މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބްރިގޭޑިއާ ޖެނެރަލްގެ މަޤާމުގައި ހުންނެވުމަށްފަހު ރިޓަޔާކުރެއްވި މިހާރު ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޒަކަރިއްޔާ މަންސޫރަށް، ރިޓަޔާ ކުރެއްވުމުން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާއިރު މިހާރުވެސް މަހަކު 51،730 ރުފިޔާ ދެމުންދާކަން ހާމަވެއްޖެއެވެ.
ޒަކަރިއްޔާ މަންސޫރު މަޤާމުގައި ހުންނެވިއިރު އަދި ރިޓަޔާކުރެއްވުމާ ގުޅިގެންނާއި މިހާރު ދައުލަތުން އޭނާއަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތަކާ ގުޅޭ ތަފުސީލު އާންމު ފަރާތަކުންވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން ހޯދައި އާންމުކޮށްފައެވެ.
އެ މައުލޫމާތަށް ބަލާއިރު ރިޓަޔާކުރެއްވުމުގެ ކުރިން ޒަކަރިއްޔާއަށް އަސާސީ މުސާރައިގެ ގޮތުގައި 27،240 ރުފިޔާ އަދި ސާވިސް އެލަވެންސްގެ ގޮތުގައި 4،500 ރުފިޔާއާއި ސާވިސް އެލަވެންސް އިންކްރެމްންޓުގެ ގޮތުގައި 2،500 ރުފިޔާއާއި ނޮން ޕްރޮޓެކްޓިވް އެލަވެންސްގެ ގޮތުގައި 10،896 ރުފިޔާއާއި ފަންނީ އެލަވެންސްގެ ގޮތުގައި 4،086 ރުފިޔާ އަދި ލޯންގް ސާވިސް އެލަވެންސްގެ ގޮތުގައި 6،810 ރުފިޔާ އަދި ފޯނު އެލަވެންސަށް 1،000 ރުފިޔާ ލިބިވަޑައިގަތެވެ.
އެހެންކަމުން މުސާރައާއި އިނާޔަތުގެ ގޮތުގައި ރިޓަޔާކުރެއްވުމުގެ ކުރިން ޒަކަރިއްޔާ މަންސޫރަށް ލިބިވަޑައިގަތީ 57،032 ރުފިޔާއެވެ.
ޒަކަރިއްޔާ މަޤާމުން ރިޓަޔާކުރެއްވުމާ ގުޅިގެން އެއްފަހަރާ ގަނޑުކޮށް 1،007،880 (އެއްމިލިއަން ހަތްހާސް އަށްސަތޭކަ އަށްޑިހަ) ރުފިޔާ ދިނެވެ. އަދި ކޮންމެ މަހަކު ރިޓަޔާކުރުމާ ގުޅިގެން ދޭ އެލަވެންސްގެ ގޮތުގައި 20،430 ރުފިޔާ ލިބިވަޑައިގަންނަވައެވެ.
މިހާރު އޭނާ ހުންނަވަނީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމުގައެވެ. އެ މަޤާމުގެ އަސާސީ މުސާރައިގެ ގޮތުގައި 18،000 ރުފިޔާ އަދި ލިވިން އެލަވެންސްގެ ގޮތުގައި 12،500 ރުފިޔާ އަދި ފޯނު އެލަވެންސްއަށް 800 ރުފިޔާ ކޮންމެ މަހަކު ލިބިވަޑައިގަންނަވައެވެ.
އެހެންކަމުން ޒަކަރިއްޔާ މަންސޫރު ރިޓަޔާކުރެއްވި ފަހުން އެންސީޓީސީގެ ވެރިޔާގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައާއި އިނާޔަތްތަކާއި ރިޓަޔާކުރެއްވުމާ ގުޅިގެން ކޮންމެ މަހަކު ލިބިވަޑައިގަންނަވާ އެލަވެންސްގެ ގޮތުގައި ޖުމްލަ 51،730 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.