Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހްމަދު ރިލްވާން

ރިލްވާން މައްސަލާގައި ބަންދުކޮށްފައިވާ ފަރާތްތަކަށް ލާއިންސާނީ އަނިޔާދޭކަމުގެ ތުހުމަތު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގައި އެހީތެރިވިކަމަށް ބުނެ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކަށް ލާއިންސާނީ އަނިޔާދޭކަމަށް އެފަރާތްތަކުން ބުނެފިއެވެ.
އެ މައްސަލާގައި މިއަދު ބޭއްވުނު ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދައުވާލިބޭ އިސްމާއީލް އަބްދުލްރަހީމް (އިސޫ) އާއި އަހްމަދު މުއާޒު (ގަޓު މުއާ) އަދި އަހްމަދު އިސްމާއީލް (އަހަނދު) ވަކިން އެކަހެރިކޮށް ކުޑަގޮޅިއެއްގައި ބާއްވައިގެން ނަފްސާނީ ބޮޑެތި އަނިޔާތަކެއްދޭކަމަށް ފާހަގަކޮށްފައިވެއެވެ.

ދައުވާލިބޭ ފަރާތްތަކުގެ އެވާހަކަތަކާއި ގުޅިގެން ދައުލަތުން ބުނީ އެފަދައިން އެކަހެރިކޮށް ބޭއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިފައިނުވާނެ ކަމަށާއި އެފަދައިން ކަރެކްޝަންސްއިން އަމަލުކުރާ ސަބަބެއް އެފަރާތާއި ސުވާލުކޮށްގެން ސާފުކުރުމަށްފަހު ކޯޓާއި ހިއްސާކުރާނެކަމަށެވެ.

ދިފާއީ ވަކީލުން އިތުރަށް ފާހަގަކުރި ގޮތުގައި ރާއްޖޭގައި އަމަލުކުރެވެމުން އަންނަ އެންޓި ޓޯޗަރ ގާނޫނާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގައިވެސް ބަންދުކޮށްފައިވާ މީހުންނަށް މިފަދަ ލާއިންސާނީ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ދިނުމަކީ ކަނޑައެޅިގެން މަނާކުރާކަމެކެވެ. އަދި ދައުލަތުން ދެމުންދާ މިއަނިޔާތައް ހުއްޓުވުމަށްޓަކައި އަވަސް ހައްލެއް ޝަރީޢަތުން ހޯއްދަވާ ދެއްވުމަށް އެދިފައިވެއެވެ.
ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ތިން މީހުންގެ ފަރާތުންވެސް އެމީހުންގެ ބަންދު މުރާޖައާ ކޮށްދެއްވުމަށް މިއަދުގެ އަޑުއެހުމުގައި އެދިފައިވެއެވެ. ނަމަވެސް ޝަރީޢަތުން ނިންމީ ބަންދު މުރާޖައާ ކުރުމަށް ވަކިން އަޑުއެހުމެއް ބޭއްވުމަށެވެ. އަދި އެ އަޑުއެހުން އަންނަ މަހުގެ ފަހު ފަނަރައިގެ ތެރޭގައި ބޭއްވޭތޯ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހުގެ އެ ނިންމެވުމާއި ގުޅިގެން ބަންދު މުރާޖައާ އަޑުއެހުން އެއަށްވުރެ ކުރިން ބާއްވާ ދިނުމަށް ދައުވާލިބޭ އިސްމާއީލް އަބްދުލްރަހީމްގެ ފަރާތުން އެދުނެވެ. އެހެންނަމަވެސް ގާޒީ ވިދާޅުވީ ސެޕްޓެމްބަރ މަހުގެ ކުރީކޮޅު ޗުއްޓީއެއް ނެގުމަށް ހަމަޖެހިފައިވާތީއާއި މައްސަލަތައް ތާވަލުކޮށްފައިވާ ގޮތުން އެއަށްވުރެ ކުރިއަށް އެ އަޑުއެހުން ބޭއްވުމަށް އުޒުރުވެރިވާކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ގިނަ ލިޔެކިޔުންތައް ދިފާއީ ވަކީލުންނަށް ލިބިފައިނުވާތީ، ނުލިބޭ ލިޔުންތަކާއި ސިއްރުކުރުމަށް ދައުލަތުން އެދިފައިވާ ލިޔުންތައް ސާފުކުރުމަށް ވަކި އިދާރީ އަޑުއެހުމެއް ބާއްވާ ދިނުމަށް ދިފާއީ ވަކީލުން އެދިފައިވާތީ އެފަދަ އަޑުއެހުމެއް ބޭއްވުމަށް ޝަރީޢަތުން ވަނީ ނިންމާފައެވެ.
މިމައްސަލާގައި މައުޟޫއީ ގޮތުން ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެން ބޭއްވޭ އަޑުއެހުމެއްގައެވެ.
ދައުލަތުގެ ފަރާތުންވަނީ މިމައްސަލާގެ ކުރިއަށް ހުރި އަޑުއެހުންތައް ސިއްރުކޮށްގެން ބާއްވާ ދިނުމަށް ޝަރީއަތުގައި މިއަދު އެދިފައިވެއެވެ. އަޑުއެހުންތައް ސިއްރުކުރުމަށް ދައުލަތުން އެދުނީ މިމައްސަލައިގެ ކުރިއަށް ހުރި އަޑުއެހުންތަކުގައި މައުލޫއީ ގޮތުން ވާހަކަ ދައްކާއިރު ހާމަވާ މައުލޫމާތުތަކުން ބައެއް ފަރާތްތަކުގެ ފުރާނައަށް ގެއްލުންވުމުގެ ފުރުޞަތު އޮތުމާއި އަދި މަރު ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގްތަކަށް ހުރަސް އެޅިދާނެކަމަށް ބުނެއެވެ.
ކުރިއަށް ހުރި އަޑުއެހުންތައް ސިއްރުކުރުމާއި ގުޅޭގޮތުން ޝަރީޢަތުން ނިންމާ ނިންމުމެއް ދެން ބޭއްވޭ އަޑުއެހުމެއްގެ ކުރިން މައްސަލާގައި ހިމެނޭ ފަރާތްތަކާއި ހިއްސާކުރާނެކަމަށް މައްސަލަ ބައްލަވައި ފަނޑިޔާރު ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކުރީ ރިލްވާން ވަގަށްނަގައި ގެއްލުވާލުމުގައި އިސްކޮށް ހަރަކާތްތެރިވި ބޮޑުންތަކެއްގެ ގޮތުގައި ސަރުކާރުން ފައިސާދީގެން ހިންގާ ބައެއް މީޑިއާތަކުން ހަބަރު ފެތުރިނަމަވެސް “ދިޔަރެސް” އާ ވާހަކަދެއްކި މިމައްސަލާގައި ހަރަކާތްތެރިވާ ބައެއް ދިފާއީ ވަކީލުން ހާމަކުރިގޮތުގައި މައްސަލާގެ ލިޔެކިޔުންތަކަށް ބަލައިއިރު މަރު ކޮމިޝަނުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކުށްތަކަކީ ރިލްވާން ގެއްލުވާލުމާއި އެއްވެސް ގުޅުމެއްނެތް، މަރު ކޮމިޝަނުގެ މެންޑޭޓްގައިވެސް ނުހިމެނޭ އެހެން ކުދި ޖިނާއީ ކުށްތަކެވެ.
"ދިޔަރެސް" އަށް ލިބިފައިވާ ލިޔުންތަކަށް ބަލައިއިރު، މައްސަލައާއި ގުޅޭގޮތުން ލިބިފައިވާކަމަށް ބުނާ ހެކި ނުވަތަ ގަރީނާގެ ގޮތުގައި މައިގަނޑުގޮތެއްގައި ހިމެނެނީ ސިއްރު ހެކިންގެ ގާތުގައި އެހެންފަރާތްތަކުން ބުނިކަމަށްބުނާ (ހިއަރސޭ) ވާހަކަތަކަކާއި، "މިނިވަން ފިކުރުގެ" ބައެއް ފަރާތްތަކުން އެކިދުވަސްވަރު ކޮށްފައިވާ ޓްވީޓްތަކަކާއި، މަރު ކޮމިޝަނުގެ ތަހްގީގަށް އެއްކުރެވިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓެކެވެ.
"ދިޔަރެސް" އާ ވާހަކަ ދެއްކި ވަކީލުން އިތުރަށް ފާހަގަކުރިގޮތުގައި މި ދައުވާކުރާ ހަމައެކަނި ސަބަބަކީ ރިލްވާންއަށް ވީގޮތް ހޯދައި އެކަމުގެ އަޑީގައި ތިބި މީހުންނަށް ދައުވާ ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދަކަށްވެފައި އަދި މިހާތަނަށް އެކަމުގައި ރައީސް ސޯލިހްގެ ސަރުކާރަށް އެއްވެސް ކަމެއް ކުރެވިފައި ނުވާތީ، އާއިލާގެ ފަރާތުން ކުރިމަތިވާ ޕްރެޝަރުތަކާއި ހެދިއާއި އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނާތީ ކެމްޕެއިނަށް ކުރާކަމެއްގެ ގޮތުގައި ކަމަށެވެ.
މީގެ އަހަރެއްހައި ދުވަސްކުރިން ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ރިލްވާންގެ ދައްތަ ވަނީ ރައީސް ސޯލިހް ވެރިކަމަށް އައީ ރިލްވާންގެ ނަން ސިޔާސީ ގޮތުން ބޭނުންކުރައްވައިގެން ކަމަށާއި، އިންސާފު ހޯދައިދިނުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށް ބުނެފައެވެ.
"އެ ކުދިންގެ ނަން ބޭނުން ކުރައްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ" ރިލްވާނާއި ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ އަޒުމުގައި މި ސަރުކާރަށް ވެރިކަން ހޯދައި ދިނުމަށް ބުރަކޮށް މަސައްކަތް ކުރި ޝެހެނާޒް އޭރު ބުނެފައިވެއެވެ.


ރިލްވާންގެ ބައްޕަވެސް ދާދިފަހުން ވަނީ ރިލްވާންގެ މައްސަލަ އެމްޑީޕީއިން ބޭނުންކުރީ ސިޔާސީ ބޭނުމަށް ކަމަށް "ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި ބުނެފައެވެ.

މި ލިއުމާއި ގުޅޭ