ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި އޮތް އިވެންޓުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި ދީނީ އިލްމުވެރިޔާ އައްޝައިހް ފަޟްލޫން މުހައްމަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.
ޔޫތު މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި މިހަރަކާތް ކުރިއަށްދިޔަ ވަގުތު އެ ތަނަށް ވަދެ ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށް ޝެއިޚް ފަޒްލޫން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
އެއަށްފަހު ޝެއިޚްގެ ބަންދުގެ މުއްދަތު އެތައް ފަހަރެއްގެ މަތިން އިތުރު ކުރުމަށްފަހު، ޖުލައި 21 ވަނަ ދުވަހު ޝަރުތުތަކަކާއިއެކު އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އެގޮތުން އެ ކޯޓުން ޝަރުތު ކޮށްފައިވަނީ، މާލެއިން އަދި ރާއްޖެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމަށާއި, އެޑްރެސް ބަދަލުވެއްޖެނަމަ އެކަން ވެސް އެންގުމަށާއި, ފުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދިނުމަަށެވެ.
ކްރިމިނަލް ކޯޓުން ޝަރުތު ތަކަކާއި އެކު ޝައިޚް ފަޒްލޫން ދޫކޮށްލި ނަމަވެސް ޕީޖީން ބޭނުންވަނީ އެބޭފުޅާ ބަންދުގައި ބެހެއްޓުމަށެވެ. ޕީޖީން ބުނެފައިވަނީ ސެއިޚް ފަޒްލޫން އަކީ މުޖުތަމައުއަށް ދޫކޮށްލައިފި ނަމަ ނުރައްކާތެރި އަމަލެއް ހިންގަފާނެ ފަދަ މީހެއް ކަމަށެވެ.