ދިވެހިރާއްޖޭގެ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުގައި ހުންނެވި އިނގިރޭސި ވިލާތުގެ ޖޯން ގްރިންޑަލް ވަޒީފާއިން ވަކިކުރީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ބުނެ އޭނާއަށް ބަދަލުގެ ގޮތުގައި ދެ ލައްކަ ރިފިޔާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުލަނުން އަންގައިފިއެވެ.
ސުލޫކީ މިންގަނޑާ ހިލާފުވިކަމަށްބުނެ ޖޯން ވަޒީފާއިން ވަކި ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މި މައްސަލައާ ގުޅިގެން ޓްރައިބިއުނަލަށް ޖޯން ހުށަހެޅީ އޭނާ ވަކިކުރީ އިންޒާރެއް ނެތި ކަމަށާއި ހަ މަސް ދުވަހަށް ވާ މުސާރަ ނަގައިދިނުމަށާއި ވަޒީފާ އަނބުރާ ހޯދުމަށެވެ.
އޭގެއިތުރަށް އެ މައްސަލައިގައި ޖޯންގެ ނަމަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި ނަފްސާނީ ގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން ވެސް އޭނާ އެދިފައިވެއެވެ.
މި މައްސަލައާގުޅިގެން ޓްރައިބިއުނަލުން މި މަހުގެ އެއް ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ޖޯން މަގާމުން ވަކިކުރީ މައުލޫއީ އަދުލުވެރިކަން ގާއިމްކޮށްފައި ކަމަށްވާތީ، އޭނާއަށް އެ ވަޒީފާ އަނބުރާ ރުޖޫއަ ކޮށްދޭން ޖެހޭ ހާލަތެއް ނެތް ކަމަށާއި ނަމަވެސް އޭނާ މަގާމުން ވަކިކުރުމުގައި ގާއިމްކުރަން ޖެހޭ ބައެއް އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާކަމަށެވެ.
އެހެންކަމުން އޭނާ އެ ވަޒީފާގައި ހުރިއިރު އެއް މަހުގެ މުސާރައިގެ ގޮތުގައި ލިބެމުން ދިޔަ 14،000 އެމެރިކާ ޑޮލަރު ނުވަތަ 215،880ރ. އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޓްރައިބިއުނަލްއިންވަނީ ޕެންޝަން އޮފީހަށް އަމުރުކޮށްފައެވެ.