Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ޔޫޓީއެފް އަސްލު އެއްބަސްވުން މަޖިލީހަކު ނެތް، ވެރިކަން ލިބިއްޖެ ނަމަ ހާމަކުރާނަން: ރައީސް ޔާމީން

އުތުރު ތިލަފަޅު(ޔޫޓީއެފް) އެގްރީމެންޓްގެ އަސްލު ރައްޔިތުންގެ މަޖިލީހުގައި ނޯންނާނެކަމަށާއި އެމަނިކުފާނަށް ވެރިކަން ލިބިއްޖެ ނަމަ އެފަދަ އެގްރީމެންޓްތައް ރައްޔިތުންނަށް ހާމަކުރައްވާނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

"ސަންގްޓިވީ"އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ރައީސްއަކު އެހެން ގައުމަކަށް ޒިޔާރާތްކޮށްފައި ދެގައުމު ދޭތެރޭ އެގްރީމެންޓްތަކެއް ކުރާ ނަމަ، ރައީސްއަކު އެ ގައުމަކަށް ދަތުރު ކުރެއްވުމުގެ ކުރިން އެ އެގްރީމެންޓްތަކުގެ ހުރިހާކަމެއް ރާއްޖެއިން ފުރުމުގެ ކުރިން މާލޭގައިވެސް ފައިނަލައިޒް ކުރާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކަން މިހެން އޮތުމުން ކަމާގުޅޭ ވުޒާރާތަކާއި ކަންކަމާއި ބެހޭ ޑިޕާޓްމެންޓްތަކާއި ވާހަކަދައްކައިގެން އެގްރީމެންޓްތަކާއި ގުޅޭ ކަންކަން ފައިނަލައިޒް ކުރާނެކަމަށެވެ.
ރައީސް ޔާމީން ވިދާޅުވިގޮތުގައި އެގްރީމެންޓްތަކަކީ އެ ގައުމަކަށް ދިޔައީމާ ސަޕްރައިޒެއްގެ ގޮތުގައި އަންނާނެ އެއްޗެއް ނޫންކަމަށާއި ރައީސްއަކާ ހަމައަކަށް ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލޭ އެއްވެސް އެގްރީމެންޓެއް ހުށަހެޅޭނެ ފުރުސަތު ލިބިގެން ނުވާނެކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާ ދޭތެރޭ އެގްރީމެންޓް ކުރައްވާފައިވާއިރު އަސްކަރީ ފްރޭމްވޯކް އެގްރީމެންޓެއް އޮވެދާނެކަމަށާއި ނަމަވެސް އޭގެ ތެރޭގައެއް އުތުރު ތިލަފަޅު އެއްބަސްވުމެއް ނުވަތަ ވަކި ހާއްސަ އެއްބަސްވުމެއް ނުހިމެނޭނެކަމަށެވެ.

"ފްރޭމްވޯކް އެގްރީމެންޓްގެ ދަށުން ވަކި ވަކި އެގްރީމެންޓް ޖެހީނީ ވަކި ކަންކަމަށް ޑްރޯއަޕްކުރަން، ޑްރޯއަޕްކުރި އެގްރީމެންޓެއްގައި ނޯންނާނެ އުތުރު ތިލަފަޅުގެ އެއްވެސް ވާހަކައެއް. އަދި އަމްދުން އިންޑިއާ ސިފައިން މިތާ ރާއްޖޭއަށް އައިސް ތިބޭކަށް ނޯންނާނެ އެއްވެސް އެއްޗެއް" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އިދިކޮޅުން މިހާރުވެސް އުތުރު ތިލަފަޅު އެއްވަސްވުމާއި ގުޅިގެން ތިލަ ކުރަމުން ދަނީ ސައްހަ މައުލޫމާތުކަމަށާއި ސަރުކާރުން އިންޑިއާއާއެކު އެގްރީމެންޓެއް ކުރެވިފައިވާނަމަ އެއީ އެވަރުގެ ގައުމީ ސަލާމަތަށް ނުރައްކާ އޮތް އެއްޗަކަށް ވެގެން ނުވާނެކަމަށެވެ.

އޭގެއިތުރަށް ރައީސް ޔާމީން ވަނީ ރާއްޖޭގެ ގާނޫނު އަސާސީގައި މަޖިލީހުން އެފަދަ އެއްބަސްވުންތަކަށް ރުހުން ވެސް ހޯދަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ އެކަހަލަ އެއްވެސް ކަމެއް ކޮށްފައި ނެތްކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ ޔޫޓީއެފް އެއްބަސްވުމަކީ އެއްވެސް ހާލަތެއްގައި ސިއްރު ކުރަން ޖެހޭ އެއްބަސްވުމެއް ނޫންކަމަށާއި ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި ސަރުކާރުން އެކުލަވާލާ އެއްބަސްވުންތަކުގެ މައުލޫމާތުތައް ރައްޔިތުންނަށް އެނގެން ޖެހޭކަމަށެވެ.

އަދި އެމަނިކުފާނަށް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ އެފަދަ އެއްބަސްވުންތައް ހާމަ ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ