ނޮވެންބަރު މަހުގެ ނިޔަލަށް ޔޫރަޕުގެ މޫސުން ވަރަށް ބޮޑަށް ހޫނުވެފައި ވާރޭ ވެހުން މަދުވުމުގެ ސަބަބުން، ޔޫރަޕުގެ ދެބައިކުޅަ އެއްބައަށް ހަނަފަސްކަން ކުރިމަތިވެދާނެކަމަށް ވިލާތުގެ އިއްތިހާދުގެ އިދާރާއަކުން އިންޒާރު ދީފިއެވެ.
ރަޝިޔާއިން ލިބޭ ގޭސް މަދުވުމުގެ ސަބަބުން ހަކަތައިގެ ދާއިރާއިން މިހާރުވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ޔޫރަޕަށް ހަނަފަސްކަމުގެ ސަބަބުން އެކަށީގެންވާ މިންވަރަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ނުއުފެއްދި ދިރިއުޅުމުގެ އަގުތައް އިތުރަށް މަތިވެދާނެކަމުގައި ބެލެވެއެވެ.
އީޔޫގެ ކޮމިޝަނާ ފޯ ރިސާޗް އެންޑް އިނޮވޭޝަން މާރިޔާ ގެބްރިއެލް ވިދާޅުވީ ހޫނު ރާޅުގަނޑުތަކާއި ހަނަފަސްކަން އެކުވުމުން މުޅި ވިލާތުގެ އިއްތިހާދުގައި ކުރިން ދުވަހަކުވެސް ނެތް މިންވަރަށް ފެނަށް ބޭނުންޖެހުން އިތުރުވެފައިވާ ކަމަށެވެ. އާންމު މިންވަރަށްވުރެ އިތުރަށް ގަސްފަގުގައި އަލިފާން ރޯވުމާއި، ހޫނުގެ ސަބަބުން ދަނޑުވެރިކަމުގެ އުފެއްދުންތައް ވަރަށް ބޮޑަށް މަދުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އިޓަލީއާއި ދެކުނު އިރުމަތީ އަދި އުތުރު ހުޅަނގު ފުރާންސާއި އިރުމަތީ ޖަރުމަނާއި އިރުމަތީ ޔޫރަޕާއި ދެކުނު ނޯވޭއާއި ބޮލްކަން ޤައުމުތަކުގެ ބޮޑު ބައަކަށް ވަރަށް ބޮޑަށް ހަނަފަސްކަމުގެ އަސަރުކުރާނެ ކަމަށް އީޔޫގެ ޖޮއިންޓް ރިސާޗް ސެންޓަރުން އަންގާރަދުވަހު ޝާއިއުކުރި ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ޔޫރަޕުގެ 47 އިންސައްތަ ސަރަހައްދު އޮތީ ހަނަފަސްކަން ކުރިމަތިވެދާނެކަމަށް އިންޒާރު ދޭންޖެހޭ ހާލަތުގައި ކަމަށެވެ. އަދި 17 އިންސައްތަ ސަރަހައްދުގައި މިހާރުވެސް ހަނަފަސްކަން އެބައޮތް ކަމަށެވެ. އަދި މި ހަނަފަސްކަމުގެ ސަބަބުން ހަކަތައިގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެގޮތުން ފެނުން ކަރަންޓު އުފައްދާ ޕްލާންޓުތަކުގެ މަސައްކަތް ހުއްޓުމަކަށް އަންނާނެ ކަމަށާއި، އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފައްދާ ތަންތަނުގައި ބޭނުންކުރާ އާލާތްތައް ފިނިކުރާ ނިޒާމުތައްވެސް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކުރިއެވެ.
މި ހޫނު މޫސުމަކީ ޔޫރަޕަށް އެންމެ މަދުން ވިއްސާރަކުރި އެއް ހޫނު މޫސުމެވެ. ސައެންސްވެރިން ވިދާޅުވި ގޮތުގައި ވިއްސާރަކުރާ މިންވަރު މަދުވުމަކީ މޫސުމީ ބަދަލުތަކުގެ އަސަރު ހީކުރި މިންވަރަށްވުރެ ބޮޑުވެފައި ހަލުއިކަމުގެ އަލާމާތެކެވެ. ޔޫރަޕު ބައްރުގައި ބޮޑެތި ޖަންގަލިތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި 19 އަހަރުގެ އަލިފާން ރޯވި މޫސުންތަކުގައި އެދި މިންވަރަށްވުރެ 4.6 ގުނަ އިތުރަށް މި އަހަރު އަލިފާން ރޯވި ކަމަށް ސައެންސްވެރިން ބުނެއެވެ.
މި އަހަރުގެ ޖޫން މަހުގައި ވިލާތުގެ އެންވިރޮމެންޓް އެޖެންސީން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ސިނާއީ އިންޤިލާބުގެ ކުރީގެ އަހަރުތަކާ އަޅާބަލާއިރު މުޅި ވިލާތުގެ ބައްރުގެ ހޫނުމިން 2 ޑިގުރީ ސެލްސިއަސް މައްޗަށް އުފުލިފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގައި މި ހޫނު މޫސުމުގައި ވާރޭ ވެހިފައިވަނީ ވަރަށް މަދުންނެވެ. ނަތީޖާއެއްގެ ގޮތުން އޯގަސްޓު މަހުން ފެށިގެން އެ ޤައުމުވަނީ ހަނަފަސްކަމުގެ ހާލަތެއްގައިކަމަށް އެ ޤައުމުގެ އިދާރާތަކުން އިއުލާނުކޮށްފައިވެއެވެ. އެގޮތުން އަންގާރަ ދުވަހުގައި އެ ޤައުމުގެ 14 ސަރަހައްދުގެ ތެރެއިން 10 ސަރަހައްދެއް އޮތީ ރަސްމީކޮށް ހަނަފަސްކަމުގެ ހާލަތުގައިކަން ސަރުކާރުން އިއުލާނުކުރިއެވެ.
ހޫނުގަދަވުމާއި ވިއްސާރަކުރުން މަދުވުމުގެ ސަބަބުން މި އަހަރު ޔޫރަޕުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް އުފައްދާނެ ކަމަށް އަންދާޒާކުރާ މިންވަރު ވަރަށް ބޮޑަށްވަނީ މަދުވެފައެވެ. މި ހޫނާއި ހަނަފަސްކަމުގެ ސަބަބުން އެންމެ ބޮޑަށް މަދުވާނެކަމަށް ބެލެވެނީ ސަންފްލާވާއާއި ސޯޔާ ބީންސް ފަދަ ދަނޑުވެރި އުފެއްދުންތަކެވެ.