ރަޝިޔާއިން މައި ގޭސް ހޮޅިއެއް ބަންދުކުރަން ނިންމުމާއެކު، ފާއިތުވި 20 އަހަރު ތެރޭގައި ޔޫރޯގެ އަގު ދަށްނުވާ މިންވަރަށް ހޯމަދުވަހުގައި ދަށްވެއްޖެއެވެ. ރަޝިޔާގެ ނިންމުމުގެ ސަބަބުން ޔޫރަޕުގެ އިޤުތިޞާދަށް ވަރަށް ބޮޑު ލޮޅުމެއް އަރާފައިވެއެވެ.
ޔޫރޯ ޒޯނުގައި ބޭނުންކުރާ ފައިސާގެ އަގުވަނީ ޑޮލަރަށްވުރެ ދަށްވެފައެވެ. އެގޮތުން 0.7 އިންސައްތައިން ޔޫރޯގެ އަގު ދަށްވެފައިވާއިރު މިހާރު ޔޫރޯއެއްގެ އަގަކީ 0.988 ޑޮލަރެވެ. ޔޫރަޕުގެ ހިއްސާގެ ބާޒާރުވެސްވަނީ 1 އިންސައްތަ ދަށަށް ގޮސްފައެވެ.
ހަކަތައިގެ އަގުތަކަށް ބަލާއިރު، ޔޫރަޕުން ހަކަތައިގެ އަގުތައް ކަނޑައެޅުމަށް ބޭނުންކުރާ ބެންޗުމާކު ކަމުގައިވާ ޑަޗް ޓީޓީއެފް ގޭސް ފިއުޗާސްގެ އަގުވަނީ މެގަވޯޓް އެއްގެ އަދު 272 ޔޫރޯއަށް މަތިވެފައެވެ.
ޔޫރަޕުގައި ހަކަތައިގެ އަގު އުފުލިފައިވަނީ ރަޝިޔާއިން ޔޫކުރެއިނުގައި ކުރަމުން އަންނަ ހަނގުރާމާގައި ޔޫކުރެއިނަށް މަދަދުވެރިވާ ޤައުމުތަކާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ހަކަތަ ބޭނުންކުރަމުން އަންނަ ކަމަށް ޔޫރަޕުގެ ޤައުމުތަކުން ރަޝިޔާއަށް ތުހުމަތުކޮށްފައިވަނިކޮށެވެ.
ސްވިޑެންއާއި ފިންލޭންޑުގެ އިތުރަށްވެސް ބައެއް ޔޫރަޕު ޤައުމުތަކުންވަނީ އެ ޤައުމުތަކުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ޤައުމުތަކުން ބުނާ ގޮތުގައި އެ ކުންފުނިތަކަށް މިހާރު ހަލުއިކަމާއެކު އެހީތެރިކަން ފޯރުކޮށްނުދެވިއްޖެނަމަ، ހަކަތައިގެ ބާޒާރަށް ބޮޑެތި ގެއްލުންތައްވެ، އެ ގެއްލުމުގެ އަސަރު މާލީ ބާޒާރަށް ފޯރުމަކީ އެކަށީގެންވާ ކަމެކެވެ.
އިނގިރޭސިވިލާތުގެ ހަކަތައިގެ ދާއިރާއިންވެސް ބުނެފައިވަނީ ކަރަންޓު އުފައްދާ ކުންފުނިތަކަށް އެ ޤައުމުގެ ސަރުކާރުގެ އެހީތެރިކަން ބޭނުންވެދާނެ ކަމަށެވެ. ހަކަތައިގެ ދާއިރާއަށް ކުރިމަތިވަމުންދާ ލޮޅުންތަކާއެކު އިނގިރޭސި ސްޓާލިން ޕައުންޑުގެ އަގުވަނީ 0.3 އިންސައްތަ ދަށްވެފައެވެ.
ޔޫރަޕުގެ އަދި އިނގިރޭސިވިލާތުގެ ފައިސާގެ އަގު ދަށަށް ދާން ފެށީ ރަޝިޔާގެ ނޯޑް ސްޓްރީމް ގޭސް ހޮޅިން ޔޫރަޕަށް ގޭސް ދޫކުރުން ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑައިލަން ނިންމި ފަހުންނެވެ. އަދި އެ ނިންމުމާ ގުޅިގެން ޔޫރަޕުގެ އިޤުތިޞާދު ރިސެޝަނަކަށް ވެއްޓިދާނެކަމުގެ ހިރާސްވަނީ އިތުރުވެފައެވެ.