ކްރެޑިޓް ކާޑަށް ފައިސާ ނުދައްކައިގެން ދައުލަތުގެ ކަރަންޓު ކުންފުނި ސްޓެލްކޯގެ ލީގަލް ހެޑް މުހައްމަދު ހަލީމް (ހަލީމް ބާއީ) އަށް ދައުވާކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ހަލީމް ބާއީގެ މައްޗަށް ކުރި ދައުވާގެ އަޑު އެހުމެއް މިއަދު ސިވިލް ކޯޓުގައި ވަނީ ބާއްވާފައެވެ. އާންމު ގޮތެއްގައި ބީއެމްއެލް އިން މިފަދަ ދައުވާ އެއް ކުރާނީ ކޯޓުން ބޭރުން ފައިސާ ހޯދުމަށް ގިނަގުނަ މަސައްކަތް ކުރުމަށްފަހު އެއްވެސް އެހެން ގޮތެއް ނެތިގެންކަން ފާހަގަކުރެވެއެވެ.
ހަލީމް އަކީ މީގެ ކުރިން ސިވިލް ކޯޓުގެ ގާޒީއަކަށް އުޅުނު ފަރާތެކެވެ. އޭނާ ގާޒީކަމުން އިސްތިއުފާ ދީފައިވަނީ 2019 ވަނަ އަހަރުގައެވެ. އޭރު އޭނާ ބުނެފައިވާ ގޮތުގައި އެ މަޤާމުން އިސްތިއުފާ ދިނީ ސަރުކާރުން ޖުޑިޝަރީ އިސްލާހުކުރަން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
ހަލީމް އަކީ، ސިވިލް ކޯޓުގައި ބައެއް ހުކުމްތައް ފަނޑިޔާރު އަލީ ހަމީދު ބޭނުން ގޮތަށް ބަދަލުކުރިކަމަށް އަމިއްލައަށް އިއުތިރާފުވެ ފުލުހަށް ބަޔާން ދީފައިވާ މީހެކެވެ. މިގޮތުން "ހަވީރު" ނޫހުގެ މިލްކުވެރިކަމާއި ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލާގައި އެ ނޫހުގެ މުވައްޒަފުންނަށް އެހެން ތަނެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނާބައި އިތުރުކޮށްފައި ވަނީ އަލީ ހަމީދު ކަމަށާއި ހުކުމްތައް ބަދަލުކުރުމަށް ފަނޑިޔާރު އަލީ ހަމީދާއި އެކު ވާހަކަދައްކާފައިވަނީ "ވަޓްސް އެޕް" މެދުވެރިކޮށް ކަމަށް ހަލީމް ފުލުހަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.
އިންޑިއާ އިން ހަރަދުކޮށްގެން ހިންގާކަމަށް ތުހުމަތުކުރެވޭ މޯލްޑިވްސް ޔޫތުފޯސްގައި ވެސް ހަލީމް އުޅޭއިރު އޭނާ އެންމެ ފަހުން ފެނިފައިވަނީ އެތައް ބައެއްގެ އަތުން ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ އަލްހާން ފަހުމީގެ ވަކީލެއްގެ ގޮތުގައި އެ މައްސަލާގައި ހަރަކާތްތެރިވާ ތަނެވެ.
އަދި ސޯޝަލް މީޑިއާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ސަނާކިޔައި ޓުވީޓުކޮށް، އިދިކޮޅު ޕީޕީއެމް އާއި ރައީސް ޔާމީނަށް ނިސްބަތްކޮށް ހަޑިހުތުރު އެތައް ވާހަކައެއް ހަލީމް ދައްކާފައިވެއެވެ.