ޤާނޫނުލްއުޤޫބާތުގައި ޤިޞޯޞްގެ ޙުކުމް ނެތިފައިވަނިކޮށް އޭގައި އެޙުކުމް ހިމަނައިދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝައިޚް މުހައްމަދު މިފަދައިން ވިދާޅުވީ މިހާރު ނޫހުން ލިޔެފައިވާ ހެޑްލައިން އެއް ހިއްސާ ކޮށް ކުރީގެ ނޫސްވެރިޔާ، ހޯމް މިނިސްޓްރީގެ ޑިރެކްޓަރ އަހުމަދު މަޢުރޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އެ ހެޑްލަން ގައި ބުނެފައިވަނީ، "މަރުގެ އަދަބު ހިފުމަކީ އެއްވެސް ރައީސްއަކަށް ފަސޭހަކަމެއް ނޫން ކަމަށް" މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައީސް ޔާމިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ.
މައުރޫފް ކުރެއްވި އެޓުވީޓުގައި ވިދާޅުވެފައިވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގައި ދެއްކެވި ވާހަކައާ ގުޅިގެން އެންމެ ބޮޑަށް ފާޑުކިޔާފައިވާ
ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ސަލަފް ޖަމިއްޔާގެ ރައީސް މުހައްމަދު އަދި ޝެއިޚް ފިކުރީ ފަދަ ބޭފުޅުން މިއަދު ކޮބައިތޯ؟ ކަމަށެވެ.
އެޓްވީޓަށް ރައްދު ދެއްވައި ޝައިޚް މުހައްމަދު ވިދާޅުވީ މިޔަދުވެސް އެބޭފުޅުން ތިއްބެވީ އިއްޔެވެސް ތިއްބެވި ގޮތަށް ކަމަށެވެ. އަދި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޤިޞޯޞް ހިފުމަށް ފުރުޞަތު ދޭނެކަމަށެވެ. އަދި ގާނޫނު އަސާސީގައި މަރުގެ ހުކުމް ނުހިމަނައި ވަނިކޮށް އެކަން ހިމަނައިދެއްވީ ރައީސް ޔާމިން ކަމަށް ޝެއިޚް މުހައްމަދު ވިދާޅުވިއެވެ.
ޤާނޫނުލްއުޤޫބާތުގައި ޤިޞޯޞްގެ ޙުކުމް ނެތިފައިވަނިކޮށް އޭގައި އެޙުކުމް ހިމަނައިދެއްވީ އެމަނިކުފާނެވެ. އޮޅުވާނުލައްވާށެވެ!!ސަލަފްގެ ރައީސް މުހައްމަދު
މިސަރުކާރުގެ ސިޔާސަތަކީ މަރުގެ އަދަބު ތަންފީޒުނުކުރެއްވުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓެއް ހިމަނައިގެން ކުރެއްވި އެޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ހޯމްނިސްޓްރީގެ ޑިރެކްޓަރ އަހުމަދު މަޢުރޫފް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މަރުގެ ހުކުމާއި ގުޅޭގޮތުން ރައީސް ޔާމިން ވިދާޅުވީ އިސްލާމީ ދީނުގައި ވާގޮތަށް ގިސާސް ހިފުމަކީ އަދިވެސް އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތްކަމަށާއި ދެން ވެރިކަމަށް އާދެވުނަށް އެކަން އެގޮތަށް ތަންފީޒު ކުރައްވާނެ ކަމަށެވެ.
ނަމަވެސް ރައީސް ޔާމިން މަރުގެ އަދަބާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅު މާނަ އޮޅޭގޮތަށް ސަރުކާރަށް ތާއީދު ކުރާ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.