"އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް އަމާޒުކޮށް ގާނޫނުލްއުގޫބާތައް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާނީ ވެސް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އިދިކޮޅުން ހިންގާ 'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވުމަށް ގާނޫނުލްއުގޫބާތައް އިސްލާހު ގެންނަން ސަރުކާރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން އަލީ ހުސައިން ވިދާޅުވީ މަޖިލީހުން އެންމެ ބިލެއް ބޭރު ކުރަން ޖެހޭނެމަވެސް ބޭރު ކުރަންވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހަޅާފައިވާ އެ ބިލު ކަމަށެވެ.
ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން އިސްލާމްދީނާ ހިލާފު ނުވާ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައި އޮއްވައި އެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ގާނޫނު ބަދަލު ނުކުރުމަށް އޭނާ ގޮވައިލެއްވި އެވެ. އަދި އެފަދަ ކަމެއް ކުރަން ސަރުކާރުން މަސައްކަތް ކުރާއިރު، ގާނޫނުއަސާސީ ފަރުމާ ކުރުމުގައި މަސައްކަތް ކުރެއްވި ފަރާތްތައް ހަނު ނުތިމުމަށްވެސް އޭނާ އެދުނެވެ.
"މިނިވަން ޑިމޮކްރެޓިކް މުޖްތަމައުތަކުގެ ތެރޭގައި ގައުމެއްގެ ދިދަ އަންދާލުމަކީ އެއަށް ގެއްލުމެއް ދިނުމަކީ އެއީ މައްސަލައެއް ދިނުމެއް ނޫން. އެއީ އެ ގައުމުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން،" އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާގައި އެ ގައުމުގެ ދިދަ އަންދާލުން ކުށަކަށް ނުވާއިރު، އެކަން ރާއްޖޭގައި ކުށަކަށް ނެހެދޭނެ ކަމަށެވެ. އެ އިސްލާހު ފާސްކޮށްފި ނަމަ އަލީ ހުސައިން ވިދާޅުވި ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އިންޑިއާ މީހުން ތިއްބަސް އެމީހުން އަނބުރާ ދިއުމަށް ނޭނގޭނެ އެވެ.
އެހެންކަމުން އެ ބިލަކީ ވަރަށް ނުރައްކާތެރި ބިލެއްގެ ގޮތުގައި ސިފަކުރައްވައި އަލީ ހުސައިން ވިދާޅުވީ އެ ބިލުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީވެސް އެމްޑީޕީއަށް ކަމަށެވެ.
".. އަޅުގަނޑު މިއަދު ވަކިން ހާއްސަކޮށް އެމްޑީޕީ މެންބަރުންނަށް ތަކުރާރުކޮށް ދަންނަވަން އޮތީ، މި ބިލުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ހަމަ ތިޔަ ބޭފުޅުންނަށޭ. މާދަމާ މި ބިލުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިދާނެ ބޭފުޅުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނޭ،" އަލީ ހުސައިން ވިދާޅުވި އެވެ.