Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވައިގެ ދަތުރުފަތުރު

އެއާ ފުރާންސްގެ ދެ ޕައިލެޓަކު ކޮކްޕިޓުގައި ތަޅައިފޮޅުމުން ސަސްޕެންޑުކޮށްފި

އެއާ ފުރާންސްގެ ދެ ޕައިލެޓަކު ޖެނީވާއިން ޕެރިހަށް ދަތުރުކުރި ފުލައިޓެއްގެ ކޮކްޕިޓުގައި ތަޅައިފޮޅި މައްސަލައެއްގައި ސަސްޕެންޑުކުރުމަށް އެ އެއާލައިނުން ނިންމައިފިއެވެ.

ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ކުންފުނިން އިސްކަންދޭ މިންވަރު ފާހަގަކުރައްވައި ކުންފުނީގެ މަސްއޫލުވެރިއެއް ވިދާޅުވީ ކޮކްޕިޓުގައި ދެ ޕައިލެޓުން މާރާމާރީ ހިންގި ނަމަވެސް އެއްވެސް މައްސަލައެއް ނެތި ފުލައިޓު މަންޒިލަށް ވާސިލުވެ ދަތުރު ފުރިހަމަކޮށްފައިވާ ކަމަށެވެ.

ސްވިޒްލޭންޑުގެ ނޫހެއް ކަމުގައިވާ ލަ ޓްރިބިއުން ޑެއިލީން ރިޕޯޓުކުރި ގޮތުގައި ފުލައިޓު ނައްޓައިލިތާ ކުޑަ ހިނދުކޮޅެއް ފަހުން ޕައިލެޓާއި، ކޯ-ޕައިލެޓުގެ މެދުގައި ދެބަސްވުމެއް ހިނގައި، އެކަކު އަނެކަކު ލަފުގައި ހިފައިފައިވެއެވެ. އެކަން ހިނގީ އެއިން އެކަކު އަނެކަކަށް ހަމަލާދިނުމާ ގުޅިގެންނެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނި ގޮތުގައި ދެ ޕައިލެޓުންގެ ތަޅައިފޮޅުން ނިމުމަކަށް ގެނައީ ކެބިން ކުރޫންނެވެ. އަދި ފުލައިޓު މަންޒިލަށް ވާސިލުވަންދެން ކެބިން ކުރޫން ތެރެއިން އެކަކު ޕައިލެޓުންނާއެކު ކޮކްޕިޓުގައި މަޑުކުރިއެވެ.

މި ހާދިސާގެ ޚަބަރުތައް އެންމެ ފުރަތަމަ މީޑިއާއަށް ފެންމަތިވީ އެއާ ފުރާންސްގެ ބައެއް ޕައިލެޓުން އެކަށީގެންވާ ގޮތެއްގައި ސަލާމަތީ މިންގަނޑުތަކަށް އިހުތިރާމުނުކުރާކަމަށް ބުނެ، ފުރާންސްގެ ވައިގެ ކަންކަން ތަހުގީގުކުރާ އިދާރާ ބީއީއޭއިން ބަޔާނެއް ނެރުމާ ގުޅިގެންނެވެ.

ބީއީއޭގެ ރިޕޯޓަކީ 2020 ވަނަ އަހަރު ކޮންގޯއިން ޕެރިހަށް ދަތުރުކުރި ފުލައިޓެއްގައި ތެޔޮ ލީކުވާން ފެށުމުން ފުލައިޓުގެ މިސްރާބު ބަދަލުކުރި ނަމަވެސް، ސަލާމަތީ މިންގަނޑުތަކުގައި ބަޔާންކުރާ ގޮތަށް އިންޖީން ނިއްވައިނުލައި އަދި ވީހާވެސް އަވަހަށް ފުލައިޓު ނުޖައްސައި އުދުއްސުމާ ގުޅިގެން ނެރުނު ރިޕޯޓެކެވެ.

އެ ފުލައިޓުވަނީ ރައްކާތެރިކަމާއެކު ޗާޑުގައި ޖައްސާފައެވެ. ނަމަވެސް ބީއީއޭއިން ފާހަގަކުރި ގޮތުގައި ޕައިލެޓުން އަމަލުކުރި ގޮތުން އެ ފުލައިޓުގެ އިންޖީނުގައި އަލިފާން ރޯވުމަކީ އެކަށީގެންވާ ކަމެކެވެ.

ބީއީއޭގެ ރިޕޯޓާ ގުޅިގެން އެއާ-ފުރާންސުން ބުނެފައިވަނީ އެ ކުންފުނީގެ މަތިންދާބޯޓުތަކާއި ކެޕްޓަނުންގެ އަމަލުތައް ވަޒަންކުރުމަށް ސަލާމަތީ އޮޑިޓެއް ހަދަމުން އަންނަ ކަމަށެވެ. އަދި ބީއޭއީން އަޅަން ބުނެފައިވާ ހުރިހާ ފިޔަވަޅުތައް އަޅައި ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ