ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލާގައި ދައުވާކުރިއިރު ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް "މިނިވަން ފިކުރުގެ" މީހުންނަށް ފާރަލާ ކަމުގެ ތުހުމަތުކޮށްފައިވާތީ މިނިވަން ފިކުރަކީ ކޮބައިތޯ ސުވާލުކުރުމުން، ދައުލަތުގެ ވަކީލު އެ ސުވާލަށް ޖަވާބުދޭން އުޒުރުވެރިވެއްޖެއެވެ.
ރިޟްވާން ގެއްލުވާލި މައްސަލާގައި ދައުލަތުން މިހާރު ވަނީ 3 މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. އެއީ އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ)އާއި، އަޙްމަދު އިސްމާއީލް (އަހަނދު) އަދި އަޙްމަދު މުއާޒު (ގަޓު މުއާ) އެވެ. މިއަދު އެ މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑު އެހުން ކުރިއަށް ދިޔައިރު، ދައިވާ ލިބޭ އަހުމަދު އިސްމާއިލް (އަހަނދު) ގެ އަހުމަދު ޔާމީން ވަނީ ދައުވާގައި ވަރަށް ބޮޑަށް މިނިވަންފިކުރުގެ ވާހަކަ އައިސްފައިވާ ކަމަށާއި އެ ލަފްޒުގެ މާނަ ރަދީފުންވެސް އަދި އެހެން ތަނަކުންވެސް ފެނިފައިވާ ނުވާކަމަށެވެ.
އެހެން ކަމުން ދައުވާގައި ފާހަގަކޮށްފައިވާ މިނިވަން ފިކުރަކީ ކޮބައިކަން ބުނެދިނުމަށް ޔާމީން ވަނީ އެދިފައެވެ. އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ވަނީ މިއަދުގެ އަޑުއެހުމަކީ ހުޅުވާލައިގެން ބާއްވާ ޝަރީއަތެއް ކަމުން އެ ލަފްޒުގެ މާނަ ބުނެނުދެވޭނެ ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް އަޑު އެހުންތަކުގައި އެ ލަފްޒުގެ މާނަ ހާމަކުރާނެ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ދައުލަތުން ވަނީ މި މައްސަލައިގެ ޝަރީއަތުގެ ހުރިހާ އަޑުއެހުން ސިއްރުކުރަން އެދިފައެވެ. މައްސަލަ ބައްލަވާ ގާޒީ މިސްބާހު އައްބާސް ވަނީ ދެން އޮންނަ އަޑުއެހުމުގެ ކުރިން އެކަމާއި ގުޅޭގޮތުން ގޮތެއް ނިންމަވާނެކަމަށް ވިދާޅުވެފައެވެ.
މިނިވަން ފިކުރަކީ މަރުކޮމިޝަނުން ރިޟްވާން ގެއްލުވާލި މައްސަލައާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެކުލަވާލި ރިޕޯޓުގައި ހިމެނުނު ލަފުޒެކެވެ. އެ ލަފުޒު އެ ރިޕޯޓުގައި ހިމެނީ އޭރު އެކޮމިޝަނުގެ ރައީސަކަށް ހުންނެވި އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ. ސުއޫދު މަރުކޮމިޝަނުގެ ރިޕޯޓު އާންމު ކުރިއިރު މިނިވަން ފިކުރުގެ ވާހަކަ ގެނައުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭރުވެސް އަމާޒުވިއެވެ.
މިގޮތުން މިނިވަން ފިކުރޭ ކިޔަނީ ދީން ގަބޫލު ނުކުރާ، އަދި ދީނަށް ފުރައްސާރަކުރަން އުޅޭ މީހުންނަށް ކަމަށް ބައެއް ފަރާތްތަކުން އޭރު ޓުވިޓަރގައި ހިޔާލު ފާޅުކުރަމުން ބުނެފައިވެއެވެ.