Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އަސްލަމް

2023 ގައި ނިމޭނީ ކިތައް ހައުސިން ޔުނިޓު ކަމެއް ނޭނގެ: އަސަލަމް

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަންނަ އަހަރުގެ ތެރޭގައި ނިމޭނެ ހައުސިން ޔުނިޓުތަކުގެ އަދަދު ދަންނަވަން ނޭނގޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަޅަމުން އަންނަ ފްލެޓުތަކަށް އަންނަ އަހަރުގެ ކިހާ ހިސާބެއްގައި ވަދެވޭނެތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ޔައުގޫބް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އަންނަ އަހަރު ނިމޭނެ ފްލެޓުތަކާއި ހައުސިން ޔުނިޓުގެ އަދަދު ދަންނަވަން ނޭނގޭ ކަމަށެވެ.
އެކި މަޝްރޫއުތަކުގެ ސްޕީޑު ހުރީ އެކި މިންވަރުގައި ކަމުން އަންނަ އަހަރު މީހުންނަށް ވަދެވޭވަރު ވާނީ ކިހާ ފްލެޓަކަށް ކަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.
".. ބާރަށް މަސައްކަތްދާ ބައެއް ތަންތަން އެބަހުރި، ބައެއް ޔުނިޓްތައް ތަންކޮޅެއް ލޯ ކޮށްވެސް އެބަހުރި، އެހެންވީމަ ސީދާ މިހާ އަދަދަކަށް މީހުންނަށް ވަދެވޭނޭ ދަންނަވާކަށެއް އަޅުގަނޑަކަށް ނޭނގެ،" އަސްލަމް ވިދާޅުވި އެވެ.

"އެހެންނަމަވެސް ގިނަ ތަންތަން އަޅުގަނޑުމެންނަށް މީހުންނަށް ހަވާލުކުރެވޭ މިންވަރަށް [ނިންމޭނެ، މިހާރު އިމާރާތެއް ވަކި ވަރަކަށް ނިމުނީމަ މީހުންނަށް އެތަންތަނުގެ ރަޖިސްޓްރީވެސް ހަދައިދެވޭ، ގާނޫނު ޖާގަދޭ އެކަން ކުރުމަށް. އެހެންވީމަ ޔަގީންކަން ލިބޭ ހިސާބަށް މަސައްކަތް ދިޔައީމަ އެކަން ކުރެވޭނެ."

އެކަމަކު ފުލުހުންނާއި ސިފައިންނަށް އަޅަމުންދާ ފްލެޓްތައް ނިމޭނީ ކިހާތަނެއްގައިތޯ ޔައުގޫބް ކުރި ސުވާލަށް މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ.

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރާ 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި 2019 އިން ފެށިގެން މިދިޔަ ޖޫން މަހާ ހަމައަށް އަތޮޅުތެރޭގައި 1،656 ހައުސިން ޔުނިޓުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ނިމުނީ 351 ޔުނިޓުގެ މަސައްކަތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2013 އިން 2017 ވަނަ އަހަރުގެ ނިޔަލަށް އަތޮޅުތެރޭގައި 1،500 ހައުސިން ޔުނިޓް ގާއިމްކުރި އެވެ.

މި ލިއުމާއި ގުޅޭ