތުރުތައްކުރެއްވުމަކަށް ނިމުމެއްނާދެއެވެ.