Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ރައީސުން

ކުރީގެ ރައީސުންގެ އިނާޔަތް: އެންމެ ގިނައިން އަދި އެންމެ މަދުން ޚަރަދުވަނީ ކޮން ބޭފުޅަކަށް؟

ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރެއްވި ބޭފުޅުންނަށް މިހާތަނަށް 115 މިލިއަން ރުފިޔާ ޚަރަދުވެފައިވޭ

ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅުންނަށް ޤާނޫނުގެ ދަށުން ދޭ އިނާޔަތްތަކުގެ ގޮތުގައި ކޮންމެ ބޭފުޅަކު ފައިސާ ނަންގަވާ މިންވަރު ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން އަންނަ މާލީ އިނާޔަތްތަކުގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހޯދުމަށް "ދިޔަރެސް"އިން އެދުމުން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ކުރީގެ ރައީސްކަން ކުރެއްވި ހަތަރު ބޭފުޅަކަށް ދައުލަތުން މާލީ އިނާޔަތް ދެއެވެ.

އެގޮތުން ދައުލަތުން މާލީ އިނާޔަތްތައް ލިބިވަޑައިގަންނަވާ ހަތަރު ރައީސުންނަށް ޖުމްލަ 115،290،660 (ސަތޭކަ ފަނަރަ މިލިއަން ދެލައްކަ ނުވަދިހަ ހާސް ހަސަތޭކަ ފަސްދޮޅަސް) ރުފިޔާ އިނާޔަތުގެ ގޮތުގައި ދައުލަތުން މިހާތަނަށް ޚަރަދުކޮށްފައިވެއެވެ.

އެންމެ ގިނައިން އިނާޔަތް ނަންގަވަނީ ރައީސް މައުމޫން

އަހަރެއްގެ މައްޗަށް އިނާޔަތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ޚަރަދުވެފައިވަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމަށެވެ. އެގޮތުން އެމަނިކުފާނަށް އެވެރެޖުކޮށް އަހަރެއްގެ މައްޗަށް 4 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. ބައެއް އަހަރުތަކުގައި 5 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއްވެސް އިނާޔަތުގެ ގޮތުގައި ރައީސް މައުމޫނަށް ޚަރަދުވެފައިވެއެވެ.

2010 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ މިހާތަނަށް ރައީސް މައުމޫނަށް މާލީ އިނާޔަތުގެ ގޮތުގައި ޖުމްލަ 54.4 މިލިއަން ރުފިޔާ ދިވެހި ދައުލަތުން ޚަރަދުކޮށްފައިވެއެވެ.

ކޮންމެ އަހަރަކު ރައީސް މައުމޫނަށް ދީފައިވާ މާލީ އިނާޔަތްތައް

  • 2010: 5.3 މިލިއަން ރުފިޔާ
  • 2011: 4.3 މިލިއަން ރުފިޔާ
  • 2012: 4.4 މިލިއަން ރުފިޔާ
  • 2013: 5.1 މިލިއަން ރުފިޔާ
  • 2014: 4.2 މިލިއަން ރުފިޔާ
  • 2015: 4.6 މިލިއަން ރުފިޔާ
  • 2016: 4.7 މިލިއަން ރުފިޔާ
  • 2017 3.6 މިލިއަން ރުފިޔާ
  • 2018: 3.6 މިލިއަން ރުފިޔާ
  • 2019: 3.7 މިލިއަން ރުފިޔާ
  • 2020: 4.1 މިލިއަން ރުފިޔާ
  • 2021: 4.1 މިލިއަން ރުފިޔާ
  • 2022: 2.2 މިލިއަން ރުފިޔާ

ރައީސް މައުމޫނަށް މާލީ އިނާޔަތުގެ ގޮތުގައި އެކަނި އަހަރެއްގެ މައްޗަށް 900،000 ރުފިޔާ އަދި އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި 2.1 މިލިއަން ރުފިޔާއާއި ދިރިއުޅުއްވާ ތަނުގެ ޚަރަދުގެ ގޮތުގައި 600،000 ރުފިޔާ ދައުލަތުން ދެއެވެ. އަދި ބޭސްފަރުވާގެ ޚަރަދުގެ ގޮތުގައި އެކި އަހަރު އެކި މިންވަރުން ދައުލަތުން ޚަރަދުކޮށްފައިވެއެވެ.

ރައީސް މައުމޫން ފިޔަވައި އެންމެ ބޮޑު ޚަރަދެއް އަހަރެއްގެ މައްޗަށް ކުރެވިފައިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށެވެ. އެމަނިކުފާނަށް އެވެރެޖުކޮށް ކޮންމެ އަހަރަކުވެސް 3 މިލިއަން ރުފިޔާ ދައުލަތުން އިނާޔަތުގެ ގޮތުގައި ޚަރަދުކުރެއެވެ.

2012 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ރައީސް ނަޝީދަށް ދައުލަތުން ކުރީގެ ރައީސެއްގެ އިނާޔަތުގެ ގޮތުގައި 33.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ކޮންމެ އަހަރަކު ރައީސް ނަޝީދަށް ދައުލަތުން ދިން އިނާޔަތް

  • 2012: 2.9 މިލިއަން ރުފިޔާ
  • 2013: 3.3 މިލިއަން ރުފިޔާ
  • 2014: 3.6 މިލިއަން ރުފިޔާ
  • 2015: 3.3 މިލިއަން ރުފިޔާ
  • 2016: 3.2 މިލިއަން ރުފިޔާ
  • 2017: 3.3 މިލިއަން ރުފިޔާ
  • 2018: 3.3 މިލިއަން ރުފިޔާ
  • 2019: 2.1 މިލިއަން ރުފިޔާ
  • 2021: 3.7 މިލިއަން ރުފިޔާ
  • 2022: 1.7 މިލިއަން ރުފިޔާ

2020 ވަނަ އަހަރުން ފެށިގެން ރައީސް ނަޝީދު ދިރިއުޅުއްވާ ތަނަށް ޚަރަދެއް ނުނަންގަވައެވެ. އަދި މާލީ އިނާޔަތުގެ ގޮތުގައި ދޭ ފައިސާއެއްވެސް ނުނަންގަވައެވެ. 2020 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ނަންގަވަނީ އޮފީސް ހިންގުމުގެ ޚަރަދަށް ނަންގަވާ 2.1 މިލިއަން ރުފިޔާއެވެ. އެ އަހަރުތަކުގައި އޭގެ އިތުރަށް އެމަނިކުފާނަށް ހިނގާފައިވާ ޚަރަދަކީ ބޭސްފަރުވާއަށް ހިނގާފައިވާ ޚަރަދުތަކެވެ.

ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަންމަނިކު މާލީ އިނާޔަތް ނުނަންގަވައެވެ. އެމަނިކުފާނު ނަންގަވަނީ ދިރިއުޅުއްވާ ތަނުގެ ޚަރަދާއި ކުރީގެ ރައީސް އޮފީސް ހިންގެވުމުގެ ޚަރަދެވެ. އެމަނިކުފާނަށް 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައި ލިބިވަޑައިގަންނަވަނީ 2.7 މިލިއަން ރުފިޔާއެވެ. މިހާތަނަށް އެމަނިކުފާނަށް ޚަރަދުވެފައިވަނީ 23.2 މިލިއަން ރުފިޔާއެވެ.

އެންމެ މަދުން ފައިސާ ހޭދަވީ ރައީސް ޔާމީނަށް

ކުރީގެ ރައީސުންނަށް ދައުލަތުން ކުރާ ޚަރަދުގެ ތެރެއިން އެންމެ ކުޑަ ޚަރަދެއް ހިނގާފައިވަނީ ރައީސް ޢަބްދުﷲ ޔާމީނަށެވެ. އެހެން ރައީސުން ނަންގަވާ ވަރަށް ގިނަ އިނާޔަތްތައް އެމަނިކުފާނު ނުނަންގަވައެވެ. އެގޮތުން ކުރީގެ ރައީސް އޮފީސް ހިންގުމުގެ ޚަރަދަށް އެއްވެސް ފައިސާއެއް ރައީސް ޔާމީން ނުނަންގަވައެވެ. އެމަނިކުފާނަށް އަހަރެއްގެ މައްޗަށް ދައުލަތުން އިނާޔަތުގެ ގޮތުގައި ހޭދަވެފައިވަނީ 1.2 މިލިއަން ރުފިޔާއެވެ.

ކޮންމެ އަހަރަކު ރައީސް ޔާމީނަށް ޚަރަދުކޮށްފައިވާ ފައިސާ

  • 2018: 146،666.66 ރުފިޔާ
  • 2019: 1.2 މިލިއަން ރުފިޔާ
  • 2020: 1.2 މިލިއަން ރުފިޔާ
  • 2021: 1.2 މިލިއަން ރުފިޔާ
  • 2022: 600،000 ރުފިޔާ

ރައީސް ޔާމީން ރައީސް ކަމުން ވަކިވެވަޑައިގެންނެވި ދުވަހުން ފެށިގެން މިހާތަނަށް އެމަނިކުފާނަށް ޚަރަދުކޮށްފައިވަނީ 4.3 މިލިއަން ރުފިޔާއެވެ.

ރައީސް ޔާމީން ވެރިކަމުން ވަޑައިގެންނެވި ފަހުން ފާއިތުވި މުއްދަތުގައި އެމަނިކުފާނަށް 4.3 މިލިއަން ރުފިޔާ އިނާޔަތުގެ ގޮތުގައި ޚަރަދުވެފައިވާއިރު، ކުރީގެ ރައީސުންގެ އިނާޔަތް ދޭން ފެށި ފަހުން ފުރަތަަ ފަސް އަހަރު އެކަނި ރައީސް މައުމޫނަށް 19.1 މިލިއަން ރުފިޔާ ޚަރަދުވިއެވެ. ރައީސް ނަޝީދަށް އިނާޔަތް ލިބިވަޑައިގެންނެވި ފުރަތަމަ ފަސް އަހަރުގައި އެކަނި އެމަނިކުފާނަށްވެސް 16.3 މިލިއަން ރުފިޔާ ހޭދަވިއެވެ.

މި ލިއުމާއި ގުޅޭ