Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތާރީޚު

ރާއްޖޭގެ ތާރީޚު ދިރާސާކުރެއްވި އެމެރިކާގެ އިލްމުވެރިޔާ ކްލެރެންސް މެލޯނީ އަވަހާރަވެއްޖެ

ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި ރާއްޖޭގެ ތާރީޚާމެދު ފުޅާ ދާއިރާއެއްގައި ލިޔުއްވި އެމެރިކާގެ މުއައްރިޚު އަދި އެންތުރޮޕޮލޮޖިސްޓް ކްލަރެންސް މެލޯނީ އަވަހާރަވެއްޖެއެވެ.

އޯގަސްޓު 6, 2022 ވަނަ ދުވަހު އުމުރުފުޅުން 87 އަހަރުގައި އަވަހާރަވި ކްލަރެންސްއަކީ އެމެރިކާގެ ޔުނިވާސިޓީތަކުގައި ދެކުނު އޭޝިޔާއާ ގުޅޭ ދިރާސާތައްކުރައްވައި ކިޔަވައިދެއްވި އިލްމުވެރިއެކެވެ. ރާއްޖޭގެ ތާރީޚާއި އާދަކާދަ ދިރާސާކުރެއްވުމަށް 1970ގެ ތެރޭގައި ރާއްޖެއަށް އޭނާ ވަޑައިގެން ރާއްޖޭގެ ރަށްތަކަށް ޒިޔާރާތްކުރެއްވިއެވެ.

އެންމެ ފުރަތަމަ ވަރަށް ކުރު ދަތުރުފުޅެއްގައި އޭނާ ރާއްޖެއަށް ވަޑައިގެންނެވި 1974 ވަނަ އަހަރުގައެވެ. އެއިރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ދެކުނު އޭޝިޔާގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ވަރުގަދަކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ ފަހުން 1975 ވަނަ އަހަރުގައި ދެވަނަ ދަތުރުފުޅެއްގައި ރާއްޖެއަށް ކްލަރެންސް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ދަތުރުކުރެއްވިއެވެ. އަދި ގިނަ ބައެއްގެ ބަސްދީގަތުންތައް ނަންގަވައި، ރެކޯޑުކުރެއްވިއެވެ. އެ ދަތުރުފުޅުގައި ގިރާވަރު މީހުންނާ ބައްދަލުކުރެއްވިއެވެ. އޭނާ ދަތުރުކުރެއްވީ ދިވެހިން އެއިރު ދަތުރުކުރި އޮޑިފަހަރުގައި ދިވެހިން ދަތުރުކުރި ގޮތަށެވެ. ދިވެހިން ކައިއުޅުނު ގޮތަށް ކައިއުޅުނު އެއްޗެހި ފަރިއްކުޅުއްވައިގެންނެވެ

އަދި އެ ދަތުރުފުޅުގައި ފަހުން އޭނާވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށްވެސް ވަޑައިގެންފައެވެ. އަދި ގާތްގަނޑަކަށް ބައި އަހަރެއްހައި ދުވަސް ރާއްޖޭގައި ހޭދަކުރެއްވިއެވެ. ދިވެހިންގެ މެހެމާންދާރީއާއި އޯގާތެރިކަމުގެ ވާހަކަ އޭނާ ފާހަގަކުރެއްވިއެވެ.

1976 ވަނަ އަހަރު އޭނާ ރާއްޖެއަށް ކުރެއްވި ތިންވަނަ ދަތުރުފުޅުގައި އެއިރު ރާއްޖެއަށް ތައާރަފުވަމުން އައި ފަތުރުވެރިކަމުގެ ސަބަބުން ދިވެހިންގެ އާދަކާދައަށް އަންނަމުން އައި ބަދަލުތަކާމެދު ކަންބޮޑުވެވަޑައިގަންނަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކްލަރެންސް ރާއްޖެއަށް ކުރެއްވި ތިން ދަތުރުފުޅުގައި އެއްކުރެއްވި މައުލޫމާތުތަކުގެ މައްޗަށް ބިނާކުރައްވައި "ޕީޕަލް އޮފް ދި މޯލްޑިވް އައިލެންޑްސް"ގެ ނަމުގައި 400 ސަފުހާގެ ފޮތެއް ލިޔުއްވިއެވެ. އެ ފޮތް ޝާއިއުކޮށްފައިވަނީ 1980 ވަނަ އަހަރުއެވެ. އެއީ ރާއްޖޭގެ ތާރީޚާއި ސަގާފަތާ ގުޅޭ ގޮތުން އެންތުރޮޕޮލިޮޖީގެ ނަޒަރުން ލިޔެވުނު ތަފުސީލީ ފުރަތަމަ ފޮތެވެ.

މި ލިއުމާއި ގުޅޭ