ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި އިތުރުވަމުންދާތީ އެ މައްސަލަ ތަހައްމަލުކުރަން ޖެހިފައިވާ ރައްޔިތުންނަށް އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ދަށުން ބޭސް ފަރުވާގެ ފުރުސަތުތައް މިހާރަށް ވުރެ ފުޅާކޮށް، ފަސޭހަކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. ގަރާރު ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ ގާނޫނުއަސާސީއާއި އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ރައްޔިތުންނަށް ހަމަހަމަކަމާ އެކު ރަގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދޭ ކަމަށެވެ.
ގަރާރުގައި ބުނެފައިވަނީ އިޖުތިމާއީ ގޮތުންނާއި އިގްތިޞާދީ ގޮތުންނާއި އުމުރުގެ ގޮތުންނާއި ދުޅަހެޔޮކަމުގެ ގޮތުން އާބާދީގެ ތަފާތު ގިންތިތަކުގެ މެދުގައި ރިސްކް ޕޫލްކޮށް އެމީހެއްގެ އިގްތިޞާދީ ހާލަތު ތަންދޭ މިންވަރަކުން ހިއްސާކުރާ ގައުމީ ނިޒާމު އިތުރަށް ފުޅާކޮށް އެ ނިޒާމުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށް ގާނޫނުގައި ބާރުއަޅާ ކަމަށެވެ.
އޭގެއިތުރަށް މިހާރު ރާއްޖޭގެ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން ދަރިމައިނުވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް އެ ނިޒާމުގެ ދަށުން އިންތިހާއަށް ހަނިވެފައިވާ ކަމަށާއި މި މައްސަލައަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ގަވައިދުން ބޭނުންވާ ބައެއް ބޭހުގެ ބާވަތްތައް ރާއްޖެއިން ހޯދުމުގައި ތަފާތު އުދަނގޫތައް ހުންނަ ކަމަށް އެފަރާތްތަކުން ފާހަގަކުރާ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.
އަދި ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދެވޭ ބައެއް އަސާސީ ފެންވަރުގެ ބޭސްވެސް ރާއްޖޭގެ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ސްކީމް ނުވަތަ އާސަންދައިގެ ދަށުން ނުލިބޭތީއާއި، ދަރިމައިނުވުމުގެ މައްސަލައަށް ހާއްސަކުރެވިފައިވާ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައިވާ ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އޭގެއިތުރަށް މިމައްސަލައާއި ގުޅޭ އެއްވެސް ރަގަނޅު ފެންވަރުގެ ދިރާސާއެއް ނުވަތަ ތަފާސް ހިސާބެއް ރާއްޖޭގައި ނެތް ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި މައްސަލައާއި ގުޅޭ ރަގަނޅު ފެންވަރުގެ ދިރާސާއެއް ހެދުމަށްވެސް ގަރާރުގައި ގޮވާލާފައިވެއެވެ. އަދި ދަރިމައިނުވުމުގެ މައްސަލައަށް ބޭނުން ކުރާ ބައެއް އަސާސީ ފެންވަރުގެ ބޭސްތައް ފަސޭހައިން ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ފަދަ ކުރު ރާސްތާގައި އެޅޭނެ އަވަސް ފިޔަވަޅުތައް އެޅުމަށާއި ކުރިއަށް އޮތް ތަނުގައި މި މައްސަލައަށް ބޭސްކުރަމުންދާ ފަރާތްތަކަށް އާސަންދައިގެ ދަށުން ފަރުވާ ކުރެވޭނެ ގޮތްތައް ހަމަޖައްސައިދީ ރާއްޖޭގެ އިގްތިސާދީ ފެންވަރަށް ބަލައިގެން އެކަށީގެންވާ ޖުމްލަ ހައްލެއް ހޯދައިދިނުމަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ.