ކުޅުދެއްފުށި ހޮސްޕިޓަލުގައި އާސަންދައިގެ ޑެސްކެއްގެ ހިދުމަތް އަލަށް ފެށި މި ސަރުކާރުންކަމަށް ބުނެ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އިތުރުފުޅު ހައްދަވައިފިއެވެ.
މިހާރު އައްޑޫއާއި ކުޅުދުއްފުށީ ހޮސްޕިޓަލުގައި އާސަންދަ ޑެސްކު ބަހައްޓާފައިވާ ކަމަށާއި، އެއީ ބޮޑު ކާމިޔާބެއް ކަމަށް މިއުވާން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި މިއުވާން ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ހިންގި ތަރައްގީގެ ޕްރޮޖެކްޓުތަކާއި ލާމަރުކަޒީ ނިޒާމުގެ މައްޗަށް އަލިއަޅުވާލައިފައެވެ. އެގޮތުން އޭނާ ވިދާޅުވީ ވަރަށް ގިނަ ފަހަރު ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ރަށްރަށަށް ވަޑައިގަންނަވާއިރު، އެރަށުގެ ރައްޔިތުންނާއި ކައުންސިލް އަދި ހޮސްޕިޓަލުތަކުން ވެސް އާސަންދަ ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ޝަކުވާ ކުރާ ކަމަށެވެ.
އެކަމަށް ހައްލު ހޯއްދަވައިދެއްވަން ސަރުކާރުން ވައުދުވި ކަމަށާއި އެގޮތުން މިހާރު އައްޑޫއާއި ކުޅުދުއްދުށީގައި އާސަންދަ ޑެސްކު ބަހައްޓައި ރައީސް ޞާލިހުގެ ވަރަށް މުހިންމު ވައުދުފުޅެއް ފުއްދަވައިފި ކަމަށް މިއުވާން ވިދާޅުވެފައިވެއެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ކުޅުދުއްފުށި އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އާސަންދައިގެ ޑެސްކެއް ގާއިމް ކުރެވި، އެތަނުން އާސަންދައިގެ ހިދުމަތް ހޮސްޕިޓަލްތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި،" މިއުވާން ވިދާޅުވިއެވެ.
މިއުވާން މިފަދައިން ވިދާޅުވިނަމަވެސް ކުޅުދުއްފުށީގައި ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އާސަންދަ އޮފީހެއް ހުޅުވާ ހިދުމަތް ދެމުން އަޔެވެ.
އެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުރި މި އާސަންދަ އޮފީހުން އާންމުކޮށް ކުރަމުންދިޔަ މަސައްކަތްތަކަކީ އާސަންދަ މެދުވެރިކޮށް ބޭރަށް ފޮނުވާ ބަލިމީހުންގެ މައުލޫމާތު ނަގައި އާސަންދައިގެ މައި އޮފީހަށް ފޮނުވުމެވެ. އަދި ސީދާ ހަނިމާދޫ މަގުން އާސަންދަ މެދުވެރިކޮށް ބޭރަށް ފޮނުވާ ބަލިމީހުންނަށް އާސަންދަ ހަމަޖައްސައިދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ސަރުކާރުން އެ އޮފީސް އުވާލުމާއެކު ރައްޔިތުންނަށް ލިބުނު އުނދަގޫތަކުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.