Saturday 13th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގައުޓަމް އަދަނީ

މޯދީއަށް ފާޑުކިޔާ އެންޑީޓީވީ ގަންނަން އޭނާގެ އެކުވެރި އަދާނީ މަސައްކަތްކުރަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސަތުތަކަށް ފާޑުކިޔާ އިންޑިއާގެ މަދު ޓީވީ ޗެނަލްތަކުގެ ތެރޭގައި ހިމެނޭ އެންޑީޓީވީ ގަންނަން މޯދީއާ ގާތްގުޅުމެއް އޮންނަ އޭޝިޔާގެ އެންމެ ބޮޑު މަހުޖަނު ގައުޓަމް އަދާނީ މަސައްކަތް ފަށާފައިވާކަމަށް ބައިނަލްއަޤުވާމީ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

މޯދީއަށް ފާޑުކިޔާ ޓީވީ ޗެނަލެއް އަދާނީ ގަންނަން މަސައްކަތް ފެށުމާއެކު، އިންޑިއާގައި މިނިވަން ނޫސްވެރިކަމުގެ މުސްތަޤުބަލު އޮންނާނެ ގޮތާމެދު އެ ޤައުމުގެ މުސްތަޤިއްލު ބައެއް ނޫސްވެރިން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެ ޓީވީ ޗެނަލް ގަންނަން އަދާނީ މަސައްކަތް ފެށިއިރު މޯދީގެ ސަރުކާރުގައި އެންޑީޓީވީއާ ދެކޮޅަށް ސަރުކާރުގެ އިދާރާތަކުން ބައެއް މައްސަލަތައް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި އެ ޓީވީގެ ޓެކުހާ ގުޅޭ މައްސަލަތަކެއްވެސް ސަރުކާރުން ފެންމަތިކޮށްފައިވެއެވެ. މުހައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުގެ މި ފިޔަވަޅުތަކަކީ ސިޔާސީ ސަބަބުތަކަށްޓަކައި އަަަޅަމުން އަންނަ ފިޔަވަޅުތަކެވެ.

އަދާނީ އޭއެމްޖީ މީޑިއާ ނެޓްވޯކްސްއިން އަންގާރަދުވަހުގައި ބުނެފައިވަނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ވީސީޕީއެލްއިން އެންޑީޓީވީގެ މުއައްސިސުން ކަމުގައިވާ ރަދިކާ އަދި ޕްރަނޯއީ ރޯއީގެ މިލްކުވެރިކަން އޮތް ކުންފުންޏެއްގެ 99.9 އިންސައްތަ ހިއްސާއަށް ބާރު ފޯރުވޭ ވޮރެންޓުތަކެއް ގަނެފައިވާ ކަމަށެވެ. އެ ކުންފުންޏަކީ އެންޑީޓީވީގެ 29 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އަދި އޭގެ އިތުރަށް އާންމުކޮށް ވިއްކާފައިވާ އެންޑީޓީވީގެ 26 ހިއްސާ ހިއްސާއަކަށް 3.70 ޑޮލަރުގެ އަގެއް އަދާނީގެ މީޑިއާ ކުންފުނިންވަނީ ހުށަހަޅާފައެވެ. އަދާނީ އެންޑީޓީވީ ގަންނަން އުޅޭކަމުގެ ވާހަކަތައް ފެތުރެން ފެށުމާއެކު އަންގާރަދުވަހުގައި އެ ކުންފުނީގެ ހިއްސާތައް އަންނަނީ އަގު މަތިވަމުންނެވެ.

އަދާނީގެ މީޑިއާ ކުންފުންޏަށް އެންޑީޓީވީގެ ހިއްސާތައް ބަދަލުކުރަން ރޯއީ ދެމަފިރިންނަށް 2 ދުވަހުގެ މުހުލަތެއް ދީފައިވާކަމަށް ބުނެ އަދާނީގެ ވީސީޕީއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ހިއްސާތައް އެ ކުންފުނިން ގަތީ އެންޑީޓީވީގެ މުއައްސިސުންގެ ބަހެއް ނުވަތަ ރުހުމެއް ހޯދައިގެން ނޫން ކަމަށެވެ.

އެންޑީޓީވީގެ މުއައްސިސުންގެ ރުހުމަކާ ނުލައި އެ ކުންފުނި ގަންނަން އަދާނީ ކުރާ މަސައްކަތާ ގުޅިގެން އެ ޓީވީގެ ނޫސްވެރިޔަކު ފައިނޭންޝަލް ޓައިމްސްއާ ވާހަކަދައްކަމުން ބުނެފައިވަނީ އެއީ ވަރށް ބޮޑަށް ހިތްވަރު އެލޭ ކަމެއް ކަމަށެވެ.

އިންޑިއާގެ އެންމެ ޒަމާންވީ އެއް ނޫސް ކަމުގައިވާ ދަ ހިންދޫ ނޫހުގެ ކުރީގެ އެޑިޓަރ އިން ޗީފް އެން ރާމް ބުނެފައިވަނީ މިއީ މުސްތަޤިއްލު މީޑިއާއަށް ކުރިމަތިވާ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި މި ޓީވީއަކީ މުސްތަޤިއްލުކަމާއެކު އިންޑިއާގައި މިހާރު ހިނގަމުން އަންނަ މަދު ޓީވީ ޗެނަލްތަކުގެ ތެރެއިން ޗެނަލަކަށްވުމުން އެ ޗެނަލް އަދާނީ ގަތުމަކީ ވަރަށް ނުބައި ލިސާނެއްގެ ގޮތުގައި ރާމް ފާހަގަކުރިއެވެ.

ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި އިންޑިއާވަނީ ފަހަތަށް ސޮއްސާލާފައެވެ. އެގޮތުން 2021 ވަނަ އަހަރު 142 ވަނާގައި އޮތް އިންޑިއާ މިހާރު އޮތީ 150 ވަނަ ދަރަޖައަށް ވެއްޓިފައެވެ.

މި ލިއުމާއި ގުޅޭ