Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ސޯލިހު ސަރުކާރުގެ އިސްރާފުގެ ކުޑަ މިންވަރެއް އެންމެ އެމްބަސީއަކުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ހަރަދު ކުޑަކުރައްވާނެ ކަމުގެ ވައުދާއިގެންނެވެ. 2018 ވަނަ އަހަރުގެ ކެމްޕެއިން ދުވަސްވަރު އޭރުގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ރައީސް ސޯލިހް ވަނީ އޭރުގެ ސަރުކާރުގެ ސިޔާސީ މަޤާމުތައް ގިނަ ކަމުގައި ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި 400 އެއްހާ ސިޔާސީ މަޤާމު އޮތުމަކީ ބޮޑު އިސްރާފެއް ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ ތާރީހު ނުދެކޭ މިންވަރަކަށް ސިޔާސީ މަޤާމު އިތުރުކުރައްވައިފިއެވެ. ކޮވިޑު-19 ގެ ބަލިމަޑުކަމާއި އެކު ރާއްޖެއަށް ކުރިމަތިވި އިޤްތިސާދީ ދަތި ދުވަސްތަކުގެ ތެރޭގައިވެސް އެތައް ވަޒީފާއެއް އުފެއްދެވިއެވެ. މި ހިނގާ 2022 ވަނަ އަހަރަށް ބަލާއިރު ސިޔާސީ މަޤާމުތައް ހުރީ 1000 އަށްވުރެ މަތީގައެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް މިހާ ސިޔާސީ މަޤާމު އެންމެ ގިނަ ވެރިކަމުގެ ދައުރެވެ.

އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިންނަށް އެކި ނަންނަމުގައި މަޤާމުތައް ހަދައި ބަހަމުން ދާއިރު، އެންމެ ބޮޑު ހަރަދެއް ހިނގަމުންދަނީ ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ޤާއިމްކޮށްފައިވާ ދިވެހި އެމްބަސީތަކުގައި ތިބޭ ސިޔާސީ ފަރާތްތަކަށެވެ. އެކި އެކި އެލެވެންސްތަކުގެ ނަމުގައި އޭގެތެރެއިން ބައެއް ފަރާތްތަކަށް މަހެއްގެ މައްޗަށް ދެތިން ލައްކަ ރުފިޔާ ލިބެއެވެ.

ބޭރު ޤައުމުތަކުގައި ޤާއިމްކޮށްފައި ތިބޭ ދިވެހި އެމްބަސީތަކާއި މިޝަންތަކަށް ބަލާއިރު ސަރުކާރުން އެންމެ ބޮޑު ހަރަދެއް ކުރަނީ މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއަށެވެ. އެ އެމްބަސީއަށް ކުރާ ހަރަދަކީ މި ސަރުކާރުގެ އިސްރާފުގެ ކުޑަކުޑަ މިންވަރެކެވެ.

ދައުލަތުގެ ބައެއް އޮފީސްތަކަށްވުރެ ހަރަދު ބޮޑު

މިއަހަރަށް ސަރުކާރުން ފާސްކުރި ބަޖެޓުގައި މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީއަށް 33.5 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. މިއީ ދިވެހި ދައުލަތުގެ ބައެއް އޮފީސްތަކުގެ އަހަރީ ބަޖެޓަށްވުރެވެސް ބޮޑު އަދަދެކެވެ. މެލޭޝިޔާ އެމްބަސީއަށް ކުރާ ހަރަދު މިހާބޮޑަށް އިތުރުވެފައި މިވަނީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތްފަހުންނެވެ.

ޖުމްލަ 19 މުވައްޒަފުން އެ އެމްބަސީގައި މިހާރު ތިބޭއިރު ރައީސް ޔާމީންގެ ވެރިކަމުގައި އާންމުކޮށް އެ އެމްބަސީގައި ތިބީ 4-5 މުވައްޒަފުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ތިން އަހަރުގައި މެލޭޝިޔާ އެމްބަސީއަށް ބަޖެޓު ހޭދަކޮށްފައިވަނީ 43.16 މިލިއަން ރުފިޔާއެވެ. އެއީ އެވަރެޖްކޮށް އަހަރަކު 14 މިލިއަން ރުފިޔާއެވެ. ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 3 އަހަރު ޖުމްލަ 82.01 މިލިއަން ރުފިޔާ އެ އެމްބަސީއަށް ހަރަދުވެއްޖެއެވެ. އެއީ އަހަރަކު 27 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މި ސަރުކާރުން ހަމައެކަނި މެލޭޝިޔާ އެމްބަސީއަށް ކުރާ ހަރަދު ވަނީ 90 އިންސައްތަ އިތުރުވެފައެވެ.

ސަރުކާރުގެ ބައެއް އިދާރާތަކާއި އަޅާ ބަލާއިރުވެސް މެލޭޝިޔާ އެމްބަސީގެ ބަޖެޓު ބޮޑެވެ. މިސާލަކަށް އެޗްޕީއޭއަށް މިއަހަރު ކަނޑައަޅާފައިވާ ބަޖެޓަކީ 27 މިލިއަން ރުފިޔާއެވެ. އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް 26 މިލިއަން ރުފިޔާ، މޯލްޑިވްސް ބްލަޑް ސާވިސަސް އަށް 24 މިލިއަން ރުފިޔާ އަދި ދަމަނަވެއްޓަށް 7 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު މި ހުރިހާ ތަންތަނަކަށްވުރެ މެލޭޝިޔާ އެމްބަސީގެ ބަޖެޓު ބޮޑެވެ. މި އިދާރާތަކަކީ ބަޖެޓުގެ ތާށިކަން ބޮޑުވެގެން ކުރަންޖެހޭ ޒަރޫރީ ކަންތައްތައްވެސް ނުކުރެވޭ އިދާރާތަކެވެ.

އެންމެ މުވައްޒަފުން ގިނަ އެއް އެމްބަސީ

މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަކީ އެ ޤައުމުގައި ހުންނަ އެމްބަސީތަކުގެ ތެރެއިންވެސް ނިސްބަތުން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ތިބޭ އެއް އެމްބަސީއެވެ.

މިގޮތުން 19 މުވައްޒަފުން ދިވެހިރާއްޖޭގެ އެމްބަސީގައި ތިބޭއިރު މެލޭޝިޔާއާއި އެންމެ ގިނައިން ވިޔަފާރީގެ މުއާމަލާތްތައް ހިންގާ، އަދި ދުނިޔޭގެ އެންމެ މުއްސަނދި އެއް ޤައުމުކަމަށްވާ ސިންގަޕޫރު އެމްބަސީގައި ތިބެނީ 17 މުވައްޒަފުންނެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ ވަރުގަދަ 10 އިޤްތިސާދުގެ ތެރޭގައި ހިމެނޭ ޤައުމުތަކުގެ އެމްބަސީއަށްވުރެ ވެސް ދިވެހިރާއްޖޭގެ އެމްބަސީގެ މުވައްޒަފުން ގިނައެވެ. މިގޮތުން ޖަރމަނީ، ފްރާންސް، އިޓަލީ، ކެނެޑާ، އަދި ދެކުނު ކޮރެއާގެ އެމްބަސީތަކުގައި ތިބޭ މުވައްޒަފުން ރާއްޖޭގެ އެމްބަސީއަށް ވުރެ މަދެވެ. އިނގިރޭސިވިލާތް، އިންޑިއާ، އިންޑޮނޭޝިއާ، ފިލިޕިންސް، އޮސްޓްރޭލިއާ އަދި ޖަޕާނު ފަދަ މެލޭޝިޔާ އާއި އެކު ވިޔަފާރީގެ ގިނަގުން މުއާމަލާތްތައް ކުރާ، އަދި އެ ޤައުމުތަކުގެ ރައްޔިތުން ގިނަ އަދަދަކަށް މެލޭޝިޔާގައި އުޅޭ ޤައުމުތަކާއި ދާދި އެއްވަރަކަށް ރާއްޖޭގެ އެމްބަސީގައި މުވައްޒަފުން ތިބޭއިރު އެ މުވައްޒަފުން ކުރަންޖެހޭ މާ ބޮޑު މަސައްކަތެއްވެސް ނޯވެއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދިން މެލޭޝިޔާގައި އުޅޭ ދިވެހި ރައްޔިތަކު ބުނި ގޮތުގައި އެމްބަސީގެ ވަރަށް ގިނަ މުވައްޒަފުން އޮފީހަށް ވަޒީފާއަށްވެސް ނުދެއެވެ.

"އެމީހުން ނުޖެހޭ އޮފީހަށް ދާކަށް. ގިނަ މީހުން އުޅެނީ މިކޮޅުގައި ކިޔަވަން. އެކަމަކު ބަރާބަރަށް މުސާރަ ލިބޭ. ޑިޕްލޮމެޓިކް ޕްލޭޓު ޖެހި ކާރުގަ އުޅޭނީ" އޭނާ ބުންޏެވެ.

ރާއްޖޭ އެމްބަސީގައި 19 މުވައްޒަފުން ތިބޭއިރު އެމީހުންގެ ތެރެއިން ގިނަ މީހުންގެ އަނބިން/ފިރިން ވެސް ތިބެނީ މެލޭޝިޔާގައެވެ. އަދި އެމީހުންނަށް ހަރަދު ކުރަނީވެސް ދިވެހި ދައުލަތުންނެވެ.

އަދި މެލޭޝިޔާގައި އަނބިން/ފިރިން ނުތިބޭ މީހުންވެސް، ޑިޕެންޑެންސް އެލެވެންސްގެ ގޮތުގައި ފައިސާ ނަގައެވެ. މިގޮތުން، މެލޭޝިޔާ އެމްބަސީގެ ފަސްޓް ސެކެޓްރީއެއްގެ ގޮތުގައި ހުންނަ ބަދުރުއްދީނު ނަސީމް ގެ އަންހެނުން ގުރައިޝާ އިސްމާއިލްވެސް މެލޭޝިޔާގައި ހުންނަ ކަމަށް ލިޔެކިޔުންތަކުގައި ޖަހާފައި އޮވެއެވެ. އެހެން ނަމަވެސް ގުރައިޝާ އަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފުލްޓައިމް ވަޒީފާއެއްގައި އުޅޭ މީހެކެވެ. ގުރައިޝާ މެލޭޝިޔާގައި އުޅޭކަމަށް ލިޔެކިޔުންތަކުގައި ޖަހައިގެން، ޑިޕެންޑެންސް އެލެވެންސްގެ ގޮތުގައި އަހަރެއްގެ މައްޗަށް 7 ލައްކަ ރުފިޔާ ބަދުރު ނަގައެވެ. ބަދުރަކީ އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ޅިޔަނެވެ.

މެލޭޝިޔާ އެމްބަސީގައި މުވައްޒަފުން ގިނަވެގެން، މި ސަރުކާރު އައިފަހުން މިހާރު ވަނީ އެމްބަސީ ހިންގާ އިމާރާތްވެސް ބަދަލުކޮށްފައެވެ. ކުރިން ހުރި އިމާރާތުގައި އެ ހުރިހާ މުވައްޒަފުން ތިބޭ ޖާގަވެސް ނުހުރެއެވެ. "ދިޔަރެސް" އަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު މުޅި އަހަރަށް ބަޖެޓުކޮށްފައިވާ 33.5 މިލިއަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާ ހަރަދު ކުރަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. އެއީ އެވަރެޖްކޮށް ކޮންމެ މީހަކަށް އަހަރަކު 1.5 މިލިއަން ރުފިޔާއެވެ.

މިހާބޮޑު އިސްރާފެއް ސަރުކާރުން ކުރަމުން ގެންދަނީ ދިވެހިރާއްޖެއާއި ބޭރު ޤައުމުތަކާއި ގުޅުން ބަދަހިކޮށް ހިލޭ އެހީއާއި އިންވެސްޓްމެންޓު ރާއްޖެއަށް ގެނައުމުގެ ނަމުގައެވެ. އެހެން ނަމަވެސް ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރުގެ 10 އިންސައްތަވެސް އަދި މިއަހަރު ހިލޭ އެހީގެ ގޮތުގައި ނުލިބެއެވެ. އެންމެ ފަހުން ފިނޭންސް މިނިސްޓްރީން ހާމަކުރި ހިސާބުތަކަށް ބަލާއިރު ބަޖެޓު ދަރަނި މިހާރު ވަނީ 5.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ދުވާލަކު 23.8 މިލިއަން ރުފިޔާގެ ރޭޓުން ދަރަނި ވަނީ އިތުރުވެފައެވެ.

މި ލިއުމާއި ގުޅޭ